ސްޓެލްކޯއިން ކަރަންޓް ދޭ މިސްކިތްތަކަށް ވެސް ދެން ބިލް ކުރާނީ ޑޮމެސްޓިކް ރޭޓުގައި: އެމްޑީ

އަންނަ މަހުން ފެށިގެން ސްޓެލްކޯއިން ކަރަންޓްދޭ މިސްކިތްތަކުގެ ބިލުކުރާނީ ޑޮމެސްޓިކް ރޭޓުގައި ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ފަހުމީ މިފަދައިން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އުތުރުގެ ހަތަރު އަތޮޅަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ރޭ ކުޅުދުއްފުށި ސިޓީއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާއެއްގައި އެކަން ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައިވަނިކޮށެވެ.
އެކަމާ ގުޅިގެން ފަހުމީ ވިދާޅުވީ މިސްކިތްތަކުގައި ބޭނުންކުރާ ކަރަންޓަށް ބިލްކުރުން ޑޮމެސްޓިކް ރޭޓަށް ބަދަލުކުރެއްވުމަށް ރައީސް ނިންމެވި ނިންމެވުމަށް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި އެމަނިކުފާނު ރޭ ކުޅުދުއްފުށި ސިޓީގައި އިއުލާނުކުރެއްވި ފަދައިން މާލެ ސަރަހައްދާއި ސްޓެލްކޯއިން ކަރަންޓުގެ ހިދުމަތްދޭ އެހެން ރަށްރަށުގައިވެސް ކުރިއަށް އޮތް މަހުން ފެށިގެން މިސްކިތްތަކުގައި ބޭނުންކުރާ ކަރަންޓަށް ބިލްކުރަމުންދާނީ ޑޮމެސްޓިކް ރޭޓުން ކަމަށް ފަހުމީ ވިދާޅުވިއެވެ.
ފަހުމީ އިތުރަށް ވިދާޅުވީ މިއީ ލާމަރުކަޒީ ނިޒާމުގެ މުގޫ ކަމުގައިވާ ކައުންސިލްތައް ބާރުވެރި ކުރުމަށާއި ކައުންސިލްތަކުން ކުރާ ހަރަދު އިގުތިސޯދުކޮށް ސިންދަފާތު ކުރެވޭނެ މަގުފަހިކުރުމަށް މި ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ތެރެއިން ނިންމުނު ފުރިހަމަ އަދި މުހިއްމު ނިންމުމެއް ކަމަށެވެ.
ރައީސް ވިދާޅުވީ މާލެސިޓީއާއި އެހެން ހުރިހާ ސިޓީތަކާއި ރަށްތައް ހިމެނޭހެން މި ބަދަލުގެންނެވީ ކައުންސިލުތަކަށް މިހާރު ބްލޮކް ގްރާންޓުގެ ގޮތުގައި ލިބޭ މަދު ފައިސާކޮޅުން ކަރަންޓު ބިލަށް ކުރަންޖެހޭ ބޮޑު ހަރަދަށް ލުޔެއް ހޯދައިދެއްވުމުގެ ގޮތުން ކަމަށާއި ކައުންސިލުތަކަށް ކަންކަން ފަހިކޮށްދީގެން ރައްޔިތުންނަށް ހިތްހަމަޖެހުން ގެނެސްދިނުމަށް ކަމަށެވެ. އަދި އެ ބަދަލާއެކު ފެނަކަ އާއި ސްޓެލްކޯއަށް މަދުވާ އާމްދަނީ އެހެން އުސޫލަކުން ހޯދޭނެ ގޮތެއް ފަހި ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުރިއަށްއޮތް އަހަރުތަކުގައި އިގްތިސޯދު ވަރުދަގަވަމުންދާ ވަރަކުން މަގުބައްތިތައް ދިއްލުމާއި ޕާކްތައް އަދި އާންމު މައިދާންތަކުގެ ކަރަންޓަށް ނަގާ ރޭޓުވެސް "ގަވާމަންޓު ރޭޓް"ގެ ބަދަލުގައި ޑޮމެސްޓިކް ރޭޓަށް ބަދަލުކޮށްދެއްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ