ޑްރޯން ތަމްރީންތައް ނިމިއްޖެ! ތުރުކީ ސިފައިންގެ 12 މީހަކު އަދިވެސް ރާއްޖޭގައި!

ޑްރޯން އުދުއްސުމުގެ ތަމްރީންތައް ނިމި، މަސްދުވަސް ވަމުން ދާއިރު، ދިވެހިން ތަމްރީން ކުރުމަށް ތުރުކީއިން ރާއްޖެ ގެނައި ސިފައިންގެ ތެރެއިން 12 މީހަކު އެނބުރި ތުރުކީއަށް ނުގޮސް ރާއްޖޭގައި ތިބި ކަމަށް ދިޔަވަރު ނޫހަށް މައުލޫމާތު ލިބިއްޖެއެވެ. ތުރުކީގެ ބައެއް ސިފައިން އެނބުރި ގޮސްފައިވާއިރު، ޑްރޯން ތަމްރީން ނިމުމަށް ފަހު، އެންމެ ދުވަހަކުވެސް ބޭރު ޤައުމެއްގެ ސިފައިން ރާއްޖޭގައި ތިބެންވީ ސަބަބެއް ނެތެވެ.
ޑްރޯން ދުއްވަމުން މިހާރު ދަނީ ދިވެހިންނެވެ. އެހެން ކަމުން، ތުރުކީ ވައިގެ އިސް ސިފައިން ތަކެއް ރާއްޖޭގައި ގާއިމުވެ ތިބެން ޖެހިފައިވަނީ ކޮން ކަމަކާއި ގުޅިގެން ކަން ދިވެހިންނަށް ސާފު ކޮށްދޭން ޖެހެއެވެ. ތުރުކީއާއި އެކު، ޑްރޯން ގަތުމަށް ހެދި އެއްބަސްވުން ސިއްރު ކޮށް، އެ އެއްބަސްވުމުގެ ތެރެއިން ކޮރަޕްޝަނުގެ ބޮޑެތި އަމަލުތައް މުއިއްޒު ހިންގާފައި ވާކަމަށް ތުހުމަތު ކުރެވޭއިރު، މި އެއްބަސް ވުމުގެ ތެރެއިން ތުރުކީ ސިފައިން ރާއްޖޭގައި ދާއިމީ ކޮށް ތިބުމަށް އެއްބަސް ވެފައިވާކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނުވެއެވެ.
ވެރިކަމަށް ވަޑައިގެންވެސް، ތިމަންނާ ސިއްރު ކުރާނެ އެއްވެސް ކަމެއް ނޯންނާނޭ ކަމަށް ހަރު އަޑުން ބުނެ، ވާހަކަ ދެއްކުމަށް ފަހު، މިއަދު ހުރިހާ އެއްބަސްވުންތަކެއް ސިއްރުކުރުމުގައި މުއިއްޒުގެ މައްޗަށް ކުރިމަތި ވެފައިވަނީ ކޮންކަހަލަ މަޖުބޫރު ކަމެއް ކަމެއް ނޭނގެއެވެ.
ހުރިހާ އެއްބަސް ވުމެއް، ހާމަ ކުރާނެ ކަމަށް ބުނެ ވެރިކަމަށް އައިސް، ވެރިކަން ލިބުމުން، އިންޑިޔާގެ އެއްބަސްވުންތައް ހާމަ ނުކޮށް ސިއްރު ކޮށްގެން މުއިއްޒު އުޅުނީ، ޗައިނާއާއި އެކު ހަދާފައިވާ އެއްބަސްވުންތަކުގައި، ޤައުމަށް ނުރައްކާތެރި ބިރުވެރި ކަންކަން އެކުލެވިގެން ވުމުން، އެކަންކަން ސިއްރު ކުރުމުގެ މުހިންމުކަން މުއިއްޒުގެ މައްޗަށް އިންތިހާއަށް ބޮޑުވެގެންނެވެ. އެހެންކަމުން އެއްވެސް އެއްބަސްވުމެއް ހާމަ ނުކޮށް ސިއްރު ކުރުން އެއީ ޗައިނާގެ އެއްބަސްވުންތައް ހާމަ ނުކޮށް ހިފެހެއްޓޭނެ ހަމައެކަނި ގޮތް ކަމަށް މުއިއްޒު ޤަބޫލު ކުރެއެވެ. މުއިއްޒު މިވަނީ ރައްޔިތުންނަށް ވީ ވައުދާއި ހިލާފުވެ، ރައްޔިތުންނަށް މިކަމުގައިވެސް ދޯކާ ދީފައެވެ.
އިންޑިޔާ ސިފައިން ފޮނުވާލާނެ ކަމަށް ބުނެ ވެރިކަމަށް ވަޑައިގެން، މުއިއްޒަށް ކުރެވުނުހާވެސް ކަމަކީ، ޔުނީފޯމް ބަދަލު ކޮށްލުން ކަމަށް ބުނެ އާންމުންގެ ފާޑު ކިޔުން މުއިއްޒަށް ވަނީ އަމާޒު ވެފައެވެ. އިންޑިޔާ ސިފައިން ފޮނުވާލާފައި ނުވާއިރު، ލ. އަތޮޅުން، ޗައިނާއަށް މަޝްރޫޢުތަކެއް ހިންގުމަށް ދީފައިވާ ސަރހައްދުގައި ސިއްރު މިލިޓަރީ ސެންޓަރެއް ގާއިމު ކުރުމަށް މުއިއްޒު ފައިސާ ނަގާފައިވާކަމަށް ބޭރުގެ މީޑިޔާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.
ރާއްޖޭގެ މިނިވަން ކަމާއި، ޤައުމުގެ އިސްތިޤްލާލަށް އޭގެ އަސަރު އިންތިހާއަށް ކުރާހެން ބޭރުގެ މިލިޓަރީ ހުނަރާއި ފަންނު ލިބި ތިބި ތުރުކީގެ ވައިގެ ސިފައިންތަކެއް ރާއްޖޭގައި މުއިއްޒު ހަދާފައިވާ އެއްބަސްވުމެއްގެ ތެރެއިން ނޫނީ ބެރުން ވިއަސް ތިބުމަކީ ބޮޑު ނުރައްކަލެކެވެ. އަދި މިއީ ދިވެހި އެއްވެސް ރައްޔިތަކު ބޭނުންވާ ގޮތެއްވެސް ނޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ