މާދަމާ އަޅުގަނޑަށް އެހީތެރިވެދެއްވާ، ނަތީޖާ ނެރެ ދައްކައިދޭނަން: ރައީސް

މާދަމާ އެހީތެރިކަން ދެއްވައިފިނަމަ ނަތީޖާ ނެރެ ދައްކަދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިން ހަރަކާތް ނިންމަވާލެއްވުމަށް މިއަދު ކުރިއަށް ގެންދިޔަ ހިނގާލުމަށްފަހު ދެއްކެވި ވާހަަކަފުޅުގައެވެ.
ރައީސް ވިދާޅުވީ ދިވެހިންގެ ރާއްޖެ މަޖިލީހަށް ދާންޖެހޭ ސަބަބުތައް މި އިންތިހާބުގެ ކެމްޕެއިންގައި ތަކުރާރުކޮށް ވާނީ ފާޅުކުރައްވާފައި ކަމަށާއި މި ގައުމުގެ މިސްރާބު ނުބައިކޮށް ދަނިކޮށް ދިވެހިން ގޮތް ނިންމާފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ މިދިޔަ ރިޔާސީ އިންތިހާބުގައި ރައްޔިތުން ގޮތް ނިންމާފައިވާ ކަމަށާއި މި މަސައްކަތް ކާމިޔާބު ކުރުމަށް އަދި އެއް މަރުހަލާ ކަނޑަތު ކުރަންޖެހިފައިވާ ކަމަށެވެ. އަދި މަޖިލިސް މުހިއްމު ކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ރައީސް ވިދާޅުވީ މާދަމާ ރައްޖޭގެ އެކި ކަންކޮޅުތަކުގަިއ ނެގޭ ވޯޓަކީ މުހިއްމު ވޯޓެއް ކަމަށާއި ގައުމުގެ ކަންކަމުގައި ދަރިންނާއި ދަރީންގެ ދަރީންނަށްޓަކައި ހެޔޮ ގޮތުގައި ނިންމުމަށްޓަކައި މާދަމާގެ ވޯޓަކީ ވަރަށް ޒިންމާދާރުކާމާއެކުގައި ގައުމު ދެކެ ލޯބިވާ ދިވެހި ލޮބުވެތި ރައްޔިތުން ގައުމުގެ މުސްތަގުބަލަށްޓަކައި މުހިއްމު ނިންމުމަކަށް ހަދަން ޖެހޭ ކަމަށެވެ. އަދި މާދަމާ އޮންނަ ވޯޓުގައި ޕީއެންސީގެ ކެންޑިޑޭޓުނުން ހޮވައިދިނުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.
ރައީސް ވިދާޅުވީ މާދަމާގެ ވޯޓަކީ މިކަމުގެ ފޮނި މީރުކަން އިހުސާސްވެގެންދާނެ ވޯޓަކަށްވާނެ ކަމަށާއި ބޭނުންވަނީ ގައުމުގައި މާތްވެގެންވާ އިސްލާމްދީންގެ ނޫރު ގުގުމާލާ، ގައުމުގައި އިސްލާމްދީނަށް ނަސްރު ދިނުން އެއީ ފަހުރަކަށް ހަދަން ކަމަށެވެ. އަދި ދިވެހިންގެ ރާއްޖެ ގެންނަން ރައްޔިތުން ނިންމެވީ އެހެންވެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ކަމަށް ހުރަސްއެޅުމަށްޓަކައި ނޫނީ މިކަން ބޭނުން ނުވާ ބަޔަކު އެހެން މިސްރާބަކަށް ގައުމު ގެންދާން އުޅުނަކަސް އެއީ ރައްޔިތުން ނިންމާނެ ގޮތް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި ރައީސް ވަނީ ޖަހާ ފާހަގަ ގައުމުގެ މިނިވަންކަން ޔަގީންކޮށް ގައުމުގެ ރައްކާތެރިކަން ހުރިހާ މާނައެއްގައި ކަށަވަރު ކުރުމަށް ދެވޭ ވޯޓަކަށް ހައްދަވައިދެއްވުމަށް އެދިވަޑައިގެންފައެވެ.
ރައީސް ވިދާޅުވީ ރައްޔިތުން ކުރި ބުރަ މަސައްކަތުން ނުބައި މިސްރާބަކަށް ދަނިކޮށް މިވަނީ ފާލަށް އަޅުވާފައި ކަމަށާއި އެމަނިކުފާނުވެވަޑައިގެންނެވި ވައުދުފުޅުތައް ފުއްދައްދެއްވާ ނަތީޖާ ނެރެދެއްވާނެ ކަމަށެވެ. އަދި އެމަނިކުފާނަށް މުހިއްމީ ނަތީޖާ ނެރެދީ ރައްޔިތުންނަށްޓަކައި ވީ ވައުދުފުޅުތައް ފުއްދަވައިދިނުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ތަކުރާރުކޮށް ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓުދެއްވުމަށް ގޮވާލައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ