ގެއްލުނު ދޯނި ހޯދުމަށް އެމްއެންޑީއެފުން ޑްރޯން ބޭނުންކުރަނީ

މ.ރަތްމަންދޫ ބޭރުން ފަރުމަސް ބާނަން ގޮސް އުޅެނިކޮށް ގެއްލުނު ދޯންޏާއި އޭގައި ތިބި މީހުން ހޯދުމަށް އެމްއެންޑީއެފުން އަންމޭންޑް އޭރިއަލް ވެހިކަލް ނުވަތަ ޑްރޯން ބޭނުންކުރަން ފަށައިފިއެވެ.
ގެއްލިގެން ހޯދަމުންދަނީ "ފަރިހި 2" ނަމަކަށް ކިޔާ ޑައިވިންގ ދޯންޏެކެވެ. ދިވެހި ދެ ފިރިހެނުން މިދޯނިން މަހަށް ގޮސްފައިވާއިރު، މި ދެމީހުން ވީނުވީއެއް ނޭނގި ގެއްލިފައިވާކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ރޭގެ 22:06 ހާއިރުއެވެ. 
މި މައުލޫމާތު ފުލުހުން އެމްއެންޑީއެފާއި ރޭގެ 22:45 ހާއިރު ހިއްސާކޮށްފައިވާއިރު، ކޯސްޓްގާޑް ހާބަރކްރާފްޓް 114' 23:20 އިން ފެށިގެން ދޯނި ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، އެމްއެންޑީއެފް ވައިގެ ބާރުން ދޯނި ހޯދުމަށްޓަކައި އެ ސަރަހައްދަށް ޑްރޯން އުދުއްސާލައިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މިދިޔަ މަހުގެ 15 ވަނަ ދުވަހު އެމްއެންޑީއެފް ގެ ވައިގެ ބާރާއިއެކު އިފްތިތާހު ކުރި މި ޑްރޯންތަކަކީ 220 ކިލޯމީޓަރުގެ ބާރުމިނުގައި މެދުނުކެނޑި 20 ގަޑިއިރު ދުއްވުމުގެ ޤާބިލްކަން ލިބިފައިވާ، އަދި ރޭގަނޑު އަނދިރީގައިވެސް ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ހިންގުމުގެ ޤާބިލުކަން ލިބިފައިވާ އުޅަނދުތަކެކެވެ. އަދި މިއީ މިފަދަ ހާދިސާ އަކަށް ޑްރޯން ތައް ބޭނުންކުރާ ފުރަތަަމަ ފަހަރުކަން ފާހަގަކޮށްލަން ޖެހެއެވެ.
ދޯނި ހޯދުމަށް އެމްއެންޑީއެފުން ކުރަމުންދާ މަސައްކަތުގައި މިހާތަނަށް 440އަކަ ނޯޓިކަލް މޭލުގެ ސަަރަހައްދެއް ކަނޑާއި ވައިގެމަގުން ބަލާފައިވާ ކަމަށާއި، ދޯނި ހޯދުމަށް ކަނޑާއި ވައިގެމަގުން މިހާރުވެސް ދަނީ މަސައްކަތްކުރަމުންދާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
މި ދޯންޏާއި ނުވަތަ އޭގައި ތިބި މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ އެމަރޖެންސީ ނަންބަރު 119 އަށް ނުވަތަ ކޯސްޓްގާރޑަށް ގުޅައި އެމަޢުލޫމާތެއް ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ