ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ކްލާސްތައް ހިނގުމަށް ވިލިމާލޭގައި ސެންޓަރެއް ހުޅުވައިފިއެވެ.
މިކަމަށްޓަކައި ވިލިމާލޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ވިލިމާލެ މަސްޖިދުލް ބިއްރިގައި ދެ ކުލާސްރޫމާއެކު ޤާއިމްކޮށްފައިވާ ސެންޓަރު ހުޅުއްވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.
މި ސެންޓަރަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި މާލެ ސިޓީ ކައުންސިލް ގުޅިގެން ޤާއިމްކުރި ސެންޓަރެކެވެ. މި ސެންޓަރު ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތްތައް ކުރިއަށްގެންގޮސްފައިވަނީ މާލެ ސިޓީ ކައުންސިލުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، ވިލިމާލޭގައި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ އައުޓްރީޗް ސެންޓަރެއް ހުޅުވިގެންދިޔަކަމީ ވިލިމާލޭގެ ރައްޔިތުންނަށް ލިބިގެންދިޔަ ފަސޭހައެއްކަމަށެވެ. އަދި މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވަރުގައި ހިމެނޭ ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުމަށް ލިބިގެންދިޔަ އިތުރު ކުރިއެރުމެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ދީނީ ޤައުމީ ކަންކަންކުރުމުގައި ވަކި ފިކުރެއް ބެއްލެވުމެއް ނެތި މަސައްކަތް ކުރެއްވުމަށް ހުޅުވިގެންދިޔަ މި ސެންޓަރަކީ މިފަދަ މަސައްކަތެއްގެ ނަމޫނާއެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
ރަށްރަށުގައި ކީރިތި ޤުރުއާން ކިޔެވޭނެ އިންތިޒާމް އެންމެ ފުރިހަމައަށް ހަމަޖެއްސުމަކީ އަދުގެ ސަރުކާރުގެ ވައުދުދެކެވެ. އަދި އިސްލާމްދީނަށް ލޯބިކުރާ ދިވެހިވަންތަ ޤައުމިއްޔަތެއް ބިނާކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާކަމެކެވެ.
ކީރިތި ޤުރްއާން ކިޔެވޭނެ ކުލާސްތައް މާލޭގެ އިތުރުން ބައެއް ރަށްރަށުގައި މީގެކުރީގެ އަހަރުތަކުގެ ތެރޭގައި ހިންގި ނަމަވެސް ދެމެހެއްޓެނިމި ގޮތެއްގައި އެފަދަ ކްލާސްތައް ހިލޭ ހިންގިފައިނުވެއެވެ. ހިލޭ ކީރިތި ޤުރްއާން ކިޔެވޭނެ ކުލާސްތައް އިތުރު ކުރައްވާއިރު އެ ޚިދުމަތް ސަރުކާރުން މުޅި ރާއްޖެއަށް ފުޅާކުރެވޭނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
ރައީސްގެ ވައުދާ އެެއްގޮތައް މިސްކިތްތަކުގައި ހިލޭ ސާބަހަށް ޤުރުއާން ކުލާސް ހިންގުމަށް ކުރިއަށްގެންދާ ''މިސްކިތު ޤާރީ ކިލާސް''ގެ މަސައްކަތްވެސް ވަނީ ރަސްމީކޮށްފަށާފައެވެ.
ޤުރުއާނާބެހޭ މަރުކަޒުގެ ކްލާސްތައް ހިނގުމަށް ވިލިމާލޭގައި ސެންޓަރެއް ހުޅުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ