ބޭންކު ރޭޓުގައި ޑޮލަރު ފަސޭހައިން ލިބޭ ކަމަށް ބުނިތާ 24 ގަޑިއިރު ނުވަނީސް ޑޮލަރެއް 21ރ. އަށް އަރައިފި

އާންމު ރައްޔިތުންނަށް ބޭންކު ރޭޓުގައި ޑޮލަރު ގަންނަން މިއަށްވުރެ ފަސޭހަ ޒަމާނެއް ނާންްނަ ކަމަށް ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވިތާ 24 ގަޑިއިރު ނުވަނީސް ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 21ރ. އަށްވުރެ މައްޗަށް އުފުލިއްޖެ އެވެ. 
މިދިޔަ ހަފުތާގެ ކުރީގެ ކޮޅު ޑޮލަރެއް ލިބުނީ 20.50 ރުފިޔާއަށެވެ. އަދި އެ ހަފްތާ ނިމުނުއިރު ރޭޓު 20.8ރ. އަށް އުފުލުނުއިރު މި ހަފްތާ ފެށުނުއިރު ކަޅު ބާޒާރުގައި ޑޮލަރު ގަންނަން ލިބެން ހުރީ 21ރ. އަށްވުރެ ބޮޑުކޮށެވެ. އިއްޔެ ޓީވީ ޗެނަލެއްގައި ވާހަކަ ދައްކަވަމުން ފަލާހު ވަނީ މިހާރު ބޭންކު ރޭޓުގައި އާންމުނަށް ޑޮލަރު ލިބޭ ކަމަށެވެ.
 "އާންމު ރައްޔިތުންނަށް މިއަށްވުރެ ފަސޭހައިން ބޭންކު ރޭޓުގައި ޑޮލަރު ލިބުނު ޒަމާނެއް ނާންނާނެ،" ފަލާހު ވިދާޅުވި އެވެ. 
މި ފެށޭ ސްކޫލް ބަންދާ ދިމާކޮށް މިހާރަށް ވުރެ ވެސް ޑޮލަރުގެ އަގު މަތިވުން އެކަށީގެންވާ ކަމަށް މި ނޫހާ ވާހަކަ ދެއްކި ވިޔަފާރިވެރިއަކު ވަނީ ބުނެފަ އެވެ. 
ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ދިވެހި ރުފިޔާގެ އަގު ވަރަށް ބޮޑަށް ވެއްޓި، ޑޮލަރުގެ ތާށިކަން ވަނީ އިންތިހާއަށް އިތުރުވެފަ އެވެ. ޑޮލަރުގެ އަގު މައްޗަށް ދިޔައީ ރާއްޖެއަށް ވަންނަ ބޭރު ފައިސާގެ އަދަދު މަދުވުމާއި ޑޮލަރު ހަރަދު ކުރާ މިންވަރު ދަށްނުވުމާއި ރިކޯޑު އަދަދަކަށް ބޭރުގެ ދަރަނި ދައްކަންޖެހުނު ދަނޑިވަޅެއްގަ އެވެ. 
ޑޮލަރުގެ މައްސަލަ ހައްލު ކުރަން ކަމަށް ބުނެ ސަރުކާރުން ވަނީ ރިސޯޓުތަކަށް ޑޮލަރު މާރު ކުރުން މަޖުބޫރުކޮށްފަ އެވެ. ނަމަވެސް އެ ބަދަލާއެކު ވެސް ޑޮލަރުގެ އަގު ދިޔައީ މައްޗަށެވެ. 
ޑޮލަރުގެ އަގު 15.42 އަށް ނުވަތަ އެއަށްވުރެ ވެސް ބޮޑަށް ތިރި ކުރުމަކީ ރައީސް މުއިއްޒާއި އެމަނިކުފާނުގެ އިގްތިސާދީ މިނިސްޓަރު މުހައްމަދު ސައީދުގެ ވައުދެކެވެ. ނަމަވެސް މިފަހުން ސައީދު ވިދާޅުވެފައި ވަނީ ޑޮލަރުގެ އަގު ތިރި ނުކުރެވެނީ ނިމިދިޔަ ސަރުކާރުތަކާ ހެދި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ