ފަގީރުންނަށް ހާއްސަކޮށް ބެނެފިޝިއަރީ ކާޑެއް ތައާރަފްކުރަނީ

އަންނަ އަހަރުގެ ޖެނުއަރީ މަހުގައި ފަގީރުންނަށް ހާއްސަ ބެނެފިޝިއަރީ ކާޑެއް ތައާރަފްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އިސްލާމީ ކަންކަމާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ ޒަކާތް ހައުސްއާއި ބޭންކް އޮފް މޯލްޑިވްސްއާއި ގުޅިގެން ޒަކާތް ބެނެފިޝިއަރީ ކާޑެއް ތައާރަފް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. 
ވަޒިރު ވިދާޅުވީ ފަގީރުންގެ ދަފްތަރުގައި ޖެހިފައިތިބި ކޮންމެ ފަގީރަަކަށް އެ ކާޑު ފޯރުކޮށްދެވޭނެކަމަށެވެ. އަދި ޒަކާތު ހައުސިން ކޮންމެ އަހަރަކު ވެސް އޭނާއަށް ކަނޑައަޅާފައި އޮންނަ އެހީ އެ ކާޑަށް ޖަމާކުރެވޭނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން، އެ ކާޑުގެ ޒަރިއާއިން އެއީ ކާކުކަން ދެނެގަނެވޭނެ ކަމަށް ވެސްމައުލޫމާތުދެއެވިއެވެ.  
"މިސާލަކަށް ރޯދަ މަހުގައި އަޅުގަނޑުމެން މި ދިނީ ފަގީރު މީހާއަށް ކާބޯތަކެތި. އެހެންވީމަ އެ ކަމަށް ކަނޑައަޅާފައި އޮތް ބަޖެޓަކީ މިސާލަކަށް 5000 ރުފިޔާ. އެހެންވީމަ އެ 5000 ރުފިޔާއަށް ކަނޑައަޅާފައި ހުންނަ ފިހާރަތަކުން ތަކެތި ގަނެވޭނެ. އެތަނަށް އިނގޭނެ އެއީ ފަގީރެއްކަން." 
ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
މިނިސްޓަރު ވިދާޅުވީ އެ ކާޑު ތައާރަފްކުރުމުގެ ބޭނުމަކީ ޒަމާނާ އެއްވަރަށް ތަރައްގީވެ، ފަގީރު މީހާ އޮފީސްތަކާއި ތަންތަނަށް ހިނގުން މަދުކޮށް ފަސޭހަކޮށް ހިދުމަތްދެވޭނެ ނިޒާމެއް ގާއިމްކުރުން ކަމަށެވެ. 
ވަޒީރު ވިދާޅުވިގޮތުގައި ޖެނުއަރީ މަހުގައި އެ ކާޑު އިފްތިތާހްކުރުމަށް ދަނީ މަސައްކަތްކުރެވެމުންނެވެ. 
ޒަކާތު ނިޒާމު ހަރުދަނާ ކުރުމަށް ވޭތުވެދިޔަ 2 އަހަރު މުހިންމު ގިނަ މަސައްކަތްތައް ކޮށްފައިވެއެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް "ޒަކާތުގެ ޤާނޫނު" އެއް ތަސްދީޤުކުރައްވާ، 
1 ޖެނުއަރީއިން ފެށިގެން ޤާނޫނު ތަންފީޒުކުރަން ފަށުމަށް ވަނީ ނިންމާފައެވެ. ޒަކާތުގެ ގާނޫނުގެ ހަރުދަނާކަމުގެ ސަބަބުން މިދިޔަ އަހަރު އެކަނިވެސް ޒަކާތުގެ ގޮތުގައި 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވެއެވެ. އަދި މި ވޭތުވެދިޔަ ދެ އަހަރަކީ، އެންމެ ގިނަ އަދަދަކުން ޒަކާތުގެ ފައިސާ ލިބުނު ދެ އަހަރުކަމަށްވެސް މިނިސްޓަރު މައުލޫމާތުދެއްވާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ