ގާނޫނީ ހަމަތަކުން އަޅުގަނޑު ޖަލަށްލެވޭނެ އެއްވެސް ގޮތެއް ނެތް: ޔާމީން

ގާނޫނާއި ހަމަތަކުގެ މަތީން، އެ މަނިކުފާނުގެ ޖަލަށް ލެވޭނެ އެއްވެސް ގޮތެއް ނޯންނާނެކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ރޭ ވިދާޅުވެއްޖެ އެވެ.ރީސެޓްގެ ނަމުގައި ޕީއެންއެފް އިން ރޭ ބޭއްވި ޖަލްސާގައި ޔާމީން ވަނީ 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބެއްގައި އެމަނިކުފާނު ވާދަކުރަން ހުރަހެއް ކުރިމަތިވެދާނެތޯ ވަނީ ސުވާލުކުރައްވާފަ އެވެ. ޔާމީން ވިދާޅުވީ، އެ މަނިކުފާނަށް ޖަލު ހުކުމެއް އަންނާނެ ގޮތެއް އެއީ ނެތް ގޮތެއް ކަމަށެވެ. އަދި މިސަރުކާރުން އެކަން ކޮށްފިނަމަ އެއީ ހަދާނެ އެންމެ ބޮޑު ގޯސް ކަމަށެވެ."އެހެންކަމުން މި ސަރުކާރުން ވެސް އަޅުގަނޑު ޖަލަށް ލަންޏާ ޖަލަށް ލައްވަވާ. އެއީ އެބޭފުޅުން ހައްދަވާނެ އެންމެ ބޮޑު ގޯސް،" ޔާމީން ވިދާޅުވިއެވެ.ޔާމީން ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހީފުޅުކުރެއްވީ، އެމަނިކުފާނު ޖަލުގައި ބައިންދައިގެން ބާއްވާ ރިޔާސީ އިންތިޚާބެއް ޞާލިހަށް ކާމިޔާބުކުރެއްވޭނެ ކަމަށެވެ. ނަމަވެސް ތަގުދީރުގައި ﷲގެ ނިންމެވުން މާ ވަރުގަދަ ކަމަށް ޔާމީން ވިދާޅުވިއެވެ."އަޅުގަނޑު ނިކުމެ ތިބޭފުޅުންގެ ކުރިމަތީގައި އައިސް މިހުންނަނީ ސަމާސާއަކަށްތޯ. އަޅުގަނޑު ނިކުމެ ސިޔާސީ މަސައްކަތް މި ކުރަނީ، ރައްޔިތުންގެ ހައްގުގައި މަސައްކަތް މިކުރަނީ އަޅުގަނޑު ޖަލަށް ލާފާނެތީ ބިރުންތޯ. އެހެންވެއްޖެޔާ އެ މީހުން ބިރުގަންނަން އެއުޅެނީ ނުބައި މީހެއް. އަޅުގަނޑު ބިރުގަންނަވަން އުޅޭނެ ކަމެއް ނެތް،" ޔާމީން ވިދާޅުވިއެވެ.ޔާމީން ރޭ ވެސް ތަކުރާރު ކުރެއްވީ އެމަނިކުފާނަކީ މައުސޫމް ބޭފުޅެއް ކަމަށެވެ. އަދި އެހެން ސިޔާސީ ބޭފުޅުން ގޮތަށް ގައުމު ދޫނުކޮށް، އުޅުއްވަމުން ގެންދަވަނީ މާލޭގައިކަން ފާހަގަ ކުރެއްވި އެވެ. "އެހެންވީމަ ތިޔަ ކަންމަމާ ދޭތެރޭ އަޅުގަނޑުމެންގެ ހިތް އެހާ ބަލިވާކަށް ނުވާނެ. އަޅުގަނޑު ނިކުމެ ތިޔަ ބޭފުޅުންގެ ކުރިމަތީގައި އައިސް މިހުންނަނީ ސަމާސާއަކަށްތޯ؟ އަޅުގަނޑު ނިކުމެ ސިޔާސީ މަސައްކަތް މި ކުރަނީ، ރައްޔިތުންގެ ހައްގުގައި މަސައްކަތް މިކުރަނީ އަޅުގަނޑު ޖަލަށް ލާފާނެތީ ބިރުންތޯ؟ އެހެންވެއްޖެޔާ އެ މީހުން ބިރުގަންނަން އެއުޅެނީ ނުބައި މީހެއް. އަޅުގަނޑު ބިރުގަންނުވަން އުޅޭނެ ކަމެއް ނެތް،" ސަޕޯޓަރު ކުރިމަތި ކުރި ސުވާލަށް އިތުރަށް ޖަވާބު ދެއްވަމުން ޔާމީން ވިދާޅުވި އެވެ."[ރައީސް] މުއިއްޒަށް އެނގިވަޑައިގަންނަވާނެ މުއިއްޒަށް ރާއްޖޭގައި ތާއީދު ނެތް މިންވަރު. އަޅުގަނޑު ގައިގައި އަތް ލައިފިއްޔާ ދެން އެ އޮތް ތާއީދު ވެސް ގެއްލިގެން ދިޔައީ."ޝަރީއަތަށް މި ސަރުކާރުން ނުފޫޒު ފޯރުވާ މޭރު ޔާމީން ވާހަކަ ދެއްކެވިނަމަވެސް، މީގެ ކުރިން ރައީސް މުއިއްޒު ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވާފަ އެވެ. ރައިސް މުއިއްޒު ވިދާޅުވެފައިވާ ގޮތުން އެމަނިކުފާނު ޝަރުއީ ދާއިރާއަށް ދުވަހަވެސް ނުފޫޒެއް ނުފޯރުވާނެ އެވެ. ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ޔާމީން ރިޝްވަތު ނެންގެވި ކަމަށް ބުނާ މައްސަލާގަ އެވެ. އެ މައްސަލަ ކްރިމިނަލް ކޯޓުން އަލުން ބެލުމަށް ހައި ކޯޓުން ހުކުމް ކޮށްފައިވެ އެވެ. އޭގެ ކުރިން ވެސް ޔާމީނަށް ފަސް އަހަރުގެ ޖަލު ހުކުމެއް ދަށު ކޯޓުން އިއްވި އިރު އެ ހުކުމް ސުޕްރީމް ކޯޓުން ބާތިލްކުރި އެވެ.ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިނގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ވެސް ޔާމީނުގެ މައްޗަށް ދައުވާކޮށްފައިވެ އެވެ. އެ މައްސަލަ ވެސް ދަށު ކޯޓުގައި އަދި ނުނިމެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ