ކުދިން އުފަންވާއިރު، އެކުދިންގެ ކިބައިން ފެންނަ އޯޓިޒަމްގެ ސިފަތައް ނުވަތަ ސުލޫކުތައް މަދުކުރެވިދާނެ ކަމަށް ލަފާ ކުރެވޭ ތިން ސަޕްލިމެންޓެއް ދެނެގަނެވިފައިވާ ކަމަށް ސައެންސްވެރިން ބުނެފިއެވެ. ޕްލޮސް ބަޔޮލޮޖީ ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން ސައެންސްވެރިން މިކަން ދެނެގަނެފައިވަނީ މީދާ ބޭނުންކޮށްގެން ލެބޯޓެރީގައި ހަދާފައިވާ ދިރާސާއަކުންނެވެ.
އެ ތިން ސަޕްލިމެންޓްގެ ގޮތުގައި ސައެންސްވެރިން ފާހަގަކޮށްފައިވަނީ ޒިންކް، ސެރީން އަދި ކަފި އެމީނޯއެސިޑް (އަސާސީ ތިން އެމީނޯއެސިޑްގެ ގޮތުގައި ބަލާ ލޫސީން، އައިސޮލޫސީން އަދި ވެލީން) އެވެ. ސައެންސްވެރިން ބުނާ ގޮތުގައި މި ތިން ސަޕްލިމެންޓް އެކުގައި ދިނުމުން، ސިކުނޑީގެ ސެލްތަކާއި ނިއުރޯންތަކުގެ ދެމެދުގައި ކުރެވޭ މުވާސަލާތުތައް އިތުރަށް ހަރުދަނާވެއެވެ.
ސައެންސްވެރިން މި ދިރާސާ ކޮށްފައިވަނީ ވިރާސީ ބަދަލުތަކެއް ގެނުވައިގެން އޯޓިޒަމްގެ ސުލޫކުތައް އަށަގަންނުވާފައިވާ މީދާތަކެއް ބޭނުންކޮށްގެން ތިން މޮޑެލްއަކަށް ބިނާކޮށްގެން ކުރި ތަހުލީލުތަކަކުންނެވެ. މި ދިރާސާއިން އެނގުނު ގޮތުގައި ކުރިން މި ބުނި ތިން ސަޕްލިމެންޓް އެކުގައި ދިނުމުން، މީދާތަކުގެ އިޖްތިމާއީ ސުލޫކާއި ސިކުނޑިއާ ދެމެދުގެ ގުޅުންތައް ކުރިއަރައި ތަރައްގީވެއެވެ.
މި ދިރާސާގައި ފާހަގަކުރެވުނު އެއް ކަމަކީ، މި ބުނި ތިން ސަޕްލިމެންޓްގެ ތެރެއިން ކޮންމެވެސް އެއް ސަޕްލިމެންޓެއް ދިނުމުން، މީދާތަކުގެ ސިކުނޑިއަށް ނުވަތަ ސުލޫކަށް ވެސް އެއްވެސް ބަދަލެއް ނާންނަ ކަމެވެ. ނަމަވެސް، ތިން ސަޕްލިމެންޓް އެއްކޮށްފައިވާ މެދުމިނުގެ ޑޯޒެއް ދިނުމުން ވެސް އެސޮރުމެންގެ އުޅުމާއި ސުލޫކަށް ހެޔޮ ބަދަލުތަކެއް އައިކަން ފާހަގަކުރެވުނެވެ.
އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑާ (އޭއެސްޑީ) އަކީ ބައެއް ސަރަހައްދުތަކުގައި ހަލުވިކަމާ އެކު ފެތުރެމުން ދާ ސިއްހީ މައްސަލައެއް ކަމަށް ވިޔަސް، އޯޓިޒަމްގެ ހަގީގަތް އަދިވެސް ނުހޯދެއެވެ. އެއީ ކީއްވެގެން ކޮން ސަބަބަކާ ހުރެ ކުރިމަތިވާ ހާލަތެއްކަން ދެނެގަތުމުގައި ސައެންސްވެރިންނަށް ވެސް މިހާތަނަށް ކުރިއެރުމެއް ނުލިބެއެވެ.
ސައެންސްވެރިން ވެސް ހިމެނޭހެން، ގިނަ ބަޔަކު ގަބޫލުކުރަމުން އަންނަނީ، އޯޓިޒަމަކީ ވިރާސީ ގޮތުން މެދުވެރިވާ ހާލަތެއް ކަމަށެވެ. މިހާތަނަށް ކުރި ދިރާސާތަކުން އެނގެން އޮތީ، އޯޓިޒަމްގެ ހާލަތު ކުރިމަތިވުމުގެ 60-90 އިންސައްތައަކީ ވިރާސީ ގޮތުން ކުރިމަތިވާ ސަބަބުތަކެކެވެ. އާއިލާގެ ތެރޭގައި، ގާތްތިމާގެ ކަމުގެ ގޮތުން ކައިރި މީހެއް ނުވަތަ ކުއްޖެއްގެ ކިބައިގައި އޯޓިޒަމްގެ އަސަރު ހުރި ނަމަ، އެއީ އޯޓިޒަމްގެ ކުއްޖަކު ލިބުމުގެ ނުރައްކާ ބޮޑު ކަމެއްގެ ގޮތުގައި ބެލެވެއެވެ.
މިހާތަނަށް މިކަން މުޅިން ކަށަވަރެއް ނުކުރެވެއެވެ. ސަބަބަކީ، އޯޓިޒަމްގެ ނުރައްކާ ކުރިމަތިކުރުވާ ޖީންތަކުގެ އަދަދު ގިނަކަމެވެ. މިހާތަނަށް ބެލި ބެލުމުން، އޯޓިޒަމްގެ ހާލަތާ ގުޅިފައިވާ 900 އަށް ވުރެ ގިނަ ޖީން ހިމެނޭކަން ވަނީ ދެނެގަނެވިފައެވެ.
މިކަންކަމުގެ އިތުރުން، އެމީހަކު ދިރިއުޅޭ ވެށީގެ އަސަރުތަކެއްގެ ސަބަބުން ވެސް އޯޓިޒަމްގެ ނުރައްކާ އިތުރުވެއެވެ. އޭގެ ތެރޭގައި ތުއްތު ކުއްޖާގެ މައިންބަފައިންނަކީ އުމުރުން ދުވަސްވެފައިވާ މީހުން ކަމުގައި ވުމާއި، މާބަނޑުވުމާ ގުޅިފައިވާ ހަކުރުބަލި (ގެސްޓޭޝަނަލް ޑައިބެޓީސް) އަދި މާބަނޑުވުމާ ވިދިގެން ކުރިމަތިވާ، ލޭގެ ޕްރެޝަރު މައްޗަށް ދިޔުމުގެ މައްސަލަ ހިމެނެއެވެ.
އެއް ބަޔަކު ތުހުމަތުކުރާ ގޮތުގައި އޯޓިޒަމް ކުދިން ލިބެނީ ހަށިގަނޑަށް ޖަހާ ވެކްސިނެއްގެ ސަބަބުންނެވެ. ނުވަތަ ކުއްޖާގެ ޅަފަތުގައި އެ ކުއްޖާގެ ގަޔަށް ޖަހާ ބައެއް ވެކްސިންގެ ސަބަބުންނެވެ. ނަމަވެސް، އޯޓިޒަމްގެ ހާލަތު މެދުވެރިވުމާ އެއްވެސް ވެކްސިނަކާ ގުޅުމެއް ނެތް ކަމަށް ސައެންސްވެރިން މުޖައްރިބުކަމާއެކު ބުނެއެވެ.
އޯޓިޒަމްގެ މައްސަލަ ކުޑަކޮށްދީފާނެ ތިން ސަޕްލިމެންޓެއް އޯޓިޒަމްގެ މައްސަލަ ކުޑަކޮށްދީފާނެ ތިން ސަޕްލިމެންޓެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ