ސާވާއަށް ދިމާވި މައްސަލަ ހައްލުކޮށް، ޓްރާންސްޕޯޓްގެ އޮންލައިން ޚިދުމަތްތައް އަލުން ފަށައިފި

ސާވާއަށް ދިމާވި މައްސަލަ ހައްލުކޮށް، ޓްރާންސްޕޯޓް މިނިސްޓްރީން އޮންލައިންކޮށް ދޭ ޚިދުމަތްތައް އަލުން ފަށާފައިވާ ކަމަށް އެ މިނިސްޓްރީން މިއަދު ބުނެފިއެވެ. އިއްޔެ މިނިސްޓްރީން ބުނި ގޮތުގައި ދިމާވީ ސާވާ އޯވާހީޓްވުމުގެ މައްސަލައެކެވެ. އަދި އެ މައްސަލަ ދިމާވީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ. އެއާއެކު އިއްޔެ އެއްކޮށް އެ މިނިސްޓްރީން އޮންލައިންކޮށް ދެމުން ދިޔަ ޚިދުމަތްތައް މެދުކެނޑުނެވެ. 'ސަން' އަށް މައުލޫމާތުދެމުން އެ މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ޓެކްނިކަލް ޓީމުން ކުރި މަސައްކަތުން ރޭގެ ވަގުތެއްގައި އެ މައްސަލަ ހައްލުކުރެވިފައިވާ ކަމަށެވެ. އަދި މިހާރު އޮންލައިންކޮށް ދެވޭ ހުރިހާ ޚިދުމަތެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. https://sun.mv/209212 އިއްޔެ ދިވާމި މައްސަލައާހުރެ، އެ މިނިސްޓްރީން ދޭ ވަރަށް ގިނަ ޚިދުމަތްތަކަށް ބުރޫ އަރާފައިވެއެވެ. ފާހަގަކުރެވޭ ގޮތުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ހުރިހާ ޚިދުމަތެއް އެއް ޕޯޓަލަކުން ދިނުމަށް އެ ޕޯޓަލް ތައްޔާރުކުރުމުގެ މަސައްކަތް ދިވެހި ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މި މަހު "ސަން"އަށް ވިދާޅުވެފައިވެއެވެ. އޭނާ ވިދާޅުވީ، ކުރީ ސަރުކާރުގައި މިނިސްޓްރީން ހިންގަމުން އައި ޕޯޓަލް އޮތީ ވަރަށް ގިނަ ބަޔަކަށް ވަދެވޭ ގޮތަށް، ރައްކާތެރިކަމެއް ނެތި ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، އުންމީދަކީީ އެ މަސައްކަތް ހަ މަހުގެ ތެރޭ ނިންމާލުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ