ބޮޑުތަކުރުފާނު މަގު ފުޅާކުރާތީ އެމްއެމްއޭ ކުރިމަތި ފަޅާއި އެއްގަމު ތޮށި ބޭނުންކުރުން މަނާކޮށްފި ބޮޑުތަކުރުފާނު މަގު ފުޅާކުރާތީ އެމްއެމްއޭ ކުރިމަތި ފަޅާއި އެއްގަމު ތޮށި ބޭނުންކުރުން މަނާކޮށްފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ކުރިމަތިން އޮންނަ ފަޅާއި އެއްގަމު ތޮށި މިއަދުން ފެށިގެން ބޭނުންކުރުން މަނާކޮށްފި އެވެ.
އެ ސަރަހައްދު ބަންދުކޮށްފައި ވަނީ ބޮޑުތަކުރުފާނު މަގު ފުޅާ ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިޔުމަށެވެ. އެ މަސައްކަތް ކުރާނީ އެމްޓީސީސީންނެވެ.
ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިއަދު ގެޒެޓުކުރި އިއުލާނެއްގައި ބުނީ ބޮޑުތަކުރުފާނު މަގު ފުޅާކޮށް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފަށަން ހަމަޖެހިފައި ވަނީ އެމްއެމްއޭ ކުރިމަތިން އޮންނަ ފަޅު ތެރެއިން ކަމަށެވެ.
މިއީ މާލެ ކައިރީ ރަށްރަށަށާއި އަތޮޅުތަކަށް ފުރާ ލޯންޗު ފެރީތަކުން ބޭނުންކުރާ ސަރަހައްދެކެވެ. މި ސަރަހައްދު ބަންދުކުރުމުން އެ ފެރީތަކުން ފުރާ ސަރަހައްދު ބަދަލުވާނެ އެވެ.
ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ގޮސް މަސްމާރުކޭޓާ ހަމައަށް ބޮޑުތަކުރުފާނު މަގު ފުޅާކޮށް އެ މަގުގައި ތާރު އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ އޭޕްރިލް 9، ގަ އެވެ. އެ މަޝްރޫއުގެ ދަށުން 737 މީޓަރުގެ ސަރަހައްދެއް ޝީޓު ޕައިލްކޮށް ފެން ހިންދާ ނިޒާމެއް ގާއިމު ކުރުމާއި ޑްރެއިނޭޖް ސާވިސް ލައިނެއް އެޅުމުގެ އިތުރުން ހިނގާ މީހުންނަށް ވަކި ލޭނެއް ތައްޔާރު ކުރަން ޖެހޭނެ އެވެ.
އެ މަސައްކަތް ކުރަން އެމްޓީސީސީއާ ހަވާލު ކުރީ ދޮޅު އަހަރު ތެރޭގައި 830 މީޓަރުގެ އެ މަގުގެ މަސައްކަތް ނިންމުމަށެވެ. މަޝްރޫއުގެ ޖުމުލަ އަގެއް ކަމަށް މިނިސްޓްރީން އޭރު ބުނީ 144.50 މިލިއަން ރުފިޔާ ކަމަށެވެ.
މި މަޝްރޫއު ނިމުމުން ބޮޑުތަކުރުފާނު މަގުގައި ހަތަރު ލޭނު ހުންނާނެ އެވެ. މިއީ މާލެ ވަށައިގެން އޮންނަ މަގުގެ ތޮއްޖެހުން ކުޑަކުރަން ކަމަށް ބުނެ ސަރުކާރުން ފަށައިގެން އުޅޭ މަޝްރޫއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ