ކުރަނގި އޮޕަރޭޝަންގެ ތިންވަނަ ފިޔަވަހި އަންނަ މަހު، ވިސާ ފީ ނުދެއްކިޔަސް ޑީޕޯޓްކުރާނެ

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން ދާޚިލީ ވުޒާރާއާއި ފުލުހުންނާއި އިމްގްރޭޝަން ގުޅިގެން ފެށި "ކުރަނގި އޮޕަރޭޝަން"ގެ ތިންވަނަ ފިޔަވަހި އަންނަ މޭ މަހުގެ ދެވަނަ ދުވަހު ފަށާނެ ކަމަށާއި އެ އޮޕަރޭޝަންގެ ތެރެއިން ވިސާ ފީ ނުދައްކާ މީހުން ވެސް ޑީޕޯޓުކުރަން ނިންމައިފިއެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، އެ ތާރީޚުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި ގަވައިދާ ޚިލާފަށް އުޅޭ މީހުން ހޯދައި، ހައްޔަރުކޮށް ރާއްޖޭން ޑީޕޯޓްކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި 2024 ވަނަ އަހަރުގެ މޭ މަހު މި އޮޕަރޭޝަން ފެށިއިރު، ވޯކްޕާމިޓް ފީ ނުދެއްކުން ނުވަތަ ވިސާ ނެތި ތިބުން ފަދަ މައްސަލަތައް ހުރި 148,417 ބިދޭސީން ރާއްޖޭގައި ތިބި ކަމަށް ލިޔެކިއުންތަކުން ދައްކައެވެ. ނަމަވެސް، އޭރު އެ އެންމެން ރާއްޖޭގައި ތިބިކަން ކަށަވަރު ނުވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މިދިޔަ ދެ އަހަރުގެ ތެރޭގައި ކުރެވުނު މަސައްކަތުން، ސައްހަ ލިޔެކިއުންތަކާ އެކު ގަވާއިދަށް ފެތޭ ބިދޭސީންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުކުރެވިފައިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. "އަންނަ މޭ މަހުގެ ދެވަނަ ދުވަހަކީ އޮޕަރޭޝަން ކުރަނގީގެ ފޭސް ތިނެއް ފަށާނެ. އެ ތާރީޚުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި، ގަވައިދާ ޚިލާފަށް [އުޅޭ] މީހުން ހޯދައި ހައްޔަރުކޮށް ރާއްޖޭން ޑީޕޯޓްކުރުމުގެ މަސައްކަތް ކުރާނެ،" މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ، މިދިޔަ ދެ އަހަރު ކުރި މަސައްކަތުން ފުރިހަމައަށް ޑޮކިއުމެންޓް ހަމަކޮށް، ފައިސާ ދައްކާފައި ތިބި މީހުންގެ އަދަދު ވަނީ 28 ޕަސެންޓުން 62 ޕަސެންޓަށް އިތުރުކުރެވިފައިވާ ކަމަށާއި އެ 62 ޕަސެންޓަކީ ވޯކްޕާމިޓް ފީއާއި އެހެނިހެން ލިޔެކިއުންތައް 100 ޕަސެންޓް ކަށަވަރުވެފައިވާ މީހުން ކަމަށެވެ. މިނިސްޓަރު އިތުރަށް ވިދާޅުވީ، ބިދޭސީން ގެންގުޅޭ ފަރާތްތަކަށް އިމިގްރޭޝަންގެ ސިސްޓަމް މެދުވެރިކޮށް ބިދޭސީންގެ ސްޓޭޓަސްއާއި ވިސާ ފީ ދައްކަންޖެހޭ ތާރީޚުތައް ސާފުކޮށް ފެންނަން ހުންނާނެ ކަމަށެވެ. އެހެންވެ، ބިދޭސީން ގެންގުޅޭ ފަރާތްތަކުން ގަވާއިދުން ފީތައް ދެއްކުމަށް މިނިސްޓަރު ވަނީ އިލްތިމާސްކުރައްވާފައެވެ. "މެއި ދޭއް 2026 އިން ފެށިގެން ފީ ނުދައްކާ އެއްވެސް ވަރަކަށް އުޅެނިކޮށް، އަޅުގަނޑުމެންގެ ލޯ އެންފޯސްމަންޓާ ދިމާވާ ކޮންމެ ބިދޭސީއަކީ ވެސް އިމީޑިއަޓްލީ ރާއްޖޭން ޑީޕޯޓްކުރެވިގެންދާނެ ފަރާތެއް،" އިހުސާން ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވި ގޮތުން މި އޮޕަރޭޝަންގެ ދަށުން މިހާތަނަށް ގާތްގަނޑަކަށް 206,000 ބިދޭސީންގެ ފިންގަޕްރިންޓް ނަގާފައިވާއިރު، އަދިވެސް ފިންގަޕްރިންޓް ނުދީ 2,933 މީހަކު އެބަތިއްބެވެ. އެއީ ކޮން ބައެއްކަން މިހާރު އިމިގްރޭޝަނަށް ދެނެގަނެވިފައިވާ ކަމަށާއި މި ވަގުތު އެންމެ ބޮޑު ކަންބޮޑުވުމަކީ ގަވައިދާ ޚިލާފަށް އުޅޭ އެ އަދަދު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުން ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ