މިހިތް އެދޭތީ... 06
"ވަރަށް ބަލައިގެން އުޅެއްޗޭ!..." ރިޝާން ބުނެލިއެވެ. ފަސްއެނބުރި ބަލައިލިއިރު، އިޒީގެ ހިތުގައި ސުވާލުތައް ފުނިޖެހިއްޖެއެވެ. ******** ރިޝާންގެ ތުންފަތުގައިވީ ލުއި ހިނިތުންވުމެކެވެ. އެ ހިނިތުންވުން ރަމްޒުކޮށްދިނީ އޭނާގެ ބާރާއި، ކެރުންތެރިކަމެވެ. އެއީ ދިން އިންޒާރެއް ހެއްޔެވެ؟ ނުވަތަ ހެޔޮ އެދޭތީ ބުނި އެއްޗެއް ހެއްޔެވެ؟ "ފެންނަ ފެނުމަށް ހިއެއް ނުވޭ ކަމެއް ހަނދާންނެތިފަ ހުރެދާނެހެން..." ރިޝާން ބޭނުންވި މައުޟޫޢުއަށް ވާހަކައިގެ މިސްރާބު ބަދަލުކޮށްލިއެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވިއެވެ. ރިޝާންގެ ތޫނު ދެލޮލުން ފެނުނީ ޖެހިލުންކުޑަކަމެވެ. އެ ބެލުމުގައި ހުރީ ސިއްރުވެރި ގޮތެކެވެ. ރިޝާންގެ މަގުސަދާއިމެދު އިޒީގެ ހިތުގައި ސުވާލު އުފެދުނެވެ. ދެމީހުންގެ ފުރަތަމަ ބައްދަލުވުމުންވެސް އޭނާ އިތުރު ކަމެއް ސާބިތުކޮށްދޭން އުޅޭ ކަހަލައެވެ. "އައި ޑޯންޓް..." އިޒީ ބުނެލިއެވެ. "ތީގެ މާނައަކީ ގަސްދުގަ ބައެއް ކަންކަން ހަނދާން ނައްތާލައިގެން ހުރީއޭ؟... ވީ ކަމެއް ނުވާ ކަމަކަށް ހަދަން މަސައްކަތް ކުރަނީއޭ؟... ރައިޓް؟..." އިޒީގެ މޫނަށް ވެރިވި ނުތަނަވަސްކަން ރިޝާނަށް ސިއްރެއް ނުވިއެވެ. "ކީކޭ ބުނަން ތިއުޅެނީ؟..." އިޒީ ހިތްހަމަނުޖެހުނެވެ. ރިޝާންގެ ތުންފަތުގައިވި ހިނިތުންވުން ފުންވިއެވެ. "ސަމް ނައިޓް ލީވް މާކްސް... އެއްބަސް ނުވިޔަސް، ހެކި ހުންނާނެއޭ މިބުނީ..." ރިޝާން ދެން ބުނެލި ޖުމުލައިން އިޒީގެ މުޅި ހަށިގަނޑަށް ފިނިވެގެން ދިޔައެވެ. އިޒީގެ ހަނދާނަށް އައީ އެ ބިރުވެރި ރޭގެ ހަނދާންތަކެވެ. ހިތަށް ސިފަވީ އެކްސިޑެންޓްގައި ފަޔަށް ލިބުނު އަނިޔާއިން ލައިފައިވާ ބޮޑު ލަކުނެވެ. ރިޝާން ދެއްކީ އެ ލަކުނުގެ ވާހަކަ ހެއްޔެވެ؟ އެ ހަނދާން އައުވުމުންވެސް އިޒީގެ މުޅި ގައިން ހީބިހި ނަގައިގަތެވެ. ރިޝާން ތެދުވިއެވެ. ހޯލުން ނުކުންނަން ހިނގައިގަތެވެ. އިޒީ އާއި އަރައި ހަމަވެފައި ހުއްޓުނެވެ. "ހަނދާން ނެތިއްޔާ، ހަނދާންކުރަން މަސައްކަތްކޮށްލާ!..." އިޒީގެ މޫނަށް ބަލައިލުމެއްނެތި ރިޝާން ބުނެލިއެވެ. "ތި ހިތުގަ ހުރި ސުވާލުތަކަށް ޖަވާބު ލިބޭނީ އޭރުން..." ރިޝާން ދިޔައީ ސުވާލު މާކެއްގެ ތެރެއަށް އިޒީ ދޫކޮށްލާފައެވެ. އިޒީގެ ހަނދާނަށް އައީ ފެނުނު ހުވަފެނެވެ. އެ ހުވަފެނާއި އޭނާގެ މާޒީ އާއި ގުޅުމެއް ވެދާނެ ހެއްޔެވެ؟ ހުވަފެނުން ފެންނަ އަންހެން ކުއްޖަކީ ކާކު ހެއްޔެވެ؟ މާޒީގައި ހިނގައިދިޔަ އެކްސިޑެންޓްގެ ފަހަތުގައި ފޮރުވިފައިވާ ކަންތައްތަކަކީ ކޮބައި ހެއްޔެވެ؟ ރިޝާން ދިޔުމުންވެސް އިޒީ އެތައް އިރެއް ވަންދެން ހޯލުގައި އިނެވެ. އެކި ފިކުރުތަކުން ފުރި ބާރުވަމުންދިޔަ ސިކުނޑިއަށް ލުއިކަމެއް ނުލިބުނެވެ. ރިޝާންގެ ޖުމުލަތައް އިޒީގެ ކަންފަތްދަށުގައި ގުގުމަމުން ދިޔައެވެ. ވިއްސާރަ އެ ރޭ، ޔުނީފޯމުގައި ހުރެ އިޒީ ދުވަމުން ދިޔައީ ކީއްވެ ހެއްޔެވެ؟ އޭނާގެ ފަހަތުން އައީ ކާކު ހެއްޔެވެ؟ އިޒީއަށް ގެއްލުންދޭން މަސައްކަތްކުރީ ކީއްވެ ހެއްޔެވެ؟ އެކްސިޑެންޓްވީ ވަގުތު ކާރުން ފައިބައިގެން އައީ ކާކު ހެއްޔެވެ؟ "ތިންކް، ތިންކް..." އަމިއްލަ ނަފުސާއި ހަނގުރާމަކުރަމުންދިޔަ އިޒީ އޭނާގެ އިސްތަށިގަނޑުގެ ތެރެއަށް ދެއަތް މަހައިލީ، އިތުރު އެއްވެސް ކަމެއް ހަނދާނަށް ނައުމުންނެވެ. ހަނދާންކުރަން މަސައްކަތް ކުރަމުންދިޔަ ވަރަކަށް އިޒީގެ ސިކުނޑިއަށް ބާރުކުރަމުން ދިޔައެވެ. ބޮލުގައި ރިއްސަން ފެށިއެވެ. އިސާހިތަކު ދެލޯ ކަރުނުން ފުރުނެވެ. "ނޫން... އަހަރެން އެއްވެސް ކަމެއް ހަނދާން ނައްތާލީއެއް ނޫން... ހަނދާނުގަ ނެތީ... އަހަންނަކީ ވަރަށް ހިތްވަރުގަދަ މީހެއް..." އިޒީ އަމިއްލަ ނަފުސަށް ވިސްނައިދިނީ އެނޫން ގޮތެއް ނެތުމުންނެވެ. އެ ހުރިހާ ދުވަހު އިޒީ އުޅުނީ އެކަނިވެރި ދިރިއުޅުމެކެވެ. އެހީވާން މައިންބަފައިން ކައިރިއަކު ނެތެވެ. ހިތްވަރުގެ ބަހެއް ބުނެލާނެ ގާތް އެކުވެރިއަކު ނެތެވެ. އެއީ އިޒީ ބޭނުންވި ގޮތެވެ. އޭނާ ހުރީ އުފަލުންނެވެ. އެހެނަސް، އެ އެކަނިވެރިކަންދެކެ މިއަދު އޭނާ ޖެހިލުންވާން ފަށައިފިއެވެ. ކަމެއް ޖެހުނަސް، އަޅާލާނެ މީހަކު ކައިރީގައި ނުހުންނާނެކަން އިހުސާސްވިއެވެ. މުޅީންވެސް އިޒީގެ މައްސަލައެވެ. މައިންބަފައިންނާއި ދުރުވީވެސް އިޒީ އަމިއްލަ އަށެވެ. އެކުވެރިންނާއި ވަކި ދުރުމިނެއް ބެހެއްޓީވެސް އޭނާ އަމިއްލައަށެވެ. ހޯލުގެ ބޭރުގައި ހުރި ޔައިލްގެ މޫނުން ފެނުނީ ނުތަނަވަސްކަމެވެ. އޭނާގެ ނަޒަރު ހުއްޓިފައިވީ ފިކުރުބޮޑުވެފައި އިން އިޒީއަށެވެ. ރިޝާނާއި އިޒީގެ ދެމެދުގައި ދެކެވުނީ ކޮން ވާހަކައެއް ހެއްޔެވެ؟ އިޒީފަދަ ހިތްވަރުގަދަ އަންހެންކުއްޖެއްގެ ބަލިފައި ރިޝާނަށް އެނގުނީ ކިހިނެއް ހެއްޔެވެ؟ އެތެރެއަށް ވަންނަން ޔައިލްގެ ހިތް އެދުނެވެ. އެހެނަސް، ދެފައި ހަރަކާތެއް ނުކުރިއެވެ. ދުރުގައި ބަލަން ހުރުން ނޫންކަމެއް އޭނާއަށް ނުކުރެވުނެވެ. ޔައިލް ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ޝިފްލީންގެ މޭޒު ކައިރީގައި ހުއްޓުނެވެ. އަތުގައި އޮތް ފައިލު ޝިފްލީންގެ މޭޒުމަތީގައި ބޭއްވިއެވެ. "ވަކީލު އިޒީގެ ސައިން ބޭނުންވާނެ... ހޯލުގަ އެބަ އިންނެވި..." ޝިފްލީނަށް އެއްޗެއް ބުނާނެ ފުރުސަތު ނުދީ ޔައިލް ގޮސް ކެބިންއަށް ވަނެވެ. ޝިފްލީން ފައިލު ހިފައިގެން ދިޔަ މަންޒަރު ބަލަން ހުރި ޔައިލްއަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. އޭނާ ފޯނު ނަގައި ނަންބަރަކަށް ގުޅިއެވެ. "އެބަ ފޮނުވަން ފޮޓޯއެއް... އައި ނީޑް އިންފޮމޭޝަން... ވަރަށް އަވަހަށް..." ޔައިލް ފޯނު ބޭއްވިއެވެ. ******** ޝިފްލީން ހޯލަށް ވަންއިރު، އިޒީ އިނީ އިސްޖަހައިލައިގެންނެވެ. އިޒީ ރޮނީކަން އޭނާއަށް ޔަގީންކުރެވުނެވެ. ކުޑަ ހިނދުކޮޅަކަށް ނަމަވެސް، ހަދަންވީގޮތެއް ނޭނގިފައި ޝިފްލީނަށް ހުރެވުނެވެ. އެހާ ގިނަ ދުވަހު އިޒީ އާއިއެކު މަސައްކަތް ކުރެވުނުއިރުވެސް އިޒީގެ ބަލިފައެއް އޭނާއަށް ފެނިފައެއް ނުވެއެވެ. އިޒީ ރޯނީ ވަރަށް ބޮޑުކަމެއް ދިމާވީމައެވެ. ޝިފްލީން މަޑުމަޑުން ގޮސް އިޒީގެ ކައިރީގައި ހުއްޓުނެވެ. ބުރަކަށީގައި ފިރުމައިލިއެވެ. އިޒީ ސިހިފައި އަވަސް އަވަހަށް ކަރުނަ ފޮހެލިއެވެ. "އިޓްސް އޯކޭ... ބައެއްފަހަރު ރޯންވެސް ވާނެ... ހިތަށް ހަމަޖެހުން ލިބޭނީ އޭރުން..." ޝިފްލީން މަސައްކަތްކުރީ އެކުވެރިއެއްގެ ދައުރު އަދާކުރާށެވެ. އިޒީ ވަގުތުން ހިމޭންވިއެވެ. ދެމީހުންގެ ދެމެދުގައި ހޭދަވި ހިމޭންކަމުގެ ވަގުތުކޮޅު އެކަކު އަނެކެއްގެ ހިތަށް އެތައް އެއްޗެއް އަރައި ފައިބަމުން ދިޔައެވެ. އިޒީ ވިސްނަމުން ދިޔައީ ޝިފްލީނާއި ވާހަކަ ދެއްކޭނެ ގޮތަކާއި މެދުގައެވެ. ޝިފްލީން ވިސްނަމުންދިޔައީ، އިޒީގެ ހިތާމައަށް ލުއިކަމެއް ގެނެސްދެވޭނެ ގޮތަކާއި މެދުގައެވެ. އެތެރެއިން ކަންކަން ހިންދާލައިގެން ހުރެހުރެ، އިޒީގެ ނަފުސާނީ ދުޅަހެޔޮކަމާއިމެދު ޝިފްލީންގެ ހިތުގައި ސުވާލު އުފެދިފައިވާތާ ދުވަސްކޮޅެއްވެއްޖެއެވެ. "ހުރިހާ ކަމެއްވެސް އަދި ރަނގަޅުވާނެ... ހިތްވަރުކޮށްލާ..." ޝިފްލީން ބުނެލިއެވެ. "އެކުވެރިއަކާ ވާހަކަ ދައްކަން ބޭނުން ނޫނިއްޔާ، ޑޮކްޓަރަކަށް ދައްކާލަންވީނު... ވަރަށް ރަނގަޅު ޑޮކްޓަރުން ތިބޭނެ ޑީއެމް ހޮސްޕިޓަލުގަ... އެޕޮއިންޓްމަންޓް ހަދަންވެސް ވަރަށް ފަސޭހަވާނެ އެތަނުން... ވަގުތުން ގޮސް ހަދާލެވޭނެ..." ********* ޔައިލްގެ ނަޒަރު ހުއްޓިފައިވީ ކޮންޕިއުޓަރުން އެއްޗެއް ޓައިޕްކުރަން އިން އިޒީއަށެވެ. ދެލޮލުގައި މަޑު ރަތްކަމެއްވިޔަސް، ދެންމެ ކަމަކާއި ހިތާމަކުރިކަމުގެ އެއްވެސް އަސަރެއް އެ މޫނުން މިހާރު ނުފެނެއެވެ. އިޒީ ކުޅަދާނައެވެ. އަމިއްލަ އިހުސާސްތަކުގެ މައްޗަށް ކުރި ހޯދޭނީ މަދު ބަޔަކަށެވެ. އިޒީ ބަލައިލުމުން، ޔައިލް އަވަސް އަވަހަށް ފޯނު ކަންފަތުގައި ޖެހިއެވެ. ވާހަކަ ދައްކަދައްކާ އިންދައި، ފޯނު ރިންގުވާން ފެށިއެވެ. ރިންގުގެ އަޑު މުޅި ތަނުގައި ގުގުމައިލިއެވެ. ޔައިލް އުޅުނީ އަވަހަށް ފޯނު ކަނޑައިލާށެވެ. އަވަސްކުރަން ހަދައިގެން ފޯނު އަތުން ދޫވެގެން މޭޒުމައްޗަށް ވެއްޓުނެވެ. ކުރެވުނު ކަންތަކާއި އަމިއްލަ ނަފުސަށް ކުދިކިޔަމުން ޔައިލް ބޭރަށް ނުކުތެވެ. އެ މަންޒަރު ބަލަން އިން އިޒީއަށް ހެވުނީ ޔައިލްގެ މޮޔަކަން ހިތަށް އަރާފައެވެ. "ކީއްކުރަން މިގަޑީ ތިގުޅީ؟... ސަކަރާތް ކަމެކޭ އެވީ..." ފޯނު ނެގިގޮތަށް ޔައިލް ޝަކުވާ ކުރިއެވެ. "ބުނި މައުލޫމާތު ހޯދާފަ މިގުޅީ..." އެކޮޅުން ބުނި އަޑު އިވުނެވެ. "މެސެޖު ކުރާށޭނު ބުނީ..." ޔައިލް ބުނެލިއެވެ. "ބުނި ހުރިހާ ލިޔުމެއް ހުންނާނެ ފޮނުވާފަ..." ފޯނުގެ އަނެއްކޮޅުން ވާހަކަ ދެއްކި މީހާ ބުންޏެވެ. "ޔައިލްއަށް ހީވީ ރަނގަޅަށް... އެއީ ކޮމިޝަނަރ އޮފް ޕޮލިސް ހަސަން ޝާކިރުގެ ދޮށީ ދަރިފުޅު..." ޔައިލްގެ ފޯނަށް ފޮނުވާފައި އޮތީ އައިޑީކާޑަކާއި، އުފަންދުވަހުގެ ސެޓްފިކެޓެއްގެ ފޮޓޯއެކެވެ. "ޔޫސުފް ރިޝާން ޝާކިރު..." އައިޑީކާޑުގައި ލިޔެފައި އޮތް ނަން ކިޔައިލި ޔައިލް ދެލޯ ހަނިކޮށްލިއެވެ. "ކޮމިޝަނަރގެ ދަރިފުޅު، ކީއްވެ؟..." އޮފީހުގެ ރަސްމީގަޑި ނިމުމާއިއެކު، އިޒީ ތެދުވިއެވެ. އެހެން މުވައްޒަފުންނަށްވުރެ ކުރިން މިއަދު ލިފްޓަށް ވަނީ އިޒީއެވެ. ޔައިލްއަށް އިޒީ ފެނުނީ ލިފްޓަށް ވަންނަނިކޮށެވެ. އެހާ ކުރިން އިޒީ ގެއަށް ދާނީ ސަބަބެއް އޮތީމައިކަން އޭނާއަށް އެނގުނެވެ. އިޒީގެ ފަހަތުން ދާންއުޅެފައިވެސް ޔައިލް އެ ހިޔާލު ދޫކޮށްލިއެވެ. ގެއަށް ދިޔުމުގެ ބަދަލުގައި އިޒީ ދިޔައީ ހޮސްޕިޓަލަށެވެ. ޝިފްލީން ބުނިހެން، ޑޮކްޓަރަކަށް ދައްކައިގެން އޭނާގެ ސިކުނޑިއަށް ފަރުވާއެއް ލިބިދާނެކަމުގެ އުއްމީދުގައެވެ. ކައުންޓަރުން ނަންބަރެއް ނަގައިގެން އިޒީ ގޮސް ގޮނޑިބަރީގައި އިށީނެވެ. މީހުން ގިނަޔަސް، މާހައުލު ހިމޭނެވެ. ކުރެވެން އުޅޭ ކަންތަކާއިމެދު އިޒީ އިނީ ހާސްވެފައެވެ. އެ ފިނި ތަނުގައިވެސް ނިތްކުރިން ދާހިއްލާފައެވެ. އޭނާ އަމިއްލަ ނަފުސަށް ވިސްނައިދެމުން ދިޔައީ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ ކަމުގައެވެ. ކުއްލިއަކަށް އިޒީއަށް އުނދަގޫ އިހުސާސެއް ކުރެވެން ފެށިއެވެ. މީހަކު އޭނާއަށް ފާރަވެރިވެ ބަލަން ހުންނަހެން ހީވާން ފެށިއެވެ. އިޒީ ވަށައިގެން ނަޒަރު ހިންގައިލިއެވެ. ޑޮކްޓަރަށް ދައްކަން އައިސް ތިބި މީހުންނާއި، މުވައްޒަފުން ހަރަކާތްތެރިވެ އުޅުނެވެ. އެކަކުވެސް އޭނާއަށް ނުބަލައެވެ. ޝައްކު ކުރެވޭ ކަހަލަ މީހަކު ނުފެނުނެވެ. ދެތިން ފަހަރު ބަލައިގެންވެސް އޭނާއަށް އެފަދަ މީހަކު ނުފެނުނެވެ. އިޒީގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. އޭނާއަށް ހީވީ، މީހަކު ބަލަން ހުންނަ ހެންނެވެ. "މިސް އިޒީ.." ޑޮކްޓަރު ބަލާ ކޮޓަރީގެ ދޮރު ހުޅުވާލާފައި ނުކުތް ކުއްޖާ، އިޒީގެ ނަން ގޮވިއެވެ. އިޒީ ފުންމައިގެން ތެދުވިއެވެ. ކުރިއަށް ހިނގައިގަތެވެ. ހިނގަމުންދިޔަ ވަރަކަށް، އިޒީއަށް ހީވީ، އޭނާގެ ހަރަކާތްތަކަށް މީހަކު ފާރަވެރިވެ ބަލަން ހުންނަ ހެންނެވެ. ފަހަތުން އަންނަހެންވެސް ހީވިއެވެ. އިޒީގެ ފިޔަވަޅުތަކަށް ލަސްކަމެއް އައެވެ. މަޑުމަޑުން ފަސްއެނބުރި ބަލައިލިއެވެ. އެފަހަރުވެސް ސައްކު ކުރެވޭ ކަހަލަ މީހަކު ނުފެނުނެވެ. އެއީ އޭގެކުރިން ދުވަހަކުވެސް އިޒީއަށް ވީގޮތެއް ނޫނެވެ. "މިސް އިޒީ..." އަނެއްކާވެސް އިޒީއަށް ގޮވައިލި އަޑު އިވުނެވެ. އިޒީގެ ފިޔަވަޅުތައް ހުއްޓުނެވެ. އޭރު އޭނާ ހުރީ ދާހިއްލާ ފޯވެފައެވެ. ކުރިއަށް ދިޔުމުގެ ބަދަލުގައި އިޒީ އެނބުރުނީ ފަހަތަށެވެ. އޭނާއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ހޮސްޕިޓަލުން ނުކުމެވުމުންނެވެ. ******** ގެއަށް ވަންގޮތަށް އިޒީ ދޮރު ތަޅުލިއެވެ. ކުޑަދޮރުތައް ތަޅުލެވިފައި ހުރިކަން ޔަގީން ކުރިއެވެ. އޭރުވެސް އިޒީގެ ނޭވާ ހަމައަކަށް ނޭޅެއެވެ. މަގުމަތިންވެސް މީހަކު އޭނާގެ ހަރަކާތްތަކަށް ބަލަން ހުންނަހެން އިޒީއަށް ހީވަނީއެވެ. އެއީ ކުރެވޭ ވަހުމެއްނަމަ، އިޒީ މޮޔަވަނީ ހެއްޔެވެ؟ ބޮކިތައްވެސް ނުދިއްލާ، އިޒީ ގޮސް ސޯފާއަށް ވެއްޓިގަތެވެ. އެވަގުތު އިޒީގެ ފޯނު ވައިބްރޭޓްވި އަޑު އިވުނެވެ. މެސެޖު އައިސްފައި އޮތީ ނުދަންނަ ނަންބަރަކުންނެވެ. އިޒީ މެސެޖު ހުޅުވައިލީ ދެފިކުރެއްގައި އޮވެފައެވެ. "ޓްރައިންގް ޓު ރިމެމްބަރ؟..." މެސެޖު ކިޔައިލުމާއިއެކު، އިޒީއަށް ފުންމައިގެން ތެދުވެވުނެވެ. އެމީހަކު ހީވީ، އިޒީ ކުރާ ކަންތައް ފެނިގެން މެސެޖުކުރި ހެންނެވެ. އިޒީއަށް ބަލައިލެވުނީ ކުޑަދޮރާއި ދިމާއަށެވެ. ދޮރުގެ ފޮތިގަނޑު ހުރީ ރަނގަޅަށެވެ. ބޭރުގައި ހުންނަ މީހަކަށް އެތެރެ ނުފެންނާނެކަން އިޒީއަށް ކަށަވަރެވެ. "ބައެއް ކަންކަން ސިއްރެއްގެ ގޮތުގަ ބޭއްވުން އެންމެ ރަނގަޅުވާނީ..." ދެވަނަ މެސެޖެވެ. އިޒީގެ ދެލޯ ބޮޑުވިއެވެ. އެއީ އިއްތިފާގެއް ނޫނެވެ. އިޒީއަށް ހީވީ ރަނގަޅަށެވެ. އޭނާ އޮފީހުން ނުކުތީއްސުރެ ކޮންމެވެސް މީހަކު ފާރަލީކަން ކަށަވަރު ވިއެވެ. ކޮންމެވެސް މީހަކަށް އިޒީގެ ހަގީގަތް އެނގެނީއެވެ. އޭނާގެ މާޒީވެސް މެއެވެ. އެކަމަކު ކާކު ހެއްޔެވެ؟ އިޒީގެ ހިތަށް އައީ އެންމެ ނަމެކެވެ. "ރިޝާން..." (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ