ޕީޖީ އޮފީހުން ހަނދާންކޮށްދިނީ އިންތިޚާބުގެ އޮފިޝަލުންނަށާއި ވޯޓުލާ މީހުންނަށް ބިރުދެއްކުމަކީ ގާނޫނީ ކުށެއްކަން

އިންތިޚާބުގެ އޮފިޝަލުންނަށް ބިރުދައްކައި، ނުވަތަ ވޯޓުލާ މީހުންނަށް ބިރު ދެއްކުމަކީ ގާނޫނީ ކުށެއް ކަން ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ހަނދާންކޮށްދީފިއެވެ. ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ބުނީ، ވޯޓުލުމުގެ ހައްގަކީ ރައްޔިތުންގެ އެންމެ އަސާސީ އެއް ހައްގު ކަމަށާއި، ވޯޓުލުމުގެ ހައްގުގެ އެންމެ އަސާސީ ކަމަކީ އެ މީހަކު އިޚްތިޔާރުކުރާ ކެނޑިޑޭޓަކަށް އަމިއްލަ އިޚްތިޔާރުގައި، އެއްވެސް މަޖުބޫރުކަމެއް ނެތި ވޯޓުލުމުގެ ފުރުސަތު ފަހިވެފައި އޮތުން ކަމަށެވެ. އެހެންކަމުން ވޯޓުލުމުގެ ހައްގުގެ މައްޗަށް ސިޔާސީ، ނުވަތަ އިގުތިޞާދީ ނުފޫޒުތައް ކުރިމަތިކުރުވުމަކީ ގާނޫނު ހުއްދަކުރާ ކަމެއް ނޫން ކަމަށް، އެ އިދާރާއިން ބުންޏެވެ. ޕީޖީ އޮފީހުން ބުނީ، އާންމުންނާއި ސިޔާސީ ޕާޓީތަކުން އިންތިޚާބުގެ އޮފިޝަލުންނަށް ބިރުދެއްކުމާއި، މީހުން ވޯޓުލުމަށް ހުރަސްއެޅުމާއި، ވޯޓަށް ނުފޫޒު ފޯރުވުމަށްޓަކައި ވޯޓުލާ މީހާއަށް އަނިޔާއެއް ކޮށްފާނެ ކަމުގެ ބިރުދެއްކުމަކީ ސިޔާސީ ޕާޓީތަކާއި ކެނޑިޑޭޓުން ކުރުން މަނާ، ގާނޫނީ ކުށެއް ކަމަށެވެ. ވޯޓުލާން ކިޔޫގައި މީހަކު: އިންތިޚާބުގެ އޮފިޝަލުންނަށް ބިރުދައްކައި، ނުވަތަ ވޯޓުލާ މީހުންނަށް ބިރު ދެއްކުމަކީ ގާނޫނީ ކުށެއް --- ސަން ފޮޓޯ: ޢާއިޝް އަޝްރަފް މީގެ އިތުރުން، އިންތިޚާބުގެ އޮފިޝަލުންނާއި އިލެކްޝަންސް ކޮމިޝަނުގެ މުވައްޒަފުން، އިންތިޚާބަށް ކުރިމަތިލުމަށް ފޮނުވާ ލިޔެކިއުންތައް ނައްތާލުމާއި، އިހުމާލުވުމާއި، ވޯޓު ކަރުދާސް ވިއްކުމާއި، ވޯޓު ފޮއްޓާއި، ވޯޓު ކަރުދާހުގެ ސެކިއުރިޓީ ކޮމްޕްރޮމައިޒްވާފަދަ ކަމެއް ކުރުމާއި، ވޯޓު އޮޅުވާލުން ފަދަ ކަމެއް ކޮށްފިނަމަ، ތިން އަހަރާއި އަށް އަހަރާ ދެމެދުގެ ޖަލު އަދަބެއް އަންނާނެ ކަމަށް، އެ އޮފީހުން ބުންޏެވެ. އަދި، އިންތިޚާބުތަކުގައި ވާދަކުރާ ކެނޑިޑޭޓުންނަށް އެންމެ ގިނަވެގެން ޚަރަދުކުރެވޭނީ އެ ކެނޑިޑޭޓަކު ކުރިމަތިލާ އިންތިޚާބީ ދާއިރާއެއްގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ ކޮންމެ މީހަކަށް 2000 ރުފިޔާގެ މަގުން ހިސާބުކުރުމުން ނުކުންނަ ފައިސާގެ އަދަދު ކަމަށް، ޕީޖީ އޮފީހުން ބުންޏެވެ. އެ އަދަދަށްވުރެ އިތުރަށް ޚަރަދުކުރުމަކީ ގާނޫނުގެ ދަށުން ކުށެއް ކަމަށްވެސް، އެ އިދާރާއިން ބުންޏެވެ. އެހެންކަމުން، ކެނޑިޑޭޓުންނާއި އިންތިޚާބުގެ އޮފިޝަލުންނާއި ވޯޓުލާ މީހުން މި ކަންކަމަށް ސަމާލުވުމަށް، ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ. އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއަދު 14:00އާ ހަމައަށް 162،929 މީހުން ވޯޓުލައިފައިވެއެވެ. އެއީ ވޯޓުލެވޭ 44.75 އިންސައްތައެވެ. އެ ވޯޓުތައް ބާއްވަން ހަމަޖެހިފައި އޮތީ 16:00އާ ހަމައަށް ނަމަވެސް، ހޫނުގަދަވެ، ކިއުދިގުވެ، ގިނަ ބަޔަކަށް ވޯޓުލުމަށް ދަތިވެފައިވާކަން ފާހަގަކޮށް، އީސީން ވަނީ 17:00އަށް ވަގުތު އިތުރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ