މިހާރަކަށް އައިސް ދިރިއުޅެން ކުރާ މަސައްކަތެއް ކުރަން ފެށުން، ފިހާރައެއް ހުޅުވުން، އައުބާވަތެއްގެ މުދަލެއް އެތެރެކޮށް ތަޢާރަފްކުރުން ފަދަ މާތް ﷲ ގެ ޙަޟްރަތުން ވާގިއެދެންޖެހޭ ކަންކަން ކުރަން ފަށަމުންވެސް (އެކަމަށްބާއްވާ ރަސމިއްޔާތުތަކުގައި) މިޔުޒިކް ކުޅުމުގެ ޙަރަކާތްތައް އެބަކުރިއަށް ގެންދެއެވެ. އެއީ ކޮންކަހަލަ ކަމެއްތޯ؟
ތިއަފަދަ ކަމެއްގަ މުފްތީ މެންކް ދެއްވާފައިވާ ޖަވާބެއް:
"އެކަމަކާއި ދުރުހެލިވާން ﷲ ތަޢާލާ އަންގަވާފައިވާ ކަމެއް ކުރާތަނަކަށް ރަހްމަތުގެ މަލާއިކަތުން ކައިރިވެވަޑައެއް ނުގަންނަވާނެތެވެ. އެތަނެއްގައި ތިބޭނީ ޝައިޠޯނުންގެ ފައުޖުތަކެވެ." ދެން އޮތްބައި އެކަން ކުރާ މީހާގެ ވިސްނުމަށް ނުވަތަ ގޮތް ނިންމުމަށް ދޫކޮށްލާފައި ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!
އުފާވެރިކަމާއި ހިތްހަމަޖެހުން ލިބެން އޮތީ މިޔުޒިކުންކަމަށް ދެކޭ މީހުން ވިސްނާލަންޖެހޭނެ ކަންކަން އެބަހުއްޓެވެ. ރަނގަޅަށް އަޑުއަހާށެވެ!
ޝައިޠާނާގެ ދުންމާރިތައް ބޭނުންކޮށްގެން މިކުޅޭ މިޔުޒިކް އަޑު އެހުން މުސްލިމުންނަށް ހަރާމެވެ. ނަމަވެސް ބައެއް މީހުންނަށް އެކަމަށް އެހައި ބޮޑު ސަމާލުކަމެއް ނުދެވެއެވެ. އެހެންކަމާއިއެކުވެސް ބައެއް މީހުން ވަރަށް ގިނައިން ހެޔޮ އަމަލުތައް ކުރެއެވެ. މިފަދައިން އަމަލުކުރާ ބައެއް މީހުންނަށް ނުވެސް އެނގި ކުއްލިއަކަށް މިޔުޒިކް އަޑުއިވުމުން އުނދަގޫވާން ފަށައެވެ. އެހިސާބުން އެމީހުން މިޔުޒިކްގެ އަޑުއަހަން ބޭނުމެއްވެސް ނުވާނެއެވެ. އަދި ކީއްހެއްޔެވެ؟ މިހާލަތަށް ދެވުމުން މީހުން ދައްކާ ނެތި މޮށުމުގެ ވާހަކަތަކުގެ އަޑު އަހަންވެސް ބޭނުމެއް ނުވާނެއެވެ. އެއީ އޭނާގެ ކަންފަތް އެ އަޑުތައް އަހަން ދެކޮޅުހަދާތީއެވެ.
މީސްތަކުންނޭވެ! މިކަންކަން މެދުވެރިވެއްޖެ ނަމަ އެމީހަކަށް އުފާވެރިކަމުގެ ކޮޅެއްވެސް ނެތެވެ. މިފަދަ ޙާލަތު މެދުވެރިވުމަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން އެމީހަކަށް ލިބެން ފަށައިފި ކަމުގެ ހެއްކެކެވެ. އެހިސާބުން އެމީހާ އެކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެއެވެ. ﷲ ތަޢާލާ އާއި ކުއްތަންވުމަށް ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރަން ޖެހޭނެއެވެ.
ރަސޫލް (ﷺ) ވަނީ މަގުމަތީގައި ހިނގާއިރު ބަލައިގެން ހިނގުމަށް އިރުޝާދު ދެއްވަވައިފައެވެ. ނަމަވެސް ބަލައިގެން ނުވާނެ މަންޒަރެއް ފެނިއްޖެ ނަމަ އަވަހަށް ބެލުން ހުއްޓައިލަން ޖެހޭނެއެވެ. އެފަދަ މަންޒަރު ފެނުމުން ބެލުމަށް ޝައުޤުވެރިވެވޭނަމަ އެކަމުން އެނގެނީ އެމީހާގެ އީމާންކަން ފުރިހަމަނުވާ ކަމެވެ.
މީސްތަކުންނޭވެ! ﷲ ތައާލާގެ ލޯބިވެވޮޑިގަތުން އެމީހަކަށް ލިބިއްޖެ ނަމަ އެމީހެއްގެ ދެއަތުން އެއްވެސް ޙަރާމްކަމެއް ނުކުރާނެއެވެ. ވައްކަމެއް ނުކުރާނެއެވެ. އެއްވެސް މީހަކަށް އަނިޔާވެރިއެއް ނުވާނެއެވެ. ﷲ ތަޢާލާ ޙަރާމް ކުރެއްވެވި އެއްވެސް ކަމެއް ކުރަން ދެފައިން ހިނގާފައެއް ނުދާނެއެވެ. ގަދައަޅައި މަސައްކަތް ކުރަމުން ދުޢާކުރަންވީ މިފަދަ މީހުންގެ ތެރޭގައި ހިމެނޭތޯއެވެ! އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭ މީހުންގެ ތެރޭގައި ހިމެނޭތޯއެވެ!
މީސްތަކުންނޭވެ! ކުރެވޭ ހެޔޮ އަމަލުތައް ގިނަވުމުން އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންދާނެއެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމުން އެމީހަކަށް ޙާޞިލު ނުކުރެވޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ. އެންމެ ކުޑަމިނުން އެމީހަކަށް ބޭނުންވާ ރައްކައުތެރިކަންވެސް ﷲ ތަޢާލާ ދެއްވަވާނެތެވެ. ވީމާ އަހަރެމެންނަށް ކުރަން ޖެހޭ ކަމަކީ ވީހައި ގިނަ ހެޔޮ އަމަލުތައްކޮށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރުމެވެ.
ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިއްޖެނަމަ އެމީހަކު އެންމެ ފާފައެއްވެސް ނުކުރާނެއެވެ. ފާފަކުރުމާއި މުޅިން ދުރުހެލިވެވޭނެއެވެ. ފާފަތައް ކުރުމަށް ނަފުރަތު ކުރެވެން ފަށާނެއެވެ. އެންމެ ކުޑަމިނުން މިޔުޒިކް ފަދަ ޝައިޠާނާގެ ދުންމާރިފަދަ ތަކެތީގެ އަޑު އަހަންވެސް ބޭނުމެއް ނުވާނެއެވެ. އެފަދަ އަޑުތައް އިވުމުން ކަންފަތަށް އުނދަގޫވެސް ވާނެއެވެ.
- ބިލާލް އައްސަދުގެ ދަރުސަކުން
ﷲ ގެ ރަޙްމަތަށް އެދިގެން ތިބެ ކުރާ ކަންކަމަށް ޝައިޠޯނުންނަށް ދަޢުވަތުދީގެން ޝައިޠޯނުންގެ ފައުޖުތައް ގެނައިމަ ވާނީ ކިހިނެއްތަ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ