ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި

ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، ހުދު ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ހުދު ސަމާލު ނެރުނުކަން ހާމަކޮށް ބުނީ، ނ. އިން ފެށިގެން އައްޑޫ އަތޮޅާ ހަމައަށް މޫސުން ގޯސްވާނެ ކަމަށެވެ.
ހުދު ސަމާލު ނެރެފައިވަނީ މިރޭ 7:00 އިން ފެށިގެން މެންދަމު 1:00 އާ ހަމައަށެވެ.
މެޓް އޮފީހުން ބުނީ މި ވަގުތުގެ ތެރޭގައި، ބޯކޮށް ވާރޭވެހި، ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި މި ވަގުތުގެ ތެރޭގައި، ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުގެ އިއުލާނުގައި ބުނެފައިވެއެވެ.
އެގޮތުން ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ބުނެއެވެ.
ރާއްޖެއަށް ވިއްސާރަވާން ފަށާއިމިވަނީ މިއަހަރުގެ ހުޅަނގު މޫސުން މިމަހުގެ ކުރީކޮޅު ފެށުމާ ގުޅިގެންނެވެ. މިދިޔަ ދެ ހަފުތާއެއްހާ ދުވަހު ރާއްޖޭގެ އެކި ކަންކޮޅުތަކަށް އެކި ވަގުތުތަކުގައި ވަރަށް ބޯކޮށް ވާރޭ ވެހި، ފެންބޮޑުވުމުގެ ހާދިސާތައް ވަނީ ހިނގައިފައެވެ.
މޫސުން ގޯސް ދުވަސްވަރުގައި، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި، ކަނޑުދަތުރުފަތުރު ކުރުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން ދަތުރުފަތުރުކުރުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރު ނުވަތަ އަޅާފައި ބާއްވައިގެން އޮޕަރޭޓްކުރާ އުޅަނދުފަހަރުގައި، ވަކި ހާލަތްތަކުގައި ފަސިންޖަރުން ލައިފްޖެކެޓް އެޅުވުމާއި، ލައިފްޖެކެޓް އަޅާނެ ގޮތުގެ މައުލޫމާތު ފޯރުކޮށްދިނުމަކީ ކެޕްޓަންގެ ޒިންމާއެއް ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.
އާންމު ދަތުރުފަތުރުގެ ގޮތުގައި ފެރީގެ ހިދުމަތް ދިނުމަށާއި، މީހުން އުފުލާ ހުރިހާ އުޅަނދުފަހަރުގައި ލައިފްޖެކެޓް ފަސޭހައިން ބޭނުންކުރެވޭ ގޮތަށް ބެހެއްޓުމަކީ މުހިންމު ކަމެކެވެ. އަދި އުޅަނދު ފުރުމުގެ ކުރިން ލައިފްޖެކެޓް ބޭނުންކުރާނެ ގޮތުގެ މައުލޫމާތު ފަސިންޖަރުންނަށް ފޯރުކޮށްދޭން ހާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ. ދަތުރުމަތީގައި އެއްވެސް ބޭނުމެއްގައި ނޫނީ އެއްވެސް ހާލަތެއް މެދުވެރިވެގެން ފަސިންޖަރު ނުވަތަ ފަޅުވެރިން އުޅަނދުގެ ގެގަނޑުން ބޭރަށް ނުކުންނަންޖެހޭ ވަގުތުތަކުގައި ބޭރަށް ނުކުންނަންވާނީ ލައިފްޖެކެޓް އަޅައިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ