މިސްރުގައި ބޭއްވި ޤުރުއާން މުބާރާތުން ޝަޔާ ހޯދި ކާމިޔާބީ ފާހަގަކޮށް ހިތްވަރުދެއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް، މިސްރުގައި ބޭއްވި ބައިނަލްއަޤްވާމީ ޤުރުއާން މުބާރާތުން ފަހުރުވެރި ކާމިޔާބީއެއް ހޯއްދެވި ފާތިމަތު ޝަޔާ ޒާހިރުއާ ބައްދަލުކުރައްވާ، މަރުޚަބާ ވިދާޅުވެއްޖެއެވެ.
މިސްރުގައި ބޭއްވި 29 ވަނަ "އިންޓަރނޭޝަނަލް ކޮންޓެސްޓް ފޮރ ރިސައިޓާސް އޮފް ދަ ހޮލީ ޤުރުއާން" މުބާރާތުގައި ޝަޔާ ވަނީ، ނުބަލާ ކިޔެވުމުގެ ބައިން ފަޚްރުވެރި 2 ވަނަ ހޯދާފައެވެ. މި މުބާރާތުގެ ކިޔެވުންތައް ކުރިއަށްގެންދިޔައީ މިދިޔަ ފެބްރުއަރީމަހުއެވެ. މުބާރާތުގެ ނަތީޖާ ފާޅުކޮށްފައިވަނީ މިމަހުގެ 18 ވަނަ ދުވަހު މިސްރުގައެވެ. އެ ރަސްމިއްޔާތުގައި ޝަޔާއާ އިނާމު ހަވާލުކޮށްދެއްވީ، މިޞްރުގެ ރައީސްް އަބްދުލް ފައްތާޙް އަލް-ސީސީއެވެ.
ޝަޔާއާއި ބައްދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވަނީ، ޝަޔާއަށް ހިތްވަރުދެއްވާ، އެގޮތުގައި ކުރިއަށްދިއުމަށް އެދިވަޑައިގެންފައެވެ. އަދި ޤުރުއާނުގެ ޢިލްމު އުނގެނުމުގައި ދެމިހުރުމަށް ނާއިބު ރައީސް ބާރުއެޅުއްވިއެވެ.
މި ބައްދަލުވުމުގައި ޝަޔާގެ މަންމައާއި ބައްޕަ އަދި، މިނިސްޓަރ އޮފް އިސްލާމިކް އެފެއަރސް ޑރ.އަހުމަދު ޒާހިރު އަލީ ބައިވެރިވެ ވަޑައިގެންނެވިއެވެ.
މިސްރުގައި ބޭއްވި މުބާރާތަކީ ބައިނަލްއަޤްވާމީގޮތުން ބާއްވާ އެންމެ ބޮޑު އެއް ޤުރުއާން މުބާރާތެވެ. އެ މުބާރާތުގައި 58 ޤައުމަކުން 108 ބައިވެރިން ޤުރުއާން ކިޔަވާފައިވެއެވެ.
ބައިނަލްއަޤްވާމީ ޤުރުއާން މުބާރާތްތަކުގައި ފަހަކަށް އައިސް ދިވެހި ދަރިވަރުން އަންނަނީ ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ޙާސިލްކުރަމުންނެވެ.
Your email address will not be published. Required fields are marked *
Comment *
Name
Email
Website
© 2022 Gaafu.mv. All rights reserved.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ