"ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބް ކޮންކްރީޓް ހޮހޮޅައެއްގައި"

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ދެވަނަ ނައިބު، އަހުމަދު އަދީބް އޮންނެވީ ކޮންކްރީޓް ހޮހޮޅައެއްގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
މިހާރަކަށް އައިސް ރާއްޖޭގެ ޖަލުތަކުގައި ވާނުވާއެއް ނޭނގި ޤައިދީންތަކެއް މަރުވަމުން ދިއުމާއި ގުޅިގެން، ކަންބޮޑުވުން ފާޅުކޮށް، މިވަގުތު ޖަލު ހުކުމެއްގައި މާފުށީ ޖަލުގައި ހުންނެވި މަހްލޫފް ނެރުއްވި ބަޔާނުގައި ބުނެފައިވަނީ ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގައި، ޖަލު އަދަބެއްގެ ގޮތުން ވިޔަސް އެކަހެރިކޮށްފައި ގައިދީއަކު ބެހެއްޓޭނީ ގިނަވެގެން އެއް މަސް ދުވަހުގެ މުއްދަތަށް ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.
ނަމަވެސް ޖަލުގައި އެކަހެރިކޮށް ބަންދުކޮށްފައި ތިބި އެތައް ގައިދީންނެއް އެބަ ތިބި ކަމަށް މަހްލޫފްގެ ބަޔާނުގައި ބުނެފައިވެއެވެ.
" ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބް ކޮންކްރީޓް ހޮހޮޅައެއްގައި ދުވާލު ހަތަރުދަމު އިރަށް ދޮންވާގޮތަށް ބާއްވާފައި އޮންނަތާ އަހަރަކަށްވުރެ ގިނަދުވަސްވީއެވެ. ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް މުޙްތާޒް މުޙުސިންވެސް ހަމަ އެފަދަ ޙާލެއްގައެވެ. މަރަށް ޙުކުމްކޮށްފައި ތިބި ޤައިދީންނާއި، އަދި މީގެ އިތުރުންވެސް އެހެން ޤައިދީން މިޙާލުގައި އެބަތިއްބެވެ." މަހްލޫފްގެ ބަޔާނުގައި ބުނެފައިވެއެވެ.
މަހްލޫފްގެ ބަޔާނުގައި ބުނެފައިވަނީ، އެބޭފުޅާއަކީ ކުރިން، ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބްއާ ކިތަންމެ ހިޔާލު ތަފާތުކޮށް ހުރި މީހެއްކަމުގައި ވީނަމަވެސް އޭނާ އާއި އަދި ކުރިން ފާހަގަކުރެވުނު ފަރާތްތަކާމެދު އަމަލުކުރަމުން ގެންދާ ގޮތުން އިންތިހާއަށް ކަންބޮޑުވެ ހިތާމަކުރާ ކަމަށެވެ.
"ޔުނިޓް 10 ގައި، އަޅުގަނޑާއި ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބް ބިތްގަނޑު ޖަހައި ވަކިކޮށްފަައިވާ ބައިތަކުގައި ތިބޭއިރު، އޭނާގެ ސިއްޙީ މައްސަލަތަކަށް ސަރުކާރުން ސަމާލުކަމެއް ނުދޭކަން އޭނާއާއެކު ކުރެވޭ މުޢާމަލާތްތަކުން އަޅުގަނޑަށް އެނގިފައިވެއެވެ." މަހްލޫފްގެ ބަޔާނުގައި ބުނެފައިވެއެވެ.
ަމަހްލޫފްގެ ބަޔާނުގައި ބުނެފައިވާ ގޮތުން ޖަލުން ގައިދީނަށް ދޭ ކެއުމަކީ ރާއްޖޭގެ އެއްވެސް ރައްޔިތަކު ނުކާ ވަރުގެ ދެރަވަރު ކެއުމެކެވެ. އަދި މަހްލޫފް ޖަލުގައި ބަންދު ކުރެވުނު ފަހުން ވޭތުވެދިޔަ މުއްދަތުގައި ފަސް ގައިދީން ހަގީގަތް ނޭނގޭ ގޮތަށް މަރުވެގެން ގޮސްފައިވާ ކަމަށްވެސް އޭނާގެ ބަޔާނުގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ