ޑރ.ޝަހީދު އީރާނަށް ވަޑައިގަތުމުގެ ހުއްދަ ނުދޭން އެ ގައުމުން ނިންމައިފި

އިރާންގެ އިންސާނީ ހައްގުތަކުގެ މައްސަލަތައް ބެލުމުގައި އިސްކޮށް ހުންނެވުމަށް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން ކަނޑައެޅި ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހްމަދު ޝަހީދު އީރާނަށް ވަޑައިގަތުމުގެ ހުއްދަ ނުދޭނެ ކަމަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ބުނެފި އެވެ.
އީރާންގެ ރަސްމީ ނިއުސް އެޖެންސީއާ ހަވާލާދީ ބައެއް ނޫސްތަކުން ބުނެފައި ވަނީ އީރާންގެ ކަންތައް ހުރި ގޮތް ބެލުމަށް ޝަހީދު އީރާނަށް ވަޑައިގަތުމުގެ ހުއްދަ ނުދޭން ނިންމީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ކަމަށެވެ. އެ ކޮމިޓީގެ ޑެޕިއުޓީ ޗެއާމަން މުހައްމަދު ކަރީމް އަބީދީއާ ހަވާލާދީ އީރާންގެ ގައުމީ ނިއުސް އެޖެންސީން ބުނެފައި ވަނީ އދ. އިން ފުރަތަމަ ތަހުގީގުކުރަން ޖެހޭނީ އެމެރިކާ އާއި އިޒްރޭލުގެ އިންސާނީ ހައްގުތަކުގެ މައްސަލަ ކަމަށެވެ.
މިގޮތަށް ނިންމުމުގެ ކުރިން ވެސް އީރާނުން ބުނެފައި ވަނީ އެ ގައުމުގެ އިންސާނީ ހައްގުތަކުގެ މައްސަލަ ބެލުމަށް އދ. އިން މަންދޫބަކު ކަނޑައެޅުމަކީ ސިޔާސީ ނިންމުމެއް ކަމަށެވެ. އީރާނުން ބުނީ އެއީ އެމެރިކާގެ ފިއްތުމާ ގުޅިގެން އުފެއްދި މަގާމެއް ކަމަށާއި އެހެންވެ އެއީ އިންސާފެއް ނޫން ކަމަށެވެ.
އީރާނުން ބުނެފައި ވަނީ ޝަހީދަށް އިހްތިރާމްކުރާ ކަމަށާއި އޭނާ ޓޫރިސްޓެއްގެ ހައިސިއްޔަތުގައި އީރާނަށް ވަޑައިގަތުމަށް މަރުހަބާ ކިޔާނެ ކަމަށެވެ.
އީރާންގައި އިންސާނީ ހައްގުތަކަށް އަރައިގަންނަ ކަމަށް އދ. އިން ބުނަމުން ދާއިރު އެ ގައުމުން ބުނަމުން ދަނީ އިންސާނީ ހައްގަކީ ހުރިހާ ތަނެއްގައި އެއް ހަމަޔަކަށް ބަލާ އެއްޗަކަށް ވެގެން ނުވާނެ ކަމަށާއި ދީނާއި ސަގާފަތާއި އާދަކާދައިގެ މައްޗަށް އިންސާނީ ހައްގުތަކުގެ އުސޫލުތައް ބަދަލުވާނެ ކަމަށެވެ. އަދި އދ. އަސް އިސްލާމީ އުސޫލުތައް ރަނގަޅަށް ފަހުމު ނުވާ ކަމަށް އީރާނުން ބުނެ އެވެ.
'ސްޕެޝަލް ރެޕަޓުއާ އޮން ސިޗުއޭޝަން އޮފް ހިއުމަން ރައިޓްސް އިން އީރާން' ގެ މަގާމަށް ޝަހީދު ހުކުރު ދުވަހު ހަމަޖައްސާފައިވާ އިރު އެ މަގާމަކީ އެމެރިކާގެ އިސްނެގުމުގެ މަތިން މާޗް 24 ވަނަ ދުވަހު ފާސްކުރި ގަރާރެއްގެ ދަށުން އުފައްދާފައިވާ މަގާމެކެވެ. އެ މަގާމުގައި ހުންނަވާ ބޭފުޅެއްގެ ޒިންމާގައި ހިމެނޭ ކަންތައް ފުރިހަމަކުރުމަށް އީރާނަށް ގޮސް ބޭނުންވާ މައުލޫމާތު ހޯދުމުގައި އީރާނުން ފުރިހަމަ އެއްބާރުލުން ދިނުމަށް ގަރާރުގައި ގޮވާލާފައިވެ އެވެ.
އީރާންގެ އިންސާނީ ހައްގުތަކުގެ ހާލަތާ ބެހޭ ހޯދުންތައް، ސެޕްޓެމްބަރު މަހު އޮންނަ އދ.ގެ އާންމު މަޖިލީހަށް ހުށަހެޅުމާއި ފުރިހަމަ ރިޕޯޓެއް އެކުލަވާލުމަށް ފަހު 2012 ވަނަ އަހަރުގެ މާޗް މަހު ހިއުމަން ރައިޓްސް ކައުންސިލަށް ހުށަހެޅުމުގެ މަސައްކަތް ވެސް ޝަހީދާ ވަނީ ހަވާލުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ