އާ މަޖިލީހުގެ ރައީސަކަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހާއި ނައިބު ރައީސަކަށް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުﷲ އަބްދުއްރަހީމް (އަދުރޭ) އިންތިހާބުކޮށްދެއްވުމަށް މަޖިލީހަށް އިންތިހާބުވަޑައިގެންނެވި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންނަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރައްވައިފި އެވެ.
ސަންއަށް އެނގިފައިވާ ގޮތުގައި ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް، އެގޮތަށް އެދިވަޑައިގެންނެވީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ އާ މެމްބަރުނާ މިއަދު ހަވީރު މުލިއާގޭގައި ބޭއްވި ބައްދަލުވުމެއްގަ އެވެ.
އެ ބައްދަލުވުމުގައި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ގިނަ މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ. ނަމަވެސް މަޖިލީހުގެ ނައިބު ރައީސަކަށް ޝައުގުވެރިކަން ފާޅު ކުރައްވާފައިވާ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ބައިވެރިވެވަޑައި ނުގަންނަވަ އެވެ.
މަޖިލީހުގެ ރައީސަކަށާއި ނައިބު ރައީސަކަށް ސަރުކާރު ހިންގާ ޕީޕީއެމްގެ ބޭފުޅަކު އިންތިހާބު ކުރަން ރައީސް އެދިވަޑައިގެންނެވިއިރު، ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު އިއްސާއެއް އޮންނަ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ވަނީ މަޖިލީހުގެ ރައީސަކަށް ކުރިމަތިލައްވަން ނިންމަވާފަ އެވެ.
ރިޔާސީ އިންތިހާބުގައި އެންމެ ފުރަތަމަ ޕީޕީއެމާ ކޯލިޝަން ހެދި އެމްޑީއޭގެ ނައިބު ލީޑަރު އަދި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ވެސް ވަނީ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމަށް ޝައުގުވެރިކަން ފާޅުކޮށްފަ އެވެެ. ނަމަވެސް ރައީސްގެ ނިންމުމާ ގުޅޭ ގޮތުން އެ ޕާޓީން ވަކިގޮތެއް ނިންމި ކަމެއް އެނގިފައެއް ނުވެ އެވެ.
މަޖިލީހުގެ ރައީސަކަށް މަސީހު، ނައިބު ރައީސަކަށް އަދުރޭ ހޮވަން ރައީސް އެދިވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ