އަވަސް އިންތިހާބަކަށް ދާން ޖެހިއްޖެ ނަމަ ރިޔާސީ ކެންޑިޑޭޓެއް ހޮވުމަށް އެމްޑީޕީން ފާސްކޮށްފި

އަވަސް ރިޔާސީ އިންތިހާބަކަށް ދާން ޖެހިއްޖެ ހިނދެއްގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށްޓަކައި އަންނަ މޭ މަހު ޕްރައިމަރީއެއް ބޭއްވުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ދަރުބާރުގޭގައި ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުއްލި ޖަލްސާގައި މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހްމަދު ދީދީ ހުށަހަޅުއްވައި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލް ގަފޫރު ތާއީދު ކުރެއްވި މި ގަރާރު ފާސްވީ 64 މެމްބަރުންގެ އިއްތިފާގުންނެވެ.
އެމްޑީޕީގެ ގަރާރުގައި ބުނެފައިވަނީ، "ޑރ. މުހައްމަދު ވަހީދުގެ ސަރުކާރަކީ ބަޣާވާތަކުން ވެރިކަން ފޭރިގަނެފައިވާ ސަރުކާރެއް ކަމަށް މި ޕާޓީން ގަބޫލްކުރާ ހިނދު، އަދި ރާއްޖޭގެ ގާނޫނީ ރައީސުލްޖުމްހޫރިއްޔާ އަކީ މުހައްމަދު ނަޝީދު ކަމަށް މި ޕާޓީން ގަބޫލްކުރާ ހިނދު، އެއްވެސް ސަބަބަކާ ހުރެ އަވަސް އިންތިހާބަކަށް ދާން ޖެހިއްޖެ ހިނދެއްގައި އެ އިންތިހާބުގައި ބައިވެރިވާނެ ރިޔާސީ ކެންޑިޑޭޓެއް މި ޕާޓީން ނިންމާފައި އޮތުން މުހިންމު ކަމަށް ދެކޭތީ ރިޔާސީ ޕްރައިމަރީ އަށް މިހާރުން މިހާރަށް ގޮވައި މި މަސް ނިމުމުގެ ކުރިން ކެންޑިޑޭޓުން އިއުލާންކޮށް، ދެ މަސް ދުވަހުގެ ކެމްޕޭނު މުއްދަތު ދީ މޭ މަހުގެ ތެރޭގައި ރިޔާސީ ކެންޑިޑޭޓު ކަނޑައަޅައި ނިންމުމަށް މި ޕާޓީން އިގްރާރު ވަމެވެ،" މިހެންނެވެ.
މިއަދުގެ ގައުމީ މަޖިލީހުގައި ބައެއް މެމްބަރުން ވިދާޅުވީ އަވަސް އިންތިހާބެއް ބޭއްވި ނަމަވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ޕާޓީން ދީފައިވާ ފަސް އަހަރުގެ މުއްދަތު ނަފީ ވެގެން ވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ