ޔާމިނާއި ގާސިމްގެ ގޭ ބަންދުގެ މުއްދަތު 15 ދުވަހަށް ހައި ކޯޓުން އިތުރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީނާއި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ ގޭ ބަންދުގެ މުއްދަތު 15 ދުވަހަށް ހައި ކޯޓުން މިރޭ އިތުރުކޮށްފި އެވެ.
ގާސިމާއި ޔާމިނު ބަންދުގެ މުއްދަތު ތިން ދުވަހަށް ގޭ ބަންދަށް ޖިނާއީ ކޯޓުން އިތުރު ކުރުމުން އެކަމާ ހިތްހަމަނުޖެހިގެން މި މައްސަލަ ހައި ކޯޓަށް ހުށަހަޅާފައި ވަނީ ފުލުހުންގެ ފަރާތުންނެވެ.
ވަކިވަކިން ބޭއްވި މި ދެ މައްސަލައިގައި މިރޭ ހުކުމް އިއްވެވުމުގެ ކުރިން ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ވިދާޅުވީ ޔާމިނާއި ގާސިމްގެ މައްޗަށް ތުހުމަތު ކުރެވިފައި ވަނީ ގާނޫނާ ހިލާފަށް ސަރުކާރުން ވައްޓާލަން އުޅުމާއި މަޖިލީހުގެ މެންބަރުންތަކަކަށް ރިޝްވަތު ދެއްވަން އުޅުން ކަމަށެވެ.
ފަނޑިޔާރު ވިދާޅުވީ ޔާމިނާއި ގާސިމް 15 ދުވަހު ބަންދުގައި ބެހެއްޓުމަށް ފުލުހުން ޖިނާއީ ކޯޓުގައި އެދިފައިވާއިރު އެ ދެ ބޭފުޅުން ބަންދުގައި ބަހައްޓަން ބޭނުންވަނީ ކޮންތާކުކަން ބަންދުގައި ބެހެއްޓުމަށް އެދި ފުލުހުން ހުށަހަޅާފައިވާ ފޯމުން ނޭނގޭ ކަމަށެވެ. އަދި އެ ދެ ބޭފުޅުން ބަންދުގައި ބަހައްޓަން ބޭނުންވަނީ ހެކިންނަށް ނުފޫޒު ފޯރުވާފާނެތީ ކަމަށް ފުލުހުން ބުނާއިރު އެފަރާތުން ހުށަހެޅި ހެކިތަކުގެ ތެރޭގައި ހެކިންނަށް ނުފޫޒު ފޯރުވުމަށް އުޅެފާނެ ކަމަށް ބެލެވޭ ފަދަ ހެއްކެއް ނެތް ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.
ފަނޑިޔާރު ވިދާޅުވީ ތުހުމަތު ކުރެވޭ މީހާގެ ވަށައިގެންވާ ކަންތައްތަކަށާއި ގާނޫނު އަސާސީ އާއި ގާނޫނަށް ރިއާޔަތް ކުރުމަށްފަހު ބަންދުގެ މުއްދަތު އިތުރު ކުރުމާއި ބަންދުން ދޫކޮށްލުމުގެ ބާރު ފަނޑިޔާރުންނަށް ލިބިގެންވާ ކަމަށެވެ.
ފަނޑިޔާރު ވިދާޅުވީ ގާސިމާއި ޔާމިނު ތިން ދުވަހު ގޭ ބަންދު ކުރުމަށް ޖިނާއީ ކޯޓުން ނެރުނު އަމުރަކީ ޝަރުއީ އަދި ގާނޫނާ ހިލާފްވާ އަމުރެއް ކަމަށް ކަނޑައެޅުއްވެން ނެތް ކަމަށެވެ. ނަމަވެސް އެ ދެ ބޭފުޅުންގެ މައްޗަށް ކުރެވޭ ތުހުމަތަކީ ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅުމާއި މެންބަރުންނަށް ރިޝްވަތު ދިނުން ކަމަށްވާއިރު އެ ދެ ބޭފުޅުން 15 ދުވަހު ބަންދުގައި ބެހެއްޓުމަށް ފުލުހުން ދަށު ކޯޓުގައި އެދިފައިވާ ކަމަށެވެ. ފަނޑިޔާރު ވިދާޅުވީ ޖިނާއީ ކޯޓުން އެ ބޭފުޅުން ތިން ދުވަހު ބަންދުގައި ބެހެއްޓުމަށް އަމުރު ނެރެފައިވާއިރު އެގޮތަށް އަމުރު ނެރުނު ސަބަބު ބަޔާންކޮށްފައިނުވާ ކަމަށެވެ. އަދި އެ ބާވަތުގެ ކުށެއް ތަހުގީގު ކުރުމަށް 15 ދުވަހަކީ ދިގު މުއްދަތެއް ނޫން ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.
ފަނޑިޔާރު އާދަމް މުހައްމަދު ވިދާޅުވީ އެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުން ޖިނާއީ ކޯޓުން ނެރުނު އަމުރު އިސްލާހު ކުރުމަށް ފެނިވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން ޖޫން ،30 2010 ގެ 29: 7 ފެށިގެން ޖުލައި ،15 2010 ގެ 28: 7 އާ ހަމައަށް ޔާމިނާއި ގާސިމް ގޭ ބަންދުގައި ބެހެއްޓުމަށް ކަނޑައެޅުއްވީ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. އަދި އެ ބޭފުޅުންގެ ބަންދުގައި ހުންނަ ދުވަސްތަކުގައި މަޖިލީހަށާއި އެ ދެ ބޭފުޅުން ހިމެނިވަޑައިގަންނަވާ މަޖިލީހުގެ ކޮމެޓީތަކަށް ފޮނުވުމުގެ އިންތިޒާމް ހަމަޖައްސައިދިނުމަށް ވެސް ހައި ކޯޓުން އަމުު ކުރެއްވި އެވެ.
ހައި ކޯޓުން އެ ގޮތަށް ހުކުމް ކުރުމުން އެ ދެ ބޭފުޅުންގެ ވަކީލުންގެ ޓީމުގެ ފަރާތުން އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ އެ ހުކުމާމެދު ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށެވެ. އަދި އެ މައްސަލަ އިސްތިއުނާފް ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅުއްވާނެ ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ. ޔާމިނާއި ގާސިމް ވެސް ވިދާޅުވީ ހައި ކޯޓުން މައްސަލަ ނިންމި ގޮތާމެދު ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށެވެ. އަދި މިއީ ސިޔާސީ މަގްސަދުތަކެއް ހާސިލް ކުރުމަށް ސަރުކާރުން ފުލުހުން ލައްވާ ކުރުވާ ކަމެއް ކަމަށް ވެސް އެ ދެ ބޭފުޅުން ވިދާޅުވި އެވެ. އަދި އެއްވެސް މީހަކަށް ރިޝްވަތު ދިނުމުގެ ތުހުމަތުގައި ދުވަހަކުވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް ވެސް އެ ދެބޭފުޅުން ވިދާޅުވި އެވެ.
22.01 - ޔާމީންގެ ގޭ ބަންދުގެ މުއްދަތުވެސް 15 ދުވަހަށް އިތުރުކުރުމަށް ހައި ކޯޓުން ހުކުމް ކޮށްފިއެވެ. ނަމަވެސް ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތަކަށާއި ދެ މެމްބަރުން ބައިވެރިވެވަޑައިގަންނަވާ ކޮމިޓީތަކަށް ވަޑައިގަތުމުގެ ހުއްދަ ވަނީ ދީފަ އެވެ.
ޔާމީނާއި ގާސިމްގެ ބަންދުގެ މުއްދަތު އިތުރު ކޮށްދިނުމަށް ފުލުހުން ޖިނާއީ ކޯޓުގައި އެދުމުން ކޯޓުން ބުދަ ދުވަހު، މަޖިލިހުގެ ޖަލްސާތަކާއި ކޮމިޓީތަކަށް ވަޑައިގެންނެވޭ ގޮތަށް، ތިން ދުވަހުގެ ގޭ ބަންދަށް މުއްދަތު އިތުރު ކޮށްދީފައި ވެއެވެ. ނަމަވެސް ފުލުހުން އެ ނިންމުން ބުރާސްފަތިދުވަހު ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައި ވެއެވެ.
21.41 - ހިޔާނާތްތެރިން ހައްޔަރުކުމަށް ގޮވާލައި ހައި ކޯޓު ދޮށުގައި މުޒާހިރާ ކުރަމުން އެބަ ގެންދެއެވެ.
21.36 - ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބުނެ ހައްޔަރުކޮށްފައިވާ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމްގެ ގޭ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކުރުމަށް ހައި ކޯޓުން ދާދި ދެންމެއަކު ހުކުމް ކޮށްފިއެވެ.
މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީންގެ ޝަރީއަތުގެ އަޑުއެހުން ކުޑަ އިރުކޮޅެއްގެ ތެރޭގައި ހައި ކޯޓުގައި ފަށާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ