ކޯޓަށް އެއްބާރުލުން ދެއްވާފައި ނުވާތީ ޕޮލިސް ކޮމިޝަނަރު ހާޒިރުވެވަޑައިގަތުމަށް މަދަނީ ކޯޓުން އަމުރު ފޮނުވައިފި

ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ފަސީހް ކޯޓަށް ހާޒިރުވެވަޑައިގަތުމަށް އެދި މަދަނީ ކޯޓުން އަމުރު ފޮނުވައިފި އެވެ.
މަދަނީ ކޯޓުގެ ގާޒީ މުހައްމަދު ނައީމް މިއަދު ވިދާޅުވީ ކޯޓަށް ހާޒިރުވުމުގެ އަމުރެއް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ފަސީހަށް އިއްޔެ ފޮނުވާފައިވާނެ ކަމަށެވެ. އެ އަމުރުގައި އެދިފައި ވަނީ މި މަހުގެ 10 ވަނަ ދުވަހު މި ކޯޓަށް ހާޒިރުވެ ވަޑައިގަތުމަށް ކަމަށެވެ.
ނައީމް ވިދާޅުވީ އެ ކޯޓަށް ޕޮލިސް ކޮމިޝަނަރު ހާޒިރުކުރައްވަނީ ގާނޫނު އަސާސީ 141 ވަނަ މާއްދާގެ (ރ)ގައި ބަޔާން ކުރާ ގޮތަށް ކޯޓަށް އެއްބާރުލުން ދެއްވާފައި ނުވާތީ އެކަމާ ގުޅިގެން ކޯޓުން ބަލަން ބޭނުންވާ ކަންތައްތަކެއް ސާފުކުރުމަށް ކަމަށެވެ.
"އިއްޔެ ވަނީ އެ އަމުރު ފޮނުވާފައި. އެ މަނިކުފާނުގެ އަތްޕުޅަށް ޗިޓު ލިބުނު ކަމެއް އަޅުގަނޑަކަށް އަދިއެއް ނޭނގެ،" ނައީމް ވިދާޅުވި އެވެ.
ގާނޫނު އަސާސީ 141 ވަނަ މާއްދާގެ (ރ) ގައި ބުނަނީ ކޯޓުތަކުގެ މިނިވަންކަން ރައްކާތެރިކުރުމަށާއި ކޯޓުތަކުގެ ހައިބަތާއި ގަދަރު ހިމާޔަތްކޮށްދީ އެތަންތަނަކީ ކޮންމެ މީހަކަށް ވެސް ފަސޭހައިން މައްސަލަ ހުށަހެޅޭ ވަކި ފަރާތަކަށް ނުޖެހި ހަރުދަނާ ގޮތެއްގައި މަސައްކަތްކުރާ ތަންތަން ކަމަށް ހެދުމަށްޓަކައި ގާނޫނާއި ގަވައިދުތަކުގެ ޒަރީއާއިންނާއި އެހެނިހެން ގޮތްގޮތުން ވެސް ދައުލަތުގެ އިދާރާތަކުންނާއި ދައުލަތުގެ ކަންތައްތައް ހިންގުމާ ހަވާލުވެތިބި އެންމެހައި މީހުން ކޯޓުތަކަށް އެހީތެރިވާން ވާނެ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ އެކަމާ ބެހޭ އެއްވެސް މައުލޫމާތެއް އަދި ނެތް ކަމަށެވެ.
ޕޮލިސް ކޮމިޝަނާ މަދަނީ ކޯޓަށް ހާޒިރު ކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ތ. ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ހައްޔަރުކޮށްގެން ކޯޓަށް ހާޒިރު ކުރެއްވުމަށް ފުލުހުންނަށް އެންގެވުމުން މުސްތޮފާ ހާޒިރުކުރުވާފައި ނުވުމުންނެވެ.
މުސްތޮފާ ކޯޓަށް ހާޒިރުކޮށްދިނުމަށް ކޯޓުން ފުލުހުންގެ ކިބައިން އެދުނީ މުސްތަފާގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށްވާ އައިލެންޑް ޓްރާންސްޕޯޓް ޕްރައިވެޓް ލިމިޓެޑުގެ މައްސަލައެއްގަ އެވެ. އެ މައްސަލައިގައި އޭނާ ކޯޓަށް ހާޒިރުވެފައި ނުވާތީ އޭނާ ބަންދުކޮށްގެން ފުލުހުންގެ ބެލުމުގެ ދަށުން ކޯޓަށް ހާޒިރު ކުރުވުމަށް މަދަނީ ކޯޓުން އެންގި އަމުރަށް ފުލުހުން މުސްތޮފާ ހާޒިރުކޮށްދީފައި ނުވާތީ ޕޮލިސް ކޮމިޝަނަރު ކޯޓަށް ހާޒިރު ކުރައްވަން ބޭނުންވާ ކަމަށް ކުރިން ވެސް މަދަނީ ކޯޓުން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ