އަބްދުﷲ ގާޒީ ހައްޔަރުކުރުމަށް އަފީފް އެންގެވި - ފަސީހް

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުމަށް އޭރުގެ ހޯމް މިނިސްޓަރު ހަސަން އަފީފް ވެސް އޭނާ އަށް އެންގެވި ކަމަށާއި ނަމަވެސް މަތީ ކޯޓެއްގެ އަމުރެއް ނެތި އެކަން ނުކުރެވޭނެ ކަމަށް އަފީފަށް ދެންނެވި ކަމަށް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ފަސީހު ވިދާޅުވެއްޖެ އެވެ.
"އެ ބައްދަލުވުމުގައި ކުރީގެ ހޯމް މިނިސްޓަރު ހަސަން އަފީފް އަޅުގަނޑު ކައިރީ އެއްސެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރެވިދާނެތޯ؟ އަޅުގަނޑު ދެންނެވިން ހައިކޯޓުގެ އަމުރެއް އޮވެގެންނޭ ހައްޔަރު ކުރެވޭނީ،" އަބްދުﷲ ގާޒީ ބަންދުކުރި މައްސަލައިގައި ތޮލްހަތުގެ މައްޗަށް ކުރާ ދައުވާގެ މިއަދުގެ ޝަރީއަތުގެ ދައުލަތުގެ ހެކިވެރިއެއްގެ ހައިސިއްޔަތުން ހެކިބަސް ދެއްވަމުން ފަސީހު ވިދާޅުވި އެވެ.
ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތް އިބްރާހިމް ކަލޭފާނާއި ދެކޮޅަށް ހެކިބަސް ދެއްވަމުން ފަސީހު ވިދާޅުވީ އަބްދުﷲ ގާޒީއާ މެދު ފިޔަވަޅު އަޅައިދޭން އެދިވަޑައިގެން ސިފައިންނަށް ސިޓީ ފޮނުއްވީ ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭގެފާނު ވިދާޅުވެގެން ކަމަށެވެ.
އޭނާ ވިދާޅުވީ އޭނާ ސޮއިކުރައްވާ ސިޓީއެއް ފޮނުއްވާފައިވާނެ ކަމަށާއި ނަމަވެސް އެ ސިޓީގައި އޮންނާނީ އަބްދުﷲ ގާޒީއާމެދު ގާނޫނާއި ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އަޅައިދިނުމަށް އެދިވަޑައިގެންފައި ކަމަށް ފަސީހު ވިދާޅުވި އެވެ. ނަމަވެސް އަބްދުﷲ ގާޒީ ހައްޔަރުކޮށް ނުވަތަ ބަންދުކުރަން އެދިވަޑައިގެންފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަބްދުﷲ ގާޒީ ބަންދުކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފި ކަމަށާއި އަދި އެކަން އެގޮތަށް ހިނގާނެ ކަމަށް އޭގެފަހުން ތޮލްހަތު ވިދާޅުވި ކަމަށާއި އެހެން އޭނާ ވިދާޅުވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުގެ މެންދުރު ފުލުހުންގެ އިދާރާގައި ބޭއްވި ބައްދަލުވުމެއްގައި ކަމަށް ފަސީހު ވިދާޅުވި އެވެ.
މިއަދުގެ އަޑުއެހުމުގައި ދެވަނަ އަށް ހެކިބަސް ދެއްވީ ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އިސްމާއިލް އަތީފެވެ.
އަތީފް ވިދާޅުވީ ނަމަވެސް އަބްދުﷲ ގާޒީ ބަންދުކުރުމަށް ހިންގި އޮޕަރޭޝަންގައި ފުލުހުންގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ. އޭނާ ވިދާޅުވީ އަބްދުﷲ ގާޒީގެ މައްޗަށް ފުލުހުން އޭރު ކޮށްފައިވަނީ ކޮރަޕްޝަންގެ ތުހުމަތެއް ކަމަށާއި ނަމަވެސް އެއީ މީހަކު ބަންދުކުރަންޖެހޭ ވަރުގެ ކުށެއް ނޫން ކަމަށެވެ.
މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ މަޖިލީހުން ވިދާޅުވީ އެ މައްސަލައިގެ ދެން އޮންނަ އަޑުއެހުން އަންނަ އަންގާރަ ދުވަހު އޮންނާނެ ކަމަށާއި އެ ދުވަހު ވެސް ދައުލަތުގެ ހެކިވެރިންގެ ހެކިބަސް ނަންގަވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ