ސަޕޯޓަރުން ފުރަތަމަ ފެންނާނީ އާސެނަލްގެ ދަނޑުން

ޕްރިމިއާ ލީގްގެ ކުލަބުތަކުގެ ތެރެއިން އެންމެ ފުރަތަމަ ދަނޑަށް ސަޕޯޓަރުން ވައްދާނެ ކުލަބަކީ އާސެނަލްކަން އިއުލާން ކޮށްފި އެވެ.
ޔޫރޮޕާ ލީގްގައި އަންނަ ބުރާސްފަތި ދުވަހު، އޮސްޓްރިއާް ރެޕިޑް ވިއޭނާ އާ ދެކޮޅަށް އެމިރޭޓްސް ސްޓޭޑިއަމްގައި އާސެނަލް ކުޅޭ މެޗުގައި ސަޕޯޓަރުންނަށް ފުރުސަތު ދިނުމަށް ވަނީ ނިންމާފަ އެވެ. ކޮވިޑް-19 އާ ގުޅިގެން މާޗް މަހު ފުޓްބޯޅައިގެ ހަރަކާތްތައް މެދުކަނޑާލި ފަހު އިންގްލެންޑްގައި ސަޕޯޓަރުން ދަނޑަށް ވައްދައިގެން މެޗު ކުޅެފައެއް ނުވެ އެވެ.
އިނގިރޭސި ވިލާތުގައި ދެ ވަނަ ލޮކްޑައުން ޑިސެމްބަރު ދޭއް ގައި ނިމުން ލުއި ތަކެއް ދިނުަމަށް ވަނީ ނިންމާފަ އެވެ. އެގޮތުން ދަނޑަށް ސަޕޯޓަރުން ވެއްދުމުގެ ހުއްދަ ދިނުމުގެ ފެހި ސިގުނަލްވެސް ވަނީ ލިބިފަ އެވެ.
އާސެނަލް މެޗުގެ ޓިކެޓް ވިއްކާނީ، އެކުލަބުގެ ގޯލްޑް އަދި ޕްލެޓިނަމް މެންބަރުންގެ ތެރެއިން ފުރަތަމަ އަންނަ ފާރްތަތަކަށެވެ. ގޯލްޑް އަދި ޕްލެޓިނަމް މެންބަރުންނަށް އެ ފުރުސަތު ދޭން ނިންމީ، ފުރަތަމަ މަރުހަލާގެ ޕޭމަންޓް ސެޕްޓެމްބަރު މަހު ދައްކާފައި ވުމުންނެވެ. ޓިކެޓް ވިއްކަން ފަށާނީ މާދާމާއިން ފެށިގެންނެވެ.
"އަހަރެމެންގެ ސަޕޯޓަރުންނަށް މަރުހަބާ ކިޔަން މިތިބީ ތައްޔާރަށް މިކަން ވެގެންދާނީ ކުލަބަށް ތާރީހީ ދުވަހަކަށް." އާސެނަލް އިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
އާސެނަލް އަށް އެ ފުރުސަތު ދިނުމުން ލީޑްސް ޔުނައިޓެޑް ކޯޗް މާސެލޯ ބިއެލްސާ ހުރީ ހިތްހަމަނުޖެހިފަ އެވެ. އާޖެންޓީނާގެ ކޯޗް ބުނީ ވަކި ކެޓަގަރީއެއްގެ ކުލަބަކަށް ވީތީ ފުރުސަތު ދިނުމަކީ އިންސާފު ވެރި ގޮތް ނޫން ކަމަށާއި ކުލަބުތަކުގެ މެދުގައި ހަމަހަމަކަން ގެންގުޅެން ޖެހޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ