ޔަހޫދީ ސިފައިން ލުބުނާނަށް މިސައިލް ހަމަލާތަކެއް ދީފި!

ލުބްނާންގެ ހަތިޔާރު އެޅި ޖަމާޢަތް, ޙިޒްބުﷲ ގެ ހަނގުރާވެރިން ހަރަކާތްތެރިވަމުން ދިޔަ ސަރަޙައްދަކަށް ޔަހޫދީ ސިފައިން މިސައިލްގެ ހަމަލާތަކެއް ދީފިއެވެ.
އިސްރާއީލުގެ ސަރަޙައްދީ ރޮނގާ 3 ކިލޯމީޓަރު ދުރުގައި އޮންނަ ލުބްނާންގެ ދެކުނުގައި އޮންނަ އައްޔަތް އަލް-ޝާބީގެ 40 ހިސާބަކަށް އަމާޒުކޮށް ދިން މި ހަމަލާގެ ރައްދުގައި ޙިޒްބުﷲގެ އިސްކޮމާންޑަރުންތަކެއް ޝަހީދުކޮށްލާފައިވާނެ ކަމަށް ޔަހޫދީ އިސްރާއީލުގެ ޑިފެންސް މިނިސްޓަރު ޔޯއަވް ގަލަންޓް ބުނި ނަމަވެސް މި ވާހަކަ ޙިޒްބުﷲ އިން ވަނީ ދޮގުކޮށްފައެވެ.
މިގޮތުން ޙިޒްބުﷲ އިން ބުނީ ގަލަންޓް ގެ މި ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށާއި، އެމީހުން އެފަދައިން އެވާހަކަ ދައްކަނީ ޔަހޫދީ ސިފައިންނަށް ހިތްވަރު ދިނުމުގެ ގޮތުން ކަމަށެވެ. ޙިޒްބުﷲ އިން ވަނީ މި ހަމަލާގެ ރައްދުގައި އިސްރާއީލަށް ވެސް ވަރުގަދަ ހަމަލާތަކެއް ދީފައެވެ.
ހައްދުފަހަނައަޅާފައިވާ އިސްރާއީލުން ދިން ހަމަލާތަކެއްގައި މިދިޔަ ހަފްތާގައި ޙިޒްބުﷲ ގެ ކޮމާންޑަރެއް ކަމަށްވާ ޙުސައިން އަޛްޤޫލް ޝަހީދުކޮށްލާފައިވާއިރު، އޭނާގެ ޖަނާޒާގައި ވާހަކަ ދައްކަމުން ޙިޒްބުﷲ ޖަމާއަތުގެ އިސް ފަރާތެއް ކަމަށްވާ ޙަސަން ފަޟުލިﷲ ބުނީ ޙުސައިން އަޛްޤޫލް އަކީ ޔަަހޫދީންގެ ރަށްތަކާއި ސިފައިންނަށް ޙަމަލާ ދިނުމަށް އެ ޖަމާޢަތުން ބޭނުން ކުރާ ޑްރޯންތަކާއި މިސައިލްތައް އުފެއްދުމުގަ އިސް ދައުރެއް އަދާ ކޮށްފައިވާ ފަރާތެއް ކަމަށެވެ.
މި ހަފުތާގެ ކުރީކޮޅު ޙިޒްބުﷲ އިން ވަނީ ލުބްނާނުގެ ދެކުނުގައިވާ ރަށްތަކަށް ޙަމަލާ ދޭން, އެ ޤައުމުގެ ވައިގެ ސަރަޙައްދަށް ވަދެ, ހަރަކާތްތެރިވަމުން ދިޔަ އަސްކަރީ ޑްރޯނެއް ވެސް ވައްޓާލައިފައެވެ. މިކަމާއި ގުޅިގެން ހިޒްބުﷲ އިން ބުނީ  'ހަރމީސް 450' މަރުކާގެ ހަތިޔާރު އުފުލުމުގެ ގާބިލު ކަން ލިބިފައިވާ މި ނުރައްކާތެރި އަސްކަރީ ޑްރޯން ވައްޓާލައިފައިވަނީ ލުބްނާންގެ ދެކުނުގައި އޮންނަ އަލް-ޢައިޝިއްޔާގެ މަތިން ދަތުރު ކުރަމުން ދަނިކޮށް ކަމަށެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރި މަހުގައި ޔަހޫދީން ލުބުނާން އަށް ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް 250 ހަނގުރާމަވެރިންނާއި އާއްމުންގެ 70 މީހަކު ވަނީ ޝަހީދުކޮށްލާފައެވެ. ރައްދުގައި ޙިޒްބުﷲ އިން ދިން ހަމަލާތަކުގައި އެ ޖަމާއަތުން ވަނީ ޔަހޫދީ ސިފައިންނާއި އާއްމުން ހިމެނޭ ގޮތަށް 18 މީހަކު ޝަހީދު ކޮށްލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ