މާލޭގެ ރައްޔިތުން އަދި މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުން ހިމެނޭހެން، މި ފަސް އަހަރުތެރޭގައި ގޯއްޗެއް ނުލިބޭ، ގެދޮރެއް ނުލިބޭ، އެކަކުވެސް ނުހުންނަ ހިސާބު އެއީ އަޅުގަނޑުމެންގެ ޓާގެޓް، އެކަން އިރާދަކުރެއްވިއްޔާ ހާސިލްކުރާނަން – ރައީސުލްޖުމްހޫރިއްޔާ

މާލޭގެ ރައްޔިތުން އަދި މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުން ހިމެނޭހެން، މި ފަސް އަހަރުތެރޭގައި ގޯއްޗެއް ނުލިބޭ، ގެދޮރެއް ނުލިބޭ، އެކަކުވެސް ނުހުންނަ ހިސާބު އެއީ އަމާޒު ކަމަށާއި އެކަން ހާސިލުކުރުމަށް މަސައްކަތް ކުރައްވައި، މި ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުގެ މައްސަލައަށް ދާއިމީ ހައްލެއް މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ހޯދައިދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. އެމަނިކުފާނު މި ޔަޤީކަން ދެއްވީ، މާލެ ސަރަހައްދުން ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ގިރާވަރުފަޅު، ގުޅީފަޅު އަދި ހުޅުމާލެ ތިންވަނަ ފިޔަވަހީގައި ކުރިއަށްދާ ބިން ހިއްކުމުގެ މަޝްރޫޢު ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް ފައިދާވާ މަޝްރޫޢުތަކަށް އެންމެ އިސްކަންދެއްވައިގެން، ބާރު ދުވެލީގައި، ރަނގަޅު ނަތީޖާ ނެރެވޭނެގޮތަށް ކުރިއަށްގެންގޮސް ނިންމަވަން ބޭނުންފުޅުވާ ކަމަށާއި، އެފަދަ މަސައްކަތްތައް ވަރަށް ގާތުން އެމަނިކުފާނު ބައްލަވާކަމުގައެވެ.
މާލެ ސަރަހައްދުން ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ގިރާވަރުފަޅު، ގުޅީފަޅު އަދި ހުޅުމާލެ ތިންވަނަ ފިޔަވަހީގައި ކުރިއަށްދާ ބިން ހިއްކުމުގެ މަޝްރޫޢު ބައްލަވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވަކިވަކީން ކޮންމެ ސަރަހައްދެއްގެވެސް މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ނޫސްވެރިންނާ ޙިއްޞާކުރައްވައި، އެތަންތަނުގައި ތަރައްޤީކުރުމަށް ރާވާފައިވާ މަސައްކަތްތަކާއި، އެ މަސައްކަތްތައް ފުރިހަމަ ކުރެވޭނެކަމަށް ބެލެވޭ ތާރީޚުތައް ޙިއްޞާކުރައްވާފައެވެ. އަދި މި ތިން ސަރަހައްދުގައި ފެނާއި ކަރަންޓު އަދި ނަރުދަމާގެ ޚިދުމަތް ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތުވެސް އެމަނިކުފާނު ނޫސްވެރިންނާ ޙިއްޞާކުރެއްވިއެވެ.
އެގޮތުން ގުޅީފަޅުގެ ބިން ހިއްކުމުގެ މަޝްރޫޢު ބައްލަވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ގުޅީފަޅުގެ މަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވާ ވަރަށްވުރެ 3 މަސްދުވަސް އަވަހަށް ނިންމުމަށް ސަރުކާރުން މަސައްކަތް ކުރައްވާކަމުގައެވެ.
ގިރާވަރުފަޅު އިތުރަށް ހިއްކުމުގެ މަސައްކަތް މިއަދު ފަށާފައިވާކަމަށާއި، އަދި މި މަސައްކަތްވެސް އަވަސް ކުރުމަށް ޑްރެޖަރު އިތުރުކުރުމަށް މަސައްކަތް ކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިހާރު ހިއްކާފައިވާ ބިމުން ގޯތި ދިނުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެން ދާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ހުޅުމާލެ ތިންވަނަ ފިޔަވަހީގައި ބިން ހިއްކުމުގެ މަސައްކަތްވެސް ހުއްޓުމެއްނެތި ބާރު ދުވެލީގައި ކުރިއަށް ދާކަމުގައި ފާހަގަކުރައްވައި، ހުޅުމާލެ ތިންވަނަ ފިޔަވަހިން މިހާރު ބިން ހިއްކުމަށް ނިންމާފައިވާ "ފުލް ސްކޯޕް"ގައި ގިނަވެގެން 4 މަސް ތެރޭގައި ނިމޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ