މޫސުން ގޯސްވުމުގެ ސަބަބުން ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް އިލްތިމާސްކޮށްފި

މޫސުން ގޯސްވުމުގެ ސަބަބުން މުދަލާއި ގެދޮރަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅު އެޅުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން އިލްތިމާސްކޮށްފިއެވެ.
އެންޑީއެމްއޭއިން މި އިލްތިމާސް ނެރެފައިވަނީ ކުރިއަށް އޮތް 3 ދުވަހު ރާއްޖެ ސަރަހައްދަށް ހުޅަނގު މޫސުމުގެ ބާރު ގަދަވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާ ކޮށްފައިވާތީއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާ ކޮށްފައިވާ ގޮތުގައި ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވުމާ ގުޅިގެން ކުރިއަށް އޮތް 3 ދުވަހު އުތުރާ މެދު ރާއްޖެ ތެރެއަށް ވިއްސާރަކުރުމާއެކު ވައިބާރުވެ، ކަނޑުތައް ވަރަށް ގަދަވާނެއެވެ. އެގޮތުން، އާންމު ގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނުގައި ވައިގަދަވާނެ ކަމަށް ލަފާ ކުރެއެވެ.
މީގެ އިތުރުން ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރާނެކަމަށްވެސް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އެހެންވެ، މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
އެންޑީއެމްއޭއިން ނެރުނު ސަމާލުގައި ވަނީ މޫސުމާބެހޭ ޤައުމީ އިދާރާއިން މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވާތީ އާންމު ރައްޔިތުންގެ މުސަލާއި ގެދޮރަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ދުރާލާ މަސައްކަތް ކުރުމަށް އިލްތިމާސްކޮށްފައެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ހާމަކުރި ގޮތުގައި އަންނަ ހޮނިހިރު ދުވަހުން ފެށިގެން ދެކުނުގެ ރަށްތަކަށް ކަނޑު މަޑުވެ މޫސުން މިހާރަށްވުރެ ރަނގަޅުވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ