ރާއްޖެ އާއި ސްރީލަންކާ އާ ދެމެދު ކޮމާޝަލް ޑިޔުޓީ ފްރީީ ޒޯނެއް ގާއިމު ކުރުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށް އެ ގައުމުގެ ބައެއް ނޫސްތަކުން ބުނެފައިވީ ނަމަވެސް އެފަދަ މަޝްވަރާއެއް ކުރިއަށް ނުދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރާއްޖެ އާއި ލަންކާ އާ ދެމެދު ހާރިޖީ ގުޅުން ގާއިމު ކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް އެ ގައުމުގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކަ އަންނަ މަހު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ލަންކާގެ ނޫސްތަކުގައި ވަނީ ރިޕޯޓުކޮށްފަ އެވެ.
ތަފްސީލް - އެ ދަތުރުފުޅުގެ އެޖެންޑާގައި ހިމެނޭ ބައެއް ކަންތައް ވެސް ލަންކާގެ މީޑިއާ އިން ރިޕޯޓުކޮށްފައިވާއިރު ރައީސްގެ ދަތުރުފުޅާ ދިމާކޮށް ރާއްޖެ-ލަންކާ ފްރީ އިކޮނޮމިކް އަދި ފްރީ މޫމަންޓް ޒޯނެއް ގާއިމު ކުރުމާ ގުޅޭ މަޝްވަރާތައް ފަށާފައިވާ ކަމަށް ލަންކާގެ ނޫސްތަކުގައި ބުނެފައިވެ އެވެ.
އެ އެއްބަސްވުން ގާއިމްކުރެވިއްޖެ ނަމަ، ދެ ގައުމުގެ ރައްޔިތުންނަށް ވެސް ވިސާއަކާ ނުލާ އަނެއް ގައުމުގައި ވަޒީފާ އަދާކޮށް، ވިޔަފާރި ކުރުމާއި ގެދޮރު ގަތުން އަދި ކިޔެވުމަށް ތިބުމުގެ ފުރުސަތު ލިބޭނެ ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެފައިވެ އެވެ.
ނަމަވެސް އެފަދަ މަޝްވަރާއެއް ކުރިއަށް ނުދާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ވިދާޅުވެފަ އެވެ.
'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ސައީދު ވިދާޅުވީ ރާއްޖެ އާއި ލަންކާ އާ ދެމެދު ކޮމާޝަލް ޑިޔުޓީ ފްރީ ޒޯނެއް ގާއިމް ކުރަން ސަރުކާރުން މަސައްކަތް ކުރާ ވާހަކަ އަކީ ރަނގަޅު ވާހަކައެއް ނޫން ކަމަށެވެ.
" އެއީ މިހާތަނަށް ހިޔާލުކުރެވި ނުވަތަ މަޝްވަރާކުރެވިފައިވާ ކަމެއްވެސް ނޫން." ސައީދު ވިދާޅުވި އެވެ.
ފާހަގަ ކުރެވޭ - ލަންކާގެ ރައީސްގެ ދަތުރުފުޅާ ގުޅޭ ގޮތުން ދިވެހި ސަރުކާރުން އަދި ރަސްމީކޮށް އެއްވެސް ކަމެއް ހާމައެއް ނުކުރެ އެވެ. ނަމަވެސް އެ ގައުމުގެ ފޮރިން މިނިސްޓްރީ އާ ހަވާލާދީ ލަންކާގެ ނޫސްތަކުން ބުނެފައިވަނީ އަނޫރާ ރާއްޖެ ވަޑައިގަންނަވަނީ ރާއްޖެ އާއި ލަންކާއާ ދެމެދު ހާރިޖީ ގުޅުން ގާއިމްކުރިތާ 60 އަހަރު ފުރުން ފާހަގަކުރުމާ ދިމާކޮށް ކަމަށެވެ.
ރާއްޖެ އާއި ލަންކާއާ ދެމެދު ހާރިޖީ ގުޅުން ގާއިމް ކުރީ، ރާއްޖެއަށް މިނިވަންކަން ލިބުނުތާ ތިން ދުވަސް ފަހުން، 29 ޖުލައި 1965ގަ އެވެ.
މިއީ އަނޫރާ ލަންކާގެ ރައީސްގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
މި ދަތުރުފުޅުގައި:
ރާއްޖެ އާއި ލަންކާއާ ދެމެދު އިގްތިސޯދީ ގުޅުން ބަދަހިކުރުމާ ގުޅޭ މަޝްވަރާ ކުރައްވާނެ
ވިޔަފާރީގެ ގުޅުން ބަދަހި ކުރުމާ ގުޅޭ މަޝްވަރާތައް ކުރައްވާނެ
ހާރިޖީ ގުޅުން އަދި ސަރަހައްދީ ގުޅުން ބަދަހި ކުރުމާ ގުޅޭ މަޝްވަރާތައް ވެސް ބާއްވަވާނެ
ޑިޔުޓީ ފްރީ ޒޯނެއް އެކުލަވާލަން ލަންކާއާ އެކު މަޝްވަރާއެއް ނުކުރޭ: ސައީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ