އީރާން އާއި އެމެެރިކާގެ ރައީސުން ސުލްހައިގެ އެމްއޯޔޫގައި ސޮއިކޮށްފި

ވާސައިލްސް (18 ޖޫން 2026) : އީރާން އާ ދެކޮޅަށް އެމެރިކާ އާއި އިސްރާއީލުން ފެށި އުދުވާނީ ހަނގުރާމަ ދާއިމީ ގޮތަކަށް ހުއްޓާލުމުގެ ރަސްމީ އެއްބަސްވުމުގައި އެމެރިކާއާއި އީރާނުގެ ރައީސުން ސޮއިކުރައްވައިފިއެވެ. މިއީ ހަނގުރާމަ ހުއްޓާލުމުގެ އިތުރުން އީރާނާއި އެމެރިކާ އާ ދެމެދު ސުލްހަ ގާއިމްކޮށް ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުންވެސް ހިމެނޭގޮތަށް އެކުލަވާލާފައިވާ މޮމޮރަންޑަން އޮފް އަންޑަސްޓޭންޑިންގް އެކެވެ. ނަމަވެސް އީރާނުގެ ނިއުކްލިޔާ މައްސަލައާއާއި ހުރުމުޒު ކަނޑުއޮޅީގެ މައްސަލައާއި އީރާން އާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ހުރިހާ ފިޔަވަޅުތަކެއް ދާއިމީ ގޮތަކަށް ހައްލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން އޮތީ މި އެމްއޯޔޫގައި ސޮއިކުރުމަށްފަހު ދެގައުމުގެ ދެމެދުގައި އިތުރަށް ވާހަކަ ދައްކައިގެންނެވެ. އެއީ 60 ދުވަހުގެ ތެރޭގައި ހައްލުކުރުމަށެވެ. މިމުއްދަތުގައި އެކަން ނުކުރެވިއްޖެނަމަ އިތުރު މުއްދަތު ދޭގޮތަށެވެ. މި އެމްއޯޔޫގައި އީރާން އާއި އެމެރިކާގެ ރައީސުން ސޮއިކުރެއްވީ އިލެކްޓްރޯނިކް ކޮށެވެ. ޓްރަމްޕް މީގައި ސޮއިކުރެއްވީ ޖީ-7 ގެ ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށްޓަކައި ފަރަންސޭސިވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. ރިޕޯޓްތައް ބުނާގޮތުން މި އެމްއޯޔޫގައި ސޮއިކުރެއްވި ވަގުތު ޓްރަމްޕް ހުންނެވީ ފަރަންސޭސިވިލާތުގެ ވަރަށް ތާރީޚީ ގަނޑުވަރެއްކަމަށްވާ ޕެލަސް އޮފް ވާސައިލްސް ގައެވެ. މިއީ ޕެރިސް އާ ތަންކޮޅެއް ދުރުގައި ހުންނަ ގަނޑުވަރެކެވެ. ވާސައިލްސް ޓްރިޓީ ގައި ސޮއިކުރުން ވާސައިލްސް ގަނޑުވަރަކީ 1914 އިން 1918 އަށް ހިނގި ދުނިޔޭގެ ފުރަތަމަ ބޮޑުހަނގުރާމައިގާ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުގެ އަތްދަށުން އޭރުގެ ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ތެރޭގައި ހިމެނޭ އުޘްމާނީ ޚިލާފަތާއި ޖަރުމަނުވިލާތާ އަދި އިޓަލީ ބަލި ވުމުން އެ ހަނގުރާމަ ނިންމުމުގެ މަޝްހޫރު އެއްބަސްވުމުގައި ސޮއިކުރި މަޝްހޫރު އަދި ތާރީޚީ ގަނޑުވަރެވެ. އެހެން އިބާރާތަކުން ދަންނަވާނަމަ މަޝްހޫރު ވާސައިލްސް ޓްރިޓީ ނުވަތަ ޓްރިޓީ އޮފް ވާސައިލްސް ގައި ޔޫރަޕްގެ ބާރުތައް ސޮއިކުރި ގަނޑުވަރެވެ. ލީގް އޮފް ނޭޝަންސް އުފެދިގެން ދިޔައީ މި އެއްބަސްވުމުގެ ނަތީޖާ އެއްގެ ގޮތުންނެވެ. އީރާން އާއެކު އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ޓްރަމްޕް ވަނީ އީރާން އާ މުއާމަލާތް ކުރުމާ އަދި އީރާން އާއެކު އެއްބަސްވުމަކަށް އައުމަކީ ފަސޭހަ ކަމެއް ނޫންކަމާއި އެއީ ވަރަށް ދަތި އުނދަނގޫ ކަމެއްކަމަށް ސިފަކުރައްވާފައެވެ. 14 ނުކުތާގެ މައްޗަށް އެކުލެވޭ މި އެއްބަސްވުމުގައި އިލެކްޓްރޯނިކް ކޮށް އީރާނުގެ ރައީސް ޑރ. މަސްއޫދު ބަޒެޝްކިޔާންވެސް ތެހެރާންގައި ހުންނަ އޭނާގެ އޮފީހުގައި އެވަގުތު ވަނީ ސޮއިކުރައްވާފައެވެ. މި އެއްބަސްވުމުގައި ކުރިން ސޮއިކުރާ ގޮތަށް އޮތީ ސްވިޓްޒަލޭންޑްގެ ޖެނީވާ ގައެވެ. އިލެކްޓްރޯނިކް ކޮށް މިހާރު އެއްބަސްވުމުގައި ސޮއިކުރުމުން ދެން ޖެނީވާގައި ސޮއިކުރުމަށް ކުރިން ނިންމި ނިންމުމާމެދުވަނީ ސުވާލު އުފެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ