އޮނާއިން މިހާތަނަށް ނެރޭ އެންމެ ވަރުގަދަ ބެޓެރިއާއެކު "އޮނާ ޕަވާ 2" ނެރެނީ

އޮނާއިން މިހާތަނަށް ނެރޭ އެންމެ ބިޔަ ބެޓެރިއާއެކު އޮނަ ކުންފުނީގެ އެންމެ ފަހުގެ ސްމާޓްފޯން "އޮނަ ޕަވާ 2" އަންނަ ހަފުތާގައި ޗައިނާގައި ދައްކާލާނެކަން އެ ކުންފުނިން މިހާރު ވަނީ ކަށަވަރުކޮށްދީފައެވެ. ޗައިނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ވޭބޯގައި އޮނާ އިން ހާމަކޮށްފައިވާ ގޮތުގައި، މި ފޯނު ރަސްމީކޮށް ނެރުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ މަހުގެ ފަސް ވަނަ ދުވަހުއެވެ. މި ފޯނުގެ އެންމެ ހާއްސަ ސިފައަކީ މީގައި ހިމެނޭ 10,080 އެމްއޭއެޗްގެ ބިޔަ ބެޓެރިއެވެ. މިއީ އޮނާ އިން މިހާތަނަށް ސްމާޓްފޯނެއްގައި ބޭނުންކުރާ އެންމެ ބޮޑު ބެޓެރި ކަމަށް އެ ކުންފުނިން ބުނެއެވެ. މި ބެޓެރީގެ އެހީގައި މެދުނުކެނޑި 20 ގަޑިއިރަށްވުރެ ގިނައިރު ސްކްރީން ބޭނުންކުރެވޭނެ ކަމަށާއި، 22 ގަޑިއިރުގެ ވީޑިއޯ ބެލޭނެ ކަމަށް އޮނާ އިން ބުނެއެވެ. އަދި މި ފޯނަށް 80 ވޮޓްގެ ފާސްޓް ޗާޖިން ސަޕޯޓުކުރާއިރު، އެހެން ފޯނުތައް ޗާޖުކުރެވޭ ގޮތަށް 27 ވޮޓްގެ ރިވާސް ޗާޖިންގެ ހިދުމަތްވެސް ލިބޭނެއެވެ. މީޑިއާޓެކް ޑައިމެންސިޓީ 8500 އެލީޓް ޗިޕްސެޓް ހިމެނޭ މި ފޯނު ކަޅު، ހުދު އަދި އޮރެންޖު ކުލައިގައި ލިބެން ހުންނާނެއެވެ. ފޯނުގެ ފަހަތު ކެމެރާ ސެޓަޕް ފަރުމާކޮށްފައިވަނީ އައިފޯން 17 ޕްރޯއާ އެއްގޮތް ސިފަތަކެއް ހިމެނޭ ގޮތަށެވެ. ލީކުވެފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ފޯނުގައި ހިމެނެނީ 6.79 އިންޗީގެ 1.5ކޭ ރިޒޮލިއުޝަންގެ ޑިސްޕްލޭއެކެވެ. މީގެ އިތުރުން 50 މެގަޕިކްސެލްގެ މައި ކެމެރާއަކާއި 16 މެގަޕިކްސެލްގެ ސެލްފީ ކެމެރާއެއް މި ފޯނުގައި ހިމެނޭނެ ކަމަށް ބެލެވެއެވެ. އެންޑްރޮއިޑް 16 އަށް ބިނާކޮށްފައިވާ މެޖިކް އޯއެސް 10 ހިމެނޭ މި ފޯނަކީ މިދިޔަ އަހަރު ނެރުނު "އޮނާ ޕަވާ" ފޯނުގެ ފަހުގެ މޮޑެލްއެވެ. ބިޔަ ބެޓެރިއެއް ހިމެނުނު ނަމަވެސް، މި ފޯނުގެ ބޯމިނުގައި ހުންނަނީ އެންމެ 7.98 މިލިމީޓަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ