ޤަޠަރު އަދި ސަޢުދީގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް އީރާނުން ޙަމަލާދީފި

މީގެ އިތުރުން އީރާނުން ދިން ޙަމަލާތަކަކާ ގުޅިގެން ޔޫއޭއީގެ އަބޫދާބީގައި ހުންނަ ޙަބްޝާން ގޭސް ފެސިލިޓީތައްވެސް މިހާރު ވަނީ ބަންދުކޮށްފައެވެ. އަދި ސަޢުދީ ޢަރަބިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި އެ ޤައުމުގެ ދެ ރިފައިނަރީއަކަށްވެސް ވަނީ ޙަމަލާދީފައެވެ. މިކަމާ ގުޅިގެން ރިޔާޟުން ބުނެފައިވަނީ، އީރާނާމެދު އޮތް ކުޑަ އިތުބާރުވެސް މިހާރު މުޅިން ގެއްލިއްޖެ ކަމަށެވެ.
ސަޢުދީ ޢަރަބިއްޔާގެ ސިޔާސީ މަސްރަޙު ދިރާސާކުރާ ފަރާތެއް ކަމަށްވާ ޚާލިދު ބަތަރްފީ ބުނި ގޮތުގައި، ގަލްފު ސަރަޙައްދުގައިވާ އީރާނުގެ އަވަށްޓެރިންނަށް އީރާނުން ދިން ޙަމަލާތަކާ ގުޅިގެން މީހުން ތިބީ ރުޅިއައިސް، މާޔޫސްވެ އަދި ވަރަށް ބޮޑު ސިހުމެއްގެ ތެރޭގައެވެ.
"ސަޢުދީ ޢަރަބިއްޔާއާއި ގަލްފު ސަރަޙައްދުގެ އިތުރުން، މި ސަރަޙައްދުގައި ތިބި ވިސްނުންތެރި އެންމެން ގުޅިގެން މިކަން ހުއްޓުވުމަށް އެންމެ މަތީ ދަރަޖައަށް މަސައްކަތްކުރިން، އެކަން އީރާނަށް އެނގޭނެ،" ބަތަރްފީ ބުންޏެވެ.
އިސްރާއީލާއި އެމެރިކާއަށް ޙަމަލާދިނުމުގެ ބަދަލުގައި، އީރާނުން އެ ޤައުމުގެ އަވަށްޓެރިންނަށް ގިނަ ޙަމަލާތަކެއް އަމާޒުކުރާ ސަބަބު ދެނެގަންނަން އުނދަގޫކަމަށް ބަތަރްފީ ބުންޏެވެ. އަދި އޭނާ ލަފާކުރި ގޮތުގައި މިއީ ހަނގުރާމައިގެ ފުރަތަމަ ދުވަހު ހިންގި މީހުން މެރުމުގެ ޢަމަލުތަކުގެ (ޤަތުލުތަކުގެ) ސަބަބުން ކޮންމެވެސް ވަރަކަށް މެދުވެރިވި ކަމަކަށް ވެދާނެއެވެ.
"އީރާނުގައި ތިބި ވިސްނުންތެރި އަދި ބުއްދިވެރި އެންމެން މިހާރު ތިބީ ފިލައިގެން (ބިމު އަޑީގައި). އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ކަންކަމާ ހަވާލުވުމުން ކަންތައް ވަމުންދާގޮތް މީ، ސަބަބަކީ އެމީހުން އެއްވެސް ވަރަކަށް ނުވިސްނާނެ، އެމީހުން ހަމައެކަނި ބަޓަންތަކަށް ފިތާލަނީ،" އޭނާ ބުންޏެވެ.
އިސްރާއީލާ އެމެރިކާއިން ގުޅިގެން އީރާނަށް ދެމުންދާ ހަމަލާތަކުގެ ރައްދު ދިނުމުގެ ގޮތުން އީރާނުން ދޭ ހަމަލާތައް ވަރުގަދަ ވާނޭކަމަށް މީގެ ކުރިންވެސް އީރާނުން ވަނީ ބުނެފައެވެ. އަދި އެފަދަ ހަމަލާތަކުގައި މުޅިދުނިޔެއަށްވެސް ނުރައްކާވެދާނެކަމަށް ބުނެ އީރާނުން ދަނީ ތަކުރާރުކޮށް އިންޒާރުދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ