ދައުރު ނިމެންވާއިރަށް ރައްޔިތުންނަށް ބޯހިޔާވަހިކަމަށް ވަދެވޭނެ: މިނިސްޓަރު
މި ސަރުކާރުގެ ފަސް އަހަރުގެ ވެރިކަމުގެ ދައުރު ނިމުމުގެ ކުރިން މިހާރު ފަށާފައި ހުރި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ނިންމައި، އެ ތަންތަނަށް ރައްޔިތުންނަށް ވަދެވޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެއެވެ. މި ސަރުކާރުން ވަނީ މާލޭ ސަރަހައްދުން ގޯއްޗާއި ފުލެޓަށް އެދި ކުރިމަތިލާން ހުޅުވާލާފައެވެ. މި ގޮތުން، ގޯއްޗަށް އެދުމުގެ ފުރުސަތު ދީފައިވަނީ އަންނަ މާރިޗު ހަތަރެއްގެ 23:59 އަށް ކަމަށްވާއިރު، ފުލެޓަށް އެދި އެޕްލައިކުރެވެނީ އަންނަ އޭޕްރީލް 17ގެ 23:59 އަށެވެ. މި ސަރުކާރުން ވަނީ 7،900 ފުލެޓާއި، 1250 އަކަފޫޓުގެ 15,000 ގޯތި ދޫކުރަން ނިންމާފައެވެ. ބޯހިޔާވަހިކަމަށް ކުރިމަތިލާން ހުޅުވާލުމަށް ފަހު، ނޫސްވެރިންނާ ވާހަކަދައްކަވަމުން މުއްތަލިބް ވިދާޅުވީ، މިއަދު އިއުލާނުކުރި ބޯހިޔާވަހިކަމުގެ ތެރޭގައި ނުފަށާ އެއްވެސް މަޝްރޫއެއް ނުހިމެނޭނެ ކަމަށެވެ. އެ ގޮތުން، ރަސްމާލެ ހިއްކުމުގެ މަޝްރޫއު ވެސް މިހާރު ހަލުވި ސްޕީޑުގައި ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ. https://x.com/MoCImv/status/2012749417271705916 "މި ދައުރުގެ ތެރޭގައި އަޅުގަނޑުމެން ރަޖިސްޓްރީ ހައްދާ، ގޯތި ވެސް ހަވާލުކޮށްދޭނަމޭ،" އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، 7،900 އަކީ މިހާރު ޔަގީންވެފައިވާ ފުލެޓުތަކުގެ އަދަދު ކަމަށާއި ދައުރު ނިމޭއިރު އެ އަދަދު އިތުރުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. "އެ ސަރުކާރަކުން ފަށައިގެން، އެ ސަރުކާރަކުން ނިންމާ، ރައްޔިތުންނަށް ބޯހިޔާވަހިކަމަށް ވަދެވޭ ވަރަށް ޕްރޮޖެކްޓު ނިންމާ ސަރުކާރަކަށް މި ސަރުކާރު ވާނެ. މީގެ ކުރިން އެއްވެސް ސަރުކާރަކަށް ވެފައި އޮތް ކަމެއް ނޫން އެއީ،" މުއްތަލިބް ވިދާޅުވިއެވެ. އޭގެ ތެރެއިން ގޯތި ދޫކުރަނީ ދެ ކެޓަގަރީން ކަމަށްވާއިރު މާލޭ ރަށްވެހިންނަށް އަދި ޚާއްޞަ އިސްކަންދެވޭ ކެޓަގަރީތަކަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ގްރޭޓާ މާލޭ ސަރަހައްދުންނާއި ރަސްމާލެއިންނެވެ. އަދި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ގޯތި ދޫކުރަން ހަމަޖެހިފައިވަނީ ހަމައެކަނި ރަސްމާލެއިންނެވެ. https://sun.mv/216821 ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުގައި ވެސް ގިނަ އަދަދެއްގެ ގޯއްޗާއި ފުލެޓު ދޫކުރުމަށް އިއުލާންކުރިއިރު، އެ މަރުހަލާ ކުރިއަށްގެންދިޔަ ގޮތަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވިއެވެ. މި ސަރުކާރުން އަދިވެސް އަންނަނީ އެ ސަރުކާރުން ދޫކުރަން ނިންމި ގޯއްޗާއި ފުލެޓު ދޫކުރުމުގެ މަސައްކަތް ކުރަމުންނެވެ. ރައީސް މުއިއްޒުގެ ވެރިކަމުގެ ދައުރުގައި 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދިނުމަށް ވައުދުވެވަޑައިގެންފައިވެއެވެ. އަދި، އެ މަނިކުފާނުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އެކުލަވާލި އުސޫލުގައި، ކުރީ ސަރުކާރުގެ އުސޫލާ ތަފާތު ބައެއް ކަންކަން ހިމަނައިފައިވެއެވެ. އޭގެ ތެރޭގައި، ފުލެޓަށް ކުރިމަތިލާ ފަރާތުން ޝަރުތު ހަމަވަނީ ކިތައް ކޮޓަރިއަށްކަން ކަނޑައަޅާނީ ހައުސިން މިނިސްޓްރީން ކަމަށް ފުލެޓު ދިނުމުގެ އުސޫލުގައި ހިމެނުމާއި އެހެން ބައެއް ބަދަލުތައް ވެސް ހިމެނެއެވެ. ރައީސް މުއިއްޒު 2024 ވަނަ އަހަރު އިއުލާން ކުރެއްވި ގޮތުގައި މިދިޔަ 2025 ވަނަ އަހަރަކީ ބޯހިޔާވަހިކަމަށް ޚާއްސަ އަހަރެކެވެ. އެ އަހަރު ގިނަ މަޝްރޫއުތަކެއް ފައްޓަވާނެކަން އެތައް ފަހަރެއްގެ މަތިން އިއުލާނުކުރެއްވެވިއެވެ. ނަމަވެސް، އަހަރު ނިމިގެން ދިޔައީ އެކަމަށް ކަނޑައެޅި ބަޖެޓުން ވެސް ބޮޑު ބައެއް އަތްނުލައި އޮއްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ