މީހަކު މޫދަށް އެއްލާލި މައްސަލައެއް ފުލުހުން ބަލަނީ

އަނިޔާވެރިކޮށް މީހަކު ބިންމަތީގައި ދަމާފައި ގެންގޮސް މޫދަށް އެއްލާލި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.ރޭ އާއްމުކޮށްފައިވާ އެ ވީޑިއޯއިން ފެންނަ ގޮތުގައި ގިނަ ބައެއްގެ އަތްދަށުވެ، އަމިއްލަ ދިފާއުގައި މާބޮޑު ކަމެއް ނުކޮށް ހުރި އެމީހާ ބިންމައްޗަށް ވައްޓާލައިގެން ބައެއް މީހުން ތެޅި އެވެ. ސޭފްޓީ ބޫޓަކަށް އަރައިގެން ހުރި މީހަކު، ވައްކަންކުރި ކަމުގެ ތުހުމަތު ކުރެވޭ މީހާގެ އަތަށް އަރައި ފިއްތާލާ މަންޒަރު ވެސް އެ ވީޑިއޯ އިން ފެނެ އެވެ.ހުސްގަޔާ ހުރި އެ ދިވެހި މީހާ މޫދަށް ވައްޓާލަން ގެންދިޔައީ ވީޑިއޯ އިން ފެންނަ ގޮތުގައި ބިންމަތީގައި ދަމައިފަ އެވެ.ފުލުހުން ބުނީ މި ހާދިސާގެ މައުލޫމާތު ސަލާމު ކަމަށް އައިސްފައިވާތީ އެކަން މިހާރު ބަލަމުން އަންނަ ކަމަށެވެ.މީގެ ކުރިން ވެސް ވައްކަންކޮށްފައިވާ މީހުން އަތުލައިގަނެ، އާންމުން އަނިޔާކޮށްފައިވެ އެވެ. އެގޮތުން ބައެއް މީހުން ބަރަހަނާކޮށް، "މަށަކީ ވަގެއް" ޖަހާފައިވާ ބޯޑު ކަރުގައި އަޅުވައިގެން ގަންހިންގުވައި އަދި ބައެއް މީހުންގެ ބޯ ބާލައި، ބައެއް މީހުންގެ ގަޔަށް ކުލަ ފާޓާ އާއި ކަޅުތެޔޮ އެޅުން ފަދަ ކަންކަން ވެސް ކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ