"ޢިމާރާތްކުރުމުގެ ދާއިރާއިން ޖީޑީޕީއަށް %5 ކުރިއެރުމެއް އަންނާނެ"

އިމާރާތްކުރުމުގެ ދާއިރާއަށް ކުރާ އިންވެސްޓްމަންޓްތަކާއެކު، މިދާއިރާއިން ޤައުމީ އުފެެއްދުންތެރިކަމުގެ މިންގަނޑުގައި ހިއްސާވާ މިންވަރަށް %5 ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވީ، ބީއެމްއެލްގެ ބްރާންޗް އަދި އޭޓީއެމް ވިއުގަ ފުޅާކުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ގެންގުޅުއްވާ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތަކީ ޤައުމަށް ދިމާވެފައިވާ އިޖުތިމާއީ ބޮޑު މައްސަލައަކަށް ދާއިމީ ހައްލެއް ހޯދުމަށް ފެއްޓެވި މުހިންމު މަސައްކަތެއް ކަމަށެވެ. މި ސިޔާސަތުގެ ދަށުން ގިނަ މަޝްރޫއުތަކެއް ރޭވި، ބައެއް މަސައްކަތްތައް މިހާރު ފެށިފައިވާކަން ޝަރީފް ފާހަގަކުރެއްވިއެވެ.
މި މަޝްރޫއުތަކުގެ ތަފްސީލަށް އަލިއަޅުއްވާލައްވަމުން ޝަރީފް ވިދާޅުވީ، ބީއެމްއެލްގެ ސަބްސިޑިއަރީ ކުންފުނި ކަމަށްވާ 'ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ' މެދުވެރިކޮށް މިހާރުވެސް 3,260 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި އިތުރު 540 ޔުނިޓްގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަން ފާހަގަކުރައްވާ، މިފަދަ މަޝްރޫޢުތަކުގެ ސަބަބުން ގައުމުގެ އިޤްތިޞާދަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
"މިދާއިރާއަށް އަޅުގަނޑުމެންނަށް ކުރިއަށް އޮތް 2 އަހަރު ތެރޭ އިންވެސްޓްކުރެވޭނެ އަދަދަށް ބަލާއިރު އަޅުގަނޑުމެންގެ އަންދާޒާއަކީ މި އިންވެސްޓްމަންޓާއެކު، އިމާރާތްކުރުމުގެ ދާއިރާއިން ނޮމިނަލް ޖީޑީޕީ އަށް %5 ކުރިއެރުމެއް ހޯދައިދޭނެކަމަށް،" ޝަރީފް ވިދާޅުވިއެވެ.
ބީއެމްއެލްގެ ސީއީއޯ ޝަރީފް ވިދާޅުވީ، ސަރުކާރުން ހިންގާ މިފަދަ ބޮޑެތި މަޝްރޫއުތަކުގެ ސަބަބުން ބޭންކުގެ ޕޯޓްފޯލިއޯ ވަރުގަދަވެ، ވިޔަފާރި ފުޅާވުމަށް ފުރުސަތު ލިބޭނެ ކަމަށެވެ. އަދި މި މަސައްކަތްތަކުގެ ސަބަބުން އިޤްތިޞާދުގައި ފައިސާ ދައުރުވާ މިންވަރު އިތުރުވެ، ވަޒީފާގެ ފުރުސަތުތައް އުފެދި، އާންމު ފަރުދުންގެ ދިރިއުޅުމުގެ ފެންވަރު މަތިވެގެންދާނެ ކަމަށްވެސް ޝަރީފް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މި ކުރިއެރުމަކީ ހަމައެކަނި އިމާރާތްކުރާ ކުންފުނިތަކަށް ލިބޭ ކުރިއެރުމެއް ނޫން ކަމަށާއި، މިއީ ސަޕްލަޔަރުންނާއި، މުދަލާއި ޚިދުމަތް ފޯރުކޮށްދޭ ވިޔަފާރިތަކުގެ އިތުރުން މުޅި ގައުމުގެ އިޤަތިޞާދީ ސިނާއަތަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށްވެސް ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.
އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ ދަށުން ކަނޑައަޅާފައިވާ މަގުސަދު ހާސިލްކުރުމަށް ބޭންކް އޮފް މޯލްޑިވްސްއިން އުފެއްދި ސަބްސިޑިއަރީ ކުންފުނި، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކޮމްޕެނީ އިން ޖުމުލަ 3260 ހައުސިންގ ޔުނިޓް ގާއިމްކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މި މިޔުނިޓްތަކުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭ ނިންމައިލެވޭނެ ކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.
ބީއެމްއެލްގެ ހައުސިން މަޝްރޫޢުގެ ޔުނިޓްތައް އިމާރާތްކުރާނީ، މިދާއިރާގައި ފާހަގަކުރެވޭ ބައިނަލްއަޤުވާމީ އަދި ރާއްޖޭގެ ކުންފުނިތަކުންނެވެ. އެގޮތުން ސީއެމްއީސީގެ އިތުރުން މި މަޝްރޫއުގެ ފްލެޓްތައް އިމާރަތްކުރާ ކުންފުނިތަކަކީ، ޗައިނާގެ ބެއިޖިން އަރބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)، އަދި ރާއްޖޭގެ ކުންފުނިތައް ކަމަށްވާ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް، އެފްޑަބްލިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ