ވިޖޭގެ ފިލްމު 'ކިންގްޑަމް'ގެ ދެވަނަ ބައެއް ނުގެނެސްދޭނެކަން އިއުލާނުކޮށްފި

މިދިޔަ އަހަރުގެ ޖުލައި މަހު ސިނަމާތަކުގައި އެޅުވި ދެކުނު އިންޑިއާގެ ފިލްމު "ކިންގްޑަމް"ގެ ސީކުއަލްއެއް އުފައްދާނެކަން އިއުލާނުކުރި ނަމަވެސް އެ ވިސްނުން މިހާރު ދޫކޮށްލާފައިވާ ކަމަށް ފިލްމުގެ ޕްރޮޑިއުސަރު ނަގާ ވަމްސީ ބުނެފިއެވެ. އިންޑިއާގެ ނޫހެއް ކަމަށްވާ އައިޑަލްބްރެއިންއަށް ނަގާ ވަމްސީ ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ ތަމަޅަ ފިލްމު "ކިންގްޑަމް"ގެ ސީކުއަލް ނަހަދަން ނިންމީ ފުރަތަމަ ފިލްމަށް ބޮކްސް އޮފީހުގައި ކުރިމަތިވި ނާކާމިޔާބީއާ ގުޅިގެން ކަމަށެވެ. އެ ފިލްމަށް ބެލުންތެރިންގެ ހޫނު ތަރުހީބެއް ލިބުނު ނަމަވެސް ބޮކްސް އޮފީހުގެ ވިޔަފާރި ދަށްވުމާ ގުޅިގެން ދެވަނަ ބައެއް ގެނެސްދިނުމެއް މާނައެއް ނެތް ކަމަށް ނަގާ ވަނީ ބުނެފައެވެ. ފިލްމު "ކިންގްޑަމް" އަކީ ތެލުގޫ އެކްޓަރު ވިޖޭ ދެވެރަކޮންދާ ލީޑް ރޯލް ކުޅެފައިވާ ސްޕައި އެކްޝަން ތުރިލާއެކެވެ. ގޯތަމް ތިނަންނުރީ ޑައިރެކްޓްކޮށް ގެނެސްދިން މި ފިލްމަކީ ވިޖޭގެ ފިލްމަކަށް ގިނަ ބަޔަކު އިންތިޒާރުކުރަމުން ދަނިކޮށް ރިލީޒް ކުރެވުނު ފިލްމެކެވެ. ފިލްމު "ކިންގްޑަމް"ގެ މަންޒަރެއްގައި ވިޖޭ އަދި ބަތަލާ ބަގްޔާޝްރީ--ފޮޓޯ/ޕިންކްވިލާ ފިލްމު "ކިންގްޑަމް" ރިލީޒްކުރުމުގެ ކުރިން ފިލްމުގެ ޓްރެއިލާ ބެލުމަށްފަހު ވަރަށް ބޮޑު ކާމިޔާބީއެއް ފިލްމަށް ލިބޭނެ ކަމަށް ގިނަ ބަޔަކު އުއްމީދުކުރިއެވެ. ފިލްމު "ކިންގްޑަމް"ގެ ސީކުއަލް ނަހަދަން ނިންމި ސީދާ ސަބަބާ ގުޅޭގޮތުން ވާހަކަ ދައްކަން ބޭނުންނުވި ނަމަވެސް ނަގާ ބުނީ އެ ފިލްމުގެ ދެވަނަ ބަޔަކާ މެދު ވިސްނާފައި ވެސް ނެތް ކަމަށެވެ. ފިލްމަށް ކުރިމަތިވި ނާކާމިޔާބީއާ ގުޅޭގޮތުން ވާހަކަ ދައްކަން ބޭނުންނުވާ ކަމަށާއި އޭރަށް އިތުރަށް ފިލްމުގެ ޑައިރެކްޓަރު މާޔޫސްވުން ނޫން ކަމެއް ނުވާނެ ކަމަށާއި އެންމެ ރަނގަޅު ގޮތަކީ "ކިންގްޑަމް"ގެ ވާހަކަ ނިންމާލުން ކަމަށް ނަގާ ބުނެފައިވެއެވެ. ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދާނެ ކަމުގެ އުއްމީދާ އެކު ބެލުންތެރިންނަށް ގެނެސްދިން ފިލްމު ނިންމާލީ އޭގެ ސީކުއަލްއެއް ގެނެސްދޭނެ ކަހަލަ ގޮތަކަށެވެ. އެހެންވެ "ކިންގްޑަމް"ގައި ގެނެސްދިން ވާހަކައިގެ ނިމުން އަންނާނެގޮތް އެނގެން ގިނަ ބަޔަކު އަދިވެސް ބޭނުންވާ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. ވިޖޭ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މި އަހަރު މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ ފިލްމު "ރައުޑީ ޖަނަދާނާ"އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ