ކުޅުދުއްފުށީ މަށި ކުޅިއަށް ޒިޔާރާތްކުރަން ފެށި ފްލެމިންގޯތަކަށް ގޯނާ ވެދާނެތީ މި ދުވަސްވަރު ކުޅީގައި ކެނޯ ދުއްވުން ކުޅުދުއްފުށީ ސިޓީ ކައުންސިލުން މަނާކޮށްފި އެވެ.
ހިޖުރަކުރާ ދޫނިތައް ކޮންމެ އަހަރެއްގެ ވެސް މި ދުވަސްވަރު ރާއްޖެއަށް އަންނައިރު މިފަހުން ކޮންމެ އަހަރެއްގެ މި ދުވަސްވަރު ފްލެމިންގޯ ވެސް އާދެ އެވެ. މި އަހަރު ރާއްޖޭގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ކުޅުދުއްފުށީ ކުޅިއަށް އެ ދޫނިތައް އައި ގޮތަށް އަދިވެސް އުޅެނީ އެތަނުގަ އެވެ.
ކުޅުދުއްފުށީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ބައެއް މީހުން އެ ދޫނިތަކާ މާކައިރިއަށް ދިއުމާއި ދޫނިތަކަށް ގޯނާވާ ގޮތަށް ކުޅީގައި ކެނޯ ދުއްވަމުން އަންނަ ކަމުގެ ޝަކުވާ ގިނަ ބައެއްގެ ފަރާތުން ކައުންސިލަށް ހުށަހަޅަމުން އަންނަ ކަމަށެވެ. އެހެންވެ ދޫނިތައް ތިބޭއިރު އެތަނުގައި ކެނޯ ދުއްވުމަކީ މަނާކަމެއް ކަމަށް އެ ކައުންސިލުންވަނީ ބުނެފަ އެވެ.
ކުޅީގައި ކެނޯ ދުއްވާ ނަމަ ނުވަތަ އުނދަގޫވާ ފަދަ ކަމެއް ކުރާ ނަމަ، ރިޕޯޓުކުރުމަށް ވެސް އެ ކައުންސިލުން އެދިފައިވެ އެވެ.
ކައުންސިލުން ވަނީ ޑްރޯން ދުއްވާ މީހުން ވެސް ދޫނިތަކަށް އުނދަގޫވާ ފަދަ އެއްވެސް ކަމެއް ނުކުރަން އިލްތިމާސްކޮށްފަ އެވެ.
ކޮންމެ ދުވަހަކު ވެސް ދޫނިތަކުގެ ފޮޓޯ ނެގުމަށް ކުޅުދުއްފުށީ ކުޅި ކައިރިއަށް ގިނަ ބަޔަކު ދެ އެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ދޫނިތަކުގެ ފޮޓޯތަކަށް ވެސް ބޮޑު ސަމާލުކަމެއް ވަނީ ލިބިފަ އެވެ.
ފްލެމިންގޯއަކީ ރާއްޖޭގައި އާންމުކޮށް އުޅޭ ދޫންޏެއް ނޫނެވެ. މި ދޫނިތައް ރާއްޖޭގެ އެކި ރަށްރަށުން ފެންނަން ފެށީ 2022 ވަނަ އަހަރުގެ ފަހުކޮޅު އެވެ.
ފްލެމިންގޯ އުޅޭއިރު ކުޅީގައި ކެނޯ ދުއްވާނަމަ ރިޕޯޓްކުރަން އެދެފި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ