18 ސްކޫލެއްގެ މަޝްރޫއު ކުރިއަށްނުދާތީ، ސަރުކާރު 3 ކުންފުންޏަކާ އަލުން ހަވާލުކޮށްފި

އަތޮޅުތެރޭގެ 18 ސުކޫލެއްގައި ނުނިމި ހުރި މަސައްކަތްތައް ނިންމަން އެޑިއުކޭޝަން މިނިސްޓްރީން ސަރުކާރު ތިން ކުންފުންޏަކާ މިއަދު ހަވާލުކޮށްފިއެވެ. އެ ސުކޫލުތަކުގެ މަސައްކަތްތައް ނިންމަން މިނިސްޓްރީން ހަވާލުކޮށްފައި ވަނީ، ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާއި ފެނަކަ ކޯޕަރޭޝަން އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއެވެ. އެ ކުންފުނިތަކަށް މި މަޝްރޫއުތައް ހަވާލުކުރީ 114.9 މިލިއަން ރުފިޔާއަށެވެ. މަޝްރޫއުތައް ހަވާލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސައުދީއެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު، ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް ޢަލީ ޒުހެއިރެވެ. އަދި، ފެނަކައިގެ ފަރާތުން މެނޭޖިން ޑިރެކްޓަރު މޭޖާ (ރިޓައާޑް) މުޙައްމަދު ނަޖާޙް ސޮއިކުރެއްވިއިރު، މިނިސްޓްރީގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުއެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މި މަޝްރޫއުތަކަކީ ސަރުކާރުން ދޭން ޖެހޭ ފައިސާ ދައްކައި، އެ މަޝްރޫއުތައް ފެށުމަށް އެކި ތާރީޚުތައް ބައެއް ކުންފުނިތަކަށް ދިނުމަށް ފަހު ވެސް އެ މަސައްކަތްތައް ފަށާފައިނުވާ މަޝްރޫޢުތަކެއް ކަމަށެވެ. އެ މަޝްރޫއުތަކުގެ ތެރެއިން އެންމެ ގިނަ މަޝްރޫއު ހަވާލުކޮށްފައި ވަނީ އެމްޓީސީސީއަށެވެ. އެއީ، 15 ސުކޫލެއްގެ މަސައްކަތެވެ. އެގޮތުން، އެމްޓީސީސީއާ ހަވާލުކުރި ސުކޫލުތަކަކީ: ހއ. މޮޅަދޫ ހދ. ނޮޅިވަރަންފަރު ހދ. ނޭކުރެންދޫ، ށ. ބިލެތްފަހި، ރ. އންނަމާދޫ، ރ. ދުވާފަރު، ބ. ކުޑަރިކިލު، އއ. މަތިވެރި ތ. ގާދިއްފުށި ގދ. ވާދޫ ހއ. މާރަންދޫ ކ. ގުޅި ތ. މަޑިފުށި ހދ. ނައިވާދޫ ލ. މާވަށް އއ. މާޅޮހު އއ. މާޅޮހާއި އދ. ފެންފުށީ ސުކޫލުގެ މަސައްކަތްތައް ނިންމަން އާރުޑީސީއާ ހަވާލުކޮށްފައިވާއިރު، ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރީ މ. ވޭވަށު ސުކޫލުގެ މަސައްކަތް އެކަންޏެވެ. މި މަޝްރޫއުތަކުގެ އިތުރުން ގިނަ މަޝްރޫއުތަކެއްގެ މަސައްކަތް ސަރުކާރުން ވަނީ ފާއިތުވި ދުވަސްތަކުގައި މި ތިން ކުންފުންޏާ ހަވާލުކޮށްފައެވެ. އެހެންވެ، ސަރުކާރުގެ ކުންފުނިތަކާ އެއް ފަހަރާ ގިނަ މަޝްރޫއުތަކުގެ ހަވާލުކުރުމުގެ ކަންބޮޑުވުން އިދިކޮޅުން ފާހަގަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ