ފުލުހަކަށް ކުޑަކުއްޖަކު ހަމަލާދިން މައްސަލައެއް؛ އާއިލާއިން ތުހުމަތު ކުރަނީ ކުއްޖާއަށް އަނިޔާކުރި ކަމަށް

ރ. މީދޫގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ، ކުލަ ހެދުމުގައި ހުރި ފުލުހަކަށް ކުޑަކުއްޖަކު ހަމަލާ ދިން މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، މީދޫ މަގުމަތީގައި އަޑުގަދަކޮށް ހަޅޭއްލަވަމުންދިޔަ ކުދި ބަޔަކަށް އެގޮތަށް ކަންތައް ނުކުރުމަށް އޮފް ޑިއުޓީގައި ހުރި ފުލުހަކު ނަސޭހަތްތެރިވުމުން، އެކަން ނުހުއްޓާނެކަމަށް ބުނެ އެ ކުދިން ޖަދަލުކޮށް، ޒާތީ މައުލޫމާތު ހިއްސާކުރުމަށް ދެކޮޅު ހެދި ކަމަށެވެ. އެހެންވެ، ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް އެދުމުން ހަމަނުޖެހުން ހިންގައި ޕޮލިސް އޮފިސަރަށް ހަމަލާ ދިން ކަމަށް ފުލުހުން ބުންޏެވެ. "މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން. އަދި ކުއްޖާއަށް ފުލުސް އޮފިސަރު އަނިޔާކޮށްފައިވާ ކަމަށް އާއިލާއިން ތުހުމަތު ކުރާތީ އެ މައްސަލަ ވެސް ފުލުހުން ދަނީ ބަލަމުން،" އެ މުއައްސަސާއިން ބުންޏެވެ. އޭގެ އިތުރުން އެ ހާދިސާގައި ހަމަލާދިން ކުއްޖާ ކޮންޓްރޯލް ކުރުމުގައި އަމަލުކޮށްފައިވާ ގޮތުގެ ރިވިއުއެއް، ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ކުރިއަށްގެންދާކަން ފުލުހުން ހާމަކޮށްފައިވެއެވެ. އެ ހާދިސާ ފެންނަ ކަމަށް ބުނާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެެވެ. އެ ވީޑިއޯއިން ފެންނަނީ ކުލަ ހެދުމުގައި ހުރި ފުލުހަކު، ކުޑަކުއްޖަކު ހިފަހައްޓައިގެން ގެންދާ މަންޒަރު ކަމަށް ވީޑިއޯ ހިއްސާކުރި ފަރާތުން ބުނެފައިވެއެވެ. އެ ވީޑިއޯއިން ފުރަތަމަ ފެންނަނީ، ކުޑަކުއްޖާ މަގުމަތިން ގެންދަނިކޮށް، އެ ކުއްޖާ ގަދަހަދައި، ފުލުސް މީހާ ބިންމައްޗަށް ވައްޓާލާ މަންޒަަރެވެ. އެހާ ހިސާބުން ފުލުސް މީހާ ތެދުވެ، އެ ކުއްޖާ ބިންމައްޗަށް ވައްޓާލައިގެން ހިފަހައްޓައެވެ. އެ ހާދިސާ ހިނގި ވަގުތު މަންޒަރު ބަލަން ބަޔަކު ތިބިތަން ވެސް ވީޑިއޯއިން ފެނެއެވެ. އަދި ވީޑިއޯ ނިމޭއިރު، އެ ސަރަހައްދަށް އިތުރު ދެ މީހަކު ގޮސް މަޑުކުރާ މަންޒަރު ވެސް ފެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ