ޢިބްރަތްތެރި ވާހަކަ: ރަނގަޅު ތަނަވަސް ފިރިއަކު ލިބުމުންވެސް ބޭވަފާތެރިވި އަންހެނަކަށް ޖެހުނު ޙާލާ ބަދަލުގަ ފަޤީރު 2 އަންހެނުންނާ އެއްފަހަރާ ކައިވެނި ކުރި ތަނަވަސް މީހެއްގެ ވާހަކަ-

އެއީ ތަނަވަސް މީހެކެވެ. ކައިވެނިކޮށްގެން އުފަލުގައި ދިރިއުޅެން މަސައްކަތްކުރާ މީހެކެވެ. އެއްދުވަހު ގެއަށް އައުދެވުނުއިރު އަނބިމީހާ ހިލޭ ފިރިހެނަކާއިއެކު ސިޓިންގ ރޫމްގައި ލޯބިކުރަނީއެވެ. ނުފެންނަކަމަށް ހަދައިގެން އިރުކޮޅަކު ހުރެފައި އައިސް ބުންޏެވެ. "އަހުރެންނަކީ ލޯބިން މީހުން ދިރިއުޅޭތަން ދެކެން ބޭނުންވާ މީހެކެވެ. މީހުން ލޯބިން އެކުގައި އުޅުމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ މީހެކެވެ. ވީމާ ލޯބިވާ ދެމީހުން ލޯބިން އެކުގައި އުޅެން މިގެއިންދާށެވެ."  
އަނބިމީހާއަށް ބުނެވުނެވެ. "އަހުރެންނަށް މާފުކުރާށެވެ! ކުށް ޤަބޫލުކޮށްފީމެވެ. ދެން ދުވަހަކުވެސް އެބާވަތުގެ ކަމެއް ތަކުރާރެއް ނުކުރާނަމެވެ."  
ފިރިމީހާ ބުންޏެވެ. "ރަނގަޅު ޢާއިލާއަކަށް ނިޞްބަތްވާ، ކިޔަވައިގެން ހުރި ރީތި އަންހެނަކާއި ކައިވެނިކުރެވުމުގެ ނަތީޖާ ފެނިއްޖެއެވެ. ގޭގެ ޚަރަދަށްދޭ ފައިސާ ޚަރަދުވާގޮތްވެސް ފެނިއްޖެއެވެ. ތިމާގެ އަމިއްލަ ފައިސާއިން ނަމަވެސް ވައްކަންކުރާނަމަ ލިބޭނެ ދެރަވެސް އެނގެއެވެ. ކޮއްކޮއަށް ސައިކަލެއް ގަނެދޭންބުނީމާ ގަނެދިން އަގުބޮޑު ސައިކަލް ދުއްވަނީ ކާކުކަންވެސް ލޮލަށް ފެނިއްޖެއެވެ. އެއިން އެއްވެސް ކަމަކަށް މައްސަލައެއް ނެތެވެ. އަހުރެން ކަލެއަށް ކުރި އެއްވެސް ޚަރަދަކަށް ބަދަލެއް ބޭނުމެއް ނޫނެވެ. އެކަމަކު ގެއިންދާއިރު އަހުރެން ގަނެދީފައި ހުރި އެއްވެސް ގަހަނާއެއް ނުގެންދެވޭނެއެވެ. އެއީ ތިބާއަށް ގަނެދިން އެއްޗެއްސެއް ނޫނެވެ. އަނބިމީހާއަށް ގަނެދިން އެއްޗެއްސެވެ. އެއްޗެތީގެ ބޭނުންކުރާނީ އަނބިމިހާއެވެ. މިބުނަނީ އަހުރެންގެ އަންތބެއްގެ ގޮތުގައި އިންނައިރުގެ ވާހަކައެވެ. އަހުރެން ތިބާ ވަރިކުރީއެއް ނޫނެވެ. ތިބާ އަމިއްލައަށް ވަކިވީއެވެ. ވީމާ އަނބިމީހާގެ ޙައިޞިއްޔަތު މިހިސާބުން ގެއްލުނީއެވެ. ލަދުހަޔާތް ހުރި ކޮންމެވެސް އަންހެނަކާއި އަހުރެން ހަމަ މިއަދު ކައިވެނިކުރާނަމެވެ." 
އަނބިމީހާއަށް ދެން އެހެން ގޮތެއް ނެތުމުން ރޮމުން ގެއިން ނުކުމެގެން ދިއުމުން ގޭގައި ނޯކަރުންނަށް ގެންގުޅޭ 2 އަންހެން ކުދިންނަށް ގޮވާގެނެސްފައި ބުންޏެވެ. "ބޮސްއަށް މިޖެހުނު ޙާލު ފެނިއްޖެ ނޫންހެއްޔެވެ؟ ތިއަތަނުން ބޮސްއަށް އެހީތެރިވެދޭނީ ކާކުހެއްޔެވެ؟"  
ދެކުދިންވެސް އިސްދަށަށް ޖެހީއެވެ. ދުވަހަކުވެސް އެފަދަ ވާހަކައެއްވެސް ދައްކާފައި ނެތުމުން ގަތްލަދުންނެވެ. ބޮސްއަކީ ރަނގަޅު އަޚްލާޤެއްގެ މީހަކަށްވާތީ އެފުރުޞަތު ދެކުދިންވެސް ތިބީ ބޭނުންވެގެންނެވެ. ނަމަވެސް ލަދުން ބުނަން ނުކެރިފައި ތިބެން ފެށުމުން ބޮސް ސުވާލުކުރިއެވެ. "އަހުރެން ނިންމާ ގޮތަކަށް ނުރުހޭނީ ކާކުހެއްޔެވެ؟" އެކަކުވެސް އަނގައިން ނުބުނުމުން ބޮސް ބުންޏެވެ. "ދެއަންހެނުންވެސް މައިންބަފައިންނަށް ގުޅައިގެން މިރޭ ކާން މިގެއަށް ގެންނާށެވެ! ދެއަންހެނުންވެސް ރީތިވެ ނަލަހެދިގެން ތިބޭށެވެ."  
ބޮސްބުނި ގޮތަށް ދެއަންހެނުންވެސް ކަންތައް ކުރިއެވެ. މައިންބަފައިން ގެއަށް ގެނުވިއެވެ. އެންމެން ހަމަވުމުން ބޮސް ފުރަތަމަ ދެއަންހެނުންގެ ކިބައިން އެދުނީ މިއަދު ގޭގައި ހިނގި ކަންތައް ކިޔައިދިނުމަށެވެ. ކިޔައިދިނުމުން ބޮސް ބުންޏެވެ. "މިވާހަކަ ދެއަންހެނުން ލައްވައި މިކިޔުއްވީ އަނބިމީހާ ދޫކޮށްލަންޖެހުނު ސަބަބު ސާފުކޮށްދޭންވެގެންނެވެ. މިގޮތަށް ކަންތައްތައް މެދުވެރިވުމުން އަހުރެންގެ ފުރަތަމަ ކައިވެނި ނިމުނީއެވެ. މިހެންވާންޖެހުނު ސަބަބުވެސް ވިސްނިއްޖެއެވެ. އެހެންވެ ދެވަނަ ކައިވެނިކުރަން ޤަޞްދުކުރަނީ ވަރަށް ނިކަމެތި އަންހެނަކާއެވެ. ގޭގައި ދެއަންހެނުން ތިބުމުން އަދި އެދެއަންހެނުންނަކީ އަހުރެންނަށް އިތުބާރުކުރެވޭހައި ދުވަހު މިގޭގައި އުޅެފައިތިބި 2 އަންހެނުންނަށްވުމުން އަހުރެންނާއި ކައިވެނިކުރާނީ ކާކުތޯ ދެއަންހެނުން ކުރެން ކުރި ސުވާލަކަށް ޖަވާބެއް ނުދެއެވެ. ދެއަންހެނުން އެކަން ދޫކޮށްލީ އަހުރެންގެ އިޚްތިޔާރަށެވެ. އެހެންވެ އަހުރެން ގޮތް ނިންމައިފީމެވެ. އެއީ 2 އަންހެނުންނާއި އެކުގައި ކައިވެނިކުރުމަށެވެ. ގޭގެ މަޞްލަޙަތު އެންމެ ރަނގަޅުވާނީ އެއިރުންކަމަށްވާތީއެވެ. ވީމާ ދެއަންހެނުންގެ މައިންބަފައިންވެސް ދަރިފުޅާ ވާހަކަދައްކާލާފައި ގޮތެއް ނިންމާށެވެ. ކޮޓަރިއަށް ވަދެލާފައި އަންނާނަމެވެ."  
އެނބުރި އައުމުން ދެފަރާތުގެ ޢާއިލާއިންވެސް އިޚްތިޔާރު ދޫކޮށްލީ ބޮސްއަށެވެ. ބުނީ ބޭނުން އެކަކާއި ކައިވެނިކުރިޔަސް މައްސަލައެއް ނެތްކަމަށާއި އަދި ބޭނުންނަމަ 2 އަންހެނުންނާއި އެކުގައި ކައިވެނިކުރިޔަސް މައްސަލައެއް ނެތް ކަމަށެވެ. ބޮސް ނިންމީ ދެއަންހެނުންކުރެ އެކަކުވެސް ދެރަނުކުރާށެވެ! އެހެންވެ ކައިވެނިކޮށްދޭ މީހުން ގެނެސް ހަމަ އެވަޤުތު ކައިވެނިކުރީއެވެ.  
ބޮސްއަކީ އަބަދުވެސް ވަރަށް އިންބާފުން ކަންކަންކުރާ މީހަކަށްވާތީ ހުރިހާ ކަމެއް ނިމި އެންމެން ގެއިން ދިއުމުން ނެގީ ޤުރުއަތެވެ. އެއީ ރޭގަނޑުގެ ފުރަތަމަ ބައި ހޭދަކުރާނެ އަންހެނަކު ބެލުމަށާއި ޖެހިގެން އަންނަރޭ ރޭކުރާނީ ކާކުގެ ގާތުގައިކަން ބެލުމަށެވެ.  
މިހޫނު ކައިވެންޏަށް މިހާރު 15 އަހަރު ފުރިއްޖެއެވެ. މިހާރުވެސް އަހަރަކު އެއްރޭ ގުރުއަތުލާންޖެހެއެވެ. އެއީ ކައިވެނީގެ އެންވާސަރީ ރޭގެ ގުރުވަތެވެ. އެރޭގެ ނިދުމަށް ދެދަންފަޅި ބެހުމަށެވެ.  
މިއީ އަޅުގަނޑު ކިޔާފައިވާ ވާހަކައެކެވެ. މިވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްލަން ބޭނުންވީ ތަނަވަސްކަން ލިބުނަސް ސައިޒުން މާބޮޑުނުވެ ވަރަށް ރަނގަޅަށް ދިރިއުޅޭ މީހުންވެސް ތިބޭކަން ފާހަގަކޮށްލުމަށެވެ. އަޅުގަނޑަށް ވިސްނުނު ގޮތުގައި މިއީ ނަމޫނާ މީހެކެވެ. ހަމަ އެއާއިއެކު ރަނގަޅު ތަނަވަސް ފިރިއަކު ލިބުމުންވެސް ޝުކުރުވެރި ނުވެވޭ އަންހެނުންނަށްވެސް އަގުހުރި ފިލާވަޅަކަށްވާތީއެވެ.
 
- ސަލީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ