ސްލޮޓާ އެކު ލިވަޕޫލްގެ ނަތީޖާތައް 72 އަހަރު ފަހަތަށް ސްލޮޓާ އެކު ލިވަޕޫލްގެ ނަތީޖާތައް 72 އަހަރު ފަހަތަށް

ލިވަޕޫލް (ނޮވެމްބަރު 27) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ނެދަލެންޑްސްގެ ޕީއެސްވީ އައިންދޯވަން އަތުން 4-1 އިން ބަލިވެ، ލިވަޕޫލުން އާނާ ސްލޮޓްގެ ކޯޗުކަމުގައި، އެ ކްލަބްގެ ތާރީހުގައި މިދިޔަ 72 އަހަރު ތެރޭ އެންމެ ދަށް ރެކޯޑާ ކުރިމަތިލާން ޖެހިއްޖެ އެވެ.
ރޭގެ މެޗާ އެކު، ލިވަޕޫލުން އެންމެ ފަހުން ކުޅުނު 12 މެޗުގެ ތެރެއިން ނުވަ ވަނަ މެޗުން މި ވަނީ ބަލިވެފަ އެވެ. މިއީ، 1953 ވަނަ އަހަރަށް ފަހު ލިވަޕޫލުން މެޗުތަކުގެ ނަތީޖާތައް ދަށްވެ، އެންމެ ދަށް ރެކޯޑަކާ ކުރިމަތިލާން ޖެހޭ ފަހަރެވެ. އަނެެއްކޮޅުން، އެންމެ ފަހުން ލިވަޕޫލް އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ބަލިވެފައިވާއިރު، އެ ޓީމު ކޮޅަށް މަދުވެގެން ތިން ގޯލު ވަދެފައިވެ އެވެ.
ލިވަޕޫލްގެ ކޯޗު ސްލޮޓް ވަނީ މިދިޔަ ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން، އެ ޓީމާ ހަވާލުވި ފުރަތަމަ ސީޒަނުގައި ހޯދައިފަ އެވެ. އެކަމަކު، މި ސީޒަނުގައި، އާ ކުޅުންތެރިންނަށް 500 މިލިއަން ޑޮލަރަށް ވުރެން އިތުރަށް ހަރަދުކޮށް، ނަތީޖާ ނުނެރެވި، މަގާމުގައި ދެމިހުރުމަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ.
އެންފީލްޑްގައި ރޭ ކުޅުނު މެޗުގައި، ޕީއެސްވީން ހަ ވަނަ މިނިޓްގައި ލީޑުނެގީ އިވާން ޕެރިސިޗް ޖެހި ޕެނަލްޓީންނެވެ. މި ޕެނަލްޓީ އަކީ، ލިވަޕޫލްގެ ކެޕްޓަން ވާޖިލް ވެން ޑައިކް ގަސްދުގައި ބޯޅައިގައި އަތްލުމުން ދިން ޕެނަލްޓީ އެކެވެ. ލިވަޕޫލުން 16 ވަނަ މިނިޓްގައި ޑޮމިނިކް ސޮބޯސްލާއި ރީބައުންސަކުން ޖެހި ގޯލުން އެއްވަރުކުރިއިރު، ވެން ޑައިކް ބޮލުން ޖެހި ބޯޅައެއް ހުރަސްދަނޑިއަށް އަމާޒުވެ، ހޫގޯ އެކިޓީކޭ ޖެހި ޝޮޓެއް ޕީއެސްވީ ކީޕަރު، މަޓެއި ކޯވާ ވަނީ މަތަކޮށްފަ އެވެ.
ޕީއެސްވީން މޮޅުވި ތިން ގޯލު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ. އެ ގޮތުން، އެ ޓީމުން ދެ ވަނަ ފަހަރަށް ލީޑުނެގީ، 56 ވަނަ މިނިޓްގައި ގޫސް ޓިލް ޖެހި ގޯލުންނެވެ. އަދި، ޕީއެސްވީގެ ފަހު ދެ ލަނޑު ޖެހީ ބަދަލަކަށް ކުޅެން އެރި ކޫހައިބް ޑްރެއިއޫޝް އެވެ.
މިއީ، 2008 ވަަނަ އަހަރުގެ ޔޫރޮޕާ ލީގުގައި، ޓޮޓެންހަމް ހޮޓްސްޕާސް އަތުން މޮޅުވި ފަހުން، ޔޫރަޕްގެ މުބާރާތެއްގައި އިނގިރޭސި ޓީމެއްގެ ދަނޑުގައި ޕީއެސްވީ އަށް ލިބުނު ފުރަތަމަ މޮޅެވެ.
ފަސް މެޗުން ނުވަ ޕޮއިންޓާ އެކު، ޗެމްޕިއަންސް ލީގުގެ ލީގު ބުރުގެ 13 ވަނައިގައި ލިވަޕޫލް އޮތްއިރު، މި މޮޅާ އެކު، ޕީއެސްވީ އަށް ފަސް މެޗުން އަށް ޕޮއިންޓް ލިބި އެ ޓީމު އޮތީ 15 ވަނައިގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ