ރާއްޖޭގައި މިހާރު އަމަލު ކުރެވެމުންދާ ގާނޫނު އަސާސީއަކީ ރިޔާސަތުގައި ގާސިމް އިބްރާހީމް އިނދެގެން އެކުލަވާލާ ފާސްކުރި ގާނޫނު އަސާސީއެކެވެ. އެ ގާނޫނު އަސާސީގެ ލާމަރުކަޒީ ބާބަކީވެސް ގާސިމް އިބުރާހީމް ލޮލުން ބޮލުން އެދިގެން ފާސްކުރަން ބޭނުންވި ގޮތަށް ފާސްކޮށްފައިވާ ބާބެކެވެ.
އެހެންނަމަވެސް ގާނޫން އަސާސީގެ ލާމަރުކަޒީ ބާބުގެ 230 އަދި 231 ވަނަ މާއްދާގައި ހިމެނޭ އަތޮޅު ކައުންސިލްތަކާއި ގުޅޭ ބައި އުނިކޮށް އެމާއްދާތައް އިސްލާހު ކުރުމަކީ ވަރަށް މުހިންމު މުނާސަބު ކަމަކަށް ގާސިމް އިބްރާހީމަށް ވެއްޖެއެވެ. ލާމަރުކަޒީނިޒާމު ރާއްޖޭގައި ހިންގުމުގައި ކޮންމެހެން އޮންނަށް ޖެހޭ ތަނެއް ކަމަކަށް މިހާރަކު ގާސިމް އިބްރާހީމަކަށް ނުވިއެވެ.
އަތޮޅު ކައުންސިލްތަކަކީ ރަށު ކައުންސިލްތަކުން ނިންމާ ނިންމުންތައް ސަރުކާރަށް ފޯރުކޮށްދޭން ލާފައި އޮތް ލޭޔަރެއް ނޫންކަމެއް ގާސިމަކަށް ނޭނގުނެވެ. އަތޮޅު ކައުންސިލްތައް އުފެދިފައި އޮތީ ރަށުކައުންސިލާއި ސަރުކާރާ ދެމެދުގައި އޮންނަ ލޭޔަރެއްގެ ގޮތުގައި ނޫންކަން ގާސިމް ހަނދާނެއް ނެތެވެ. ގާނޫނު އަސާސީ އޮތީ އަތޮޅު ކައުންސިލް އޮވެގެން ރަށު ކައުންސިލްގެ ނިންމުމެއް ސަރުކާރަށް ނުފޯރުވި ހުއްޓޭގޮތަކަށްނޫން ކަމެއްވެސް ގާސިމަކަށް ނޭނގުނެވެ.
އަތޮޅު ކައުންސިލަކީ ގާނޫނު އަސާސީގައި ބުނާ 19 އިދާރީ ދާއިރާ ކަމުގައިވާ އަތޮޅު ތަމްސީލްކުރާ މުއައްސަސާކަމެއް ގާސިމަކަށް ނޭނގުނެވެ. އަތޮޅު ކައުންސިލްގައި އެއަތޮޅެއްގެ މީހުންއުޅޭ ހުރިހާ ރަށެއް ތަމްސީލު ކުރެވޭ ކަމާއި އަތޮޅެއް އަތޮޅެއްގެ ގޮތުގައި ވަކިކުރެވިފައިވާ ވަކިކުރުން ނަގަހައްޓާ ދަމަހައްޓާ ގާނޫނީ މުއައްސަސާއަކީ އަތޮޅުކައުންސިލް ކަމެއްވެސް ގާސިމަކަށް ނުވިސްނުނެވެ.
މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ ނަމުގައި ވުޒާރާއެއް ހަދައިގެން ރަށު ކައުންސިލްތަކާއި ސަރުކާރުގެ މުއައްސަސާތަކާ ދޭތެރޭގައި ބޯ ލޭޔަރެއް ލައިގެން ހިންގުން ވަރެއް ގާސިމަށް މިއަދުނެތިއްޖެއެވެ. ކުރީގެ އެޓޮލްސް މިނިސްޓްރީ ވުޖޫދުކޮށްގެން އެތައް ސިޔާސީ މަގާމެއް އުފައްދައިގެން އަތޮޅުތައް ހިންގުމުގެ ބާރު އެތަނަށް ނަގައިގެން ހިންގުމަކީ ހަރަދު ބޮޑު، އެފިސެންޓް ނޫން ކަމަކަށްވެސް ގާސިމަކަށް ނުވިއެވެ.
ގާނޫނު އަސާސީގެ 71 ވަނަ މާއްދާގެ (ށ) އިން ކަޑައަޅާ ގާނޫނު އަސާސީގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ 19 އިދާރީ ދާއިރާގެ އިދާރާ ( އަތޮޅު ކައުންސިލް) އުވާލުމަކީ ކަނޑައެޅިގެން ގާނޫނު އަސާސީއާއި ހިލާފުކަމެއްކަން ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ ރައީސްކަމުގައި ހުރި ގާސިމް އިބްރާހީމަށް އެނގުނުކަމަކަށް ނުހެދިއެވެ. އަތޮޅު ކައުންސިލްތައް އުވާލުމަކީ އިދާރީ ދާއިރާތައް އުވާލުމެވެ.
އަތޮޅު ކައުންސިލްތައް އުވާލީ ރަށުކައުންސިލްތަކާއި ސަރުކާރާ ދެމެދު އޮންނަ ލޭޔަރަކަށް ވެގެނެއް ނޫނެވެ. ދައުލަތުގެ ހަރަދު ކުޑަކޮށް ހިންގުން އެފިސެންޓް ކުރާކަށްވެސް ނޫނެވެ. އަތޮޅު ކައުންސިލްތައް އުވާލީ ގާސިމު ކަހަލަ ނުފުރޭ މަހުޖަނުންނަށާއި ސަރުކާރުގެ ވެރިންނަށް ލޫޓުވާލަން ފަސޭހަކުރާށެވެ.
އަތޮޅުކައުންސިލްތައް އުވާލުން މާމޮޅު ކަމަކަށް ގާސިމަށް ވެގެން އުޅެނީ ކީއްވެގެންކަން އެންމެނަށްވެސް އެނގެއެވެ. އަތޮޅުކައުންސިލް އުވާލުމުން ރަށްރަށު ކައުންސިލްތަކުގެ އިހުތިސާސްގައި ނުހިމެނި އޮތޮޅުތަކުގައި ހުރި ހުރިހާ ފަޅުރަށަކާއި ފަރުފަރަކާއި ފަޅުފަޅަކާއި ފިނޮޅުތަކުގެ މައްޗަށް ބަސްކިޔޭނެ ގާނޫނީ ބާރުވެރިއެއް ނެތި ސިދާ ސަރުކާރުގެ ދަށަށް ގެންދެވުނީތާއެވެ. އޭރުން ސަރުކާރަށް ސަނާ ކިޔައިގެން ފަޅުފަޅާއި ފަޅުރަށްރަށް ބޭނުން ވަރަކަށް ގާސިމުގެ ފައިކޭޓަށް އަޅާލަން ފަސޭހަވާނެއެވެ.
އަތޮޅު ކައުންސިލް އުވާލީ އަތޮޅުތައް ލޫޓުވާލަން ފަސޭހަކުރަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ