ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދައުވާކުރާ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް އެ މައްސަލައިން ތަނާޒުލްވާން ޖެހޭ ސަބަބެއް ނެތް ކަމަށް މިއަދު ނިންމައިފި އެވެ.
11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ޔާމީންގެ މައްޗަށް، ފުއްގިރި މައްސަލާގައި ދައުވާކުރަނީ ފުއްގިރި ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކޮށް، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ އެވެ.
އެ މަނިކުފާނުގެ އިތުރުން ސަން ކޮންސްޓްރަކްޝަން ކުންފުންޏާއި ސަން އިންވެސްޓްމަންޓް ކުންފުންޏާއި މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާގެ މައްޗަށް ވެސް އެ މައްސަލާގައި ދައުވާ ކުރެ އެވެ.
އެ މައްސަލަ ބައްލަވާ ގާޒީ ނަދީމަކީ ފަނޑިޔާރު ކަމަށް އައްޔަން ކުރުމުގެ ކުރިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ވަކީލެއްގެ ގޮތުން އުޅުއްވި ބޭފުޅަކަށް ވާތީ އޭނާ އެ މައްސަލައިން ތަނާޒުލްވާން ޖެހޭ ކަމަށް ދައުވާލިބޭ ފަރާތްތަކުން ވަނީ ކުރިން ބުނެފަ އެވެ.
މިއަދު ބޭއްވި އަޑުއެހުމުގައި، ގާޒީ ނަދީމް ވިދާޅުވީ އަދީބުގެ ވަކީލެއްގެ ގޮތުން ކުރިން އޭނާ މަސައްކަތް ކުރައްވާފައި އޮތުމަކީ އެ މައްސަލައިން ތަނާޒުލްވާންޖެހޭ ސަބަބެއް ނޫން ކަމަށެވެ. ސަބަބެއްގެ ގޮތުގައި ގާޒީ ވިދާޅުވީ އެ މައްސަލަ ކޮންމެ ގޮތަކަށް ނިމުނަސް، އެއީ އަދީބުގެ މަސްލަހަތު ހިމެނޭ ކަމެއް ނޫން ކަމަށްވާތީ އެވެ.
ގާޒީ ނަދީމް ވިދާޅުވީ ތަނާޒުލްވާން ޖެހޭނީ އެ މައްސަލާގެ ތަހުގީގު ނުވަތަ ޝަރީއަތުގެ މަރުހަލާއެއްގައި ވަކީލެއްގެ ހައިސިއްޔަތުން އޭނާ ބައިވެރިވި ނަމަ ކަމަށެވެ. އެކަމަކު މި މައްސަލާގައި ހިމެނޭ މީހެއްގެ ވަކީލަކަށް މަސައްކަތް ނުކުރައްވާ ކަމަށް ގާޒީ ވިދާޅުވި އެވެ.
ހެއްކާބެހޭ އާ ގާނޫނަށް މިމަހު އަމަލުކުރަން ފެށުމުން ހެކި އަލުން ހުށަހެޅުމާއި ހެއްކާ ބެހޭގޮތުން ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހެޅުމުގެ ފުރުސަތަކަށް ޔާމީނާއި ކްރިކް ރިޒާގެ ފަރާތުން އެދުނެވެ.
ވަކީލުން ވިދާޅުވީ އާ ގާނޫނުގައި ހެއްކާބެހޭ ގޮތުން ކުރިން ނެތް އުސޫލުތަކެއް ހިމެނިފައިވާ އެވެ.
އެހެން ނަމަވެސް ގާޒީ ނަދީމް ވިދާޅުވީ އެ މަރުހަލާ ކުރިން ނިމިފައިވާތީ އަލުން އެ މަރުހަލާ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އަދި އަލުން އެ މަރުހަލާ ނުފެށިޔަސް، ޝަރީއަތުގެ މަރުހަލާގައި އެކަންކަން ފާހަގަ ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ގާޒީ ނަދީމް ވިދާޅުވި އެވެ.
އެ މައްސަލާގައި ޔާމީންގެ ފަރާތުން ވަނީ ފުއްގިރިއާ ގުޅޭގޮތުން އެމްއެމްޕީއާރުސީ އާއި ޓޫރިޒަމް މިނިސްޓްރީ އާއި ރައީސް އޮފީހާ ދެމެދު އޭރު ބަދަލުކުރި ސިޓީތައް ދިފާއުގައި ހޯދަން އެދިފަ އެވެ. އެއީ ދައުލަތުން ކަންކަން ފޮރުވަން މަސައްކަތް ކުރާތީ ކަމަށް ވަކީލުން ވިދާޅުވި އެވެ.
އެ މައްސަލާގެ އިތުރު އަޑުއެހުމެއް އަންނަ މަހުގެ 14 ވަނަ ދުވަހު ބާއްވާނެ އެވެ.
ޔާމީންގެ ފުއްގިރި މައްސަލަ: ގާޒީ ނަދީމް ތަނާޒުލްނުވި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ