"ސުޕްރިމް ކޯޓުން ނިހާއީ ހުކުމެއް ނުކުރާހާ ހިނދަކު ރައީސް ޔާމީންއަށް ކުރިމަތިލެވޭނެ"

ސްޕްރިމް ކޯޓުގެ ނިހާއީ ހުކުމެއް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ނުކުރާހާ ހިނދަކު އެމަނިކުފާނަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު ވިދާޅުވެއްޖެ އެވެ. 
ތާރިގު މިފަދައިން ވިދާޅުވެފައިވަނީ ރައީސް ޔާމީންއަށް ރިޔާސީ އިންތިޚާބުގައި ކުރިމަތިލެވިދާނެ ކަމާމެދު ސުވާލު އުފައްދަމުން ދިއުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ. 
ރައީސް ޔާމީންއަށް ރިޔާސީ އިންތިޚާބަށް ކުރިމަތި ނުލެވޭނެކަމަށް ބުނާ ފަރާތްތަކުން ދައްކަމުންދާ ހުއްޖަތަކީ އެމަނިކުފާނުގެ މައްޗަށް ޖިނާއީ މައްސަލައެއްގެ ހުކުމެއް އައިސްފައިވުމެވެ. 
Advertisement
އެކަމަށް ރައްދުދެއްވާ ތާރިގު ވިދާޅުވީ ރިޔާސީ އިންތިޚާބަށް ކުރިމަތިލާ މީހެއްގެ ޝަރުތުކަމުގައި ޤާނޫނުއަސާސީގައި ޖިނާއީ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ނުވުން، ކަމުގައި ބުނާ ޖިނާއީ ހުކުމަކީ ސްޕްރީމް ކޯޓްގެ ނިހާއީ ހުކުމް ކަމަށް މާނަކޮށްފައިވާކަމަށެވެ. 
އޭނާ ވިދާޅުވީ ސުޕްރިމް ކޯޓުން 2011 ވަަނަ އަހަރު ކޮށްފައިވާ ހުކުމް ބާތިލް ނުކުރާހާ ހިނދަކު އެމަނިކުފާނުގެ ނަންފުޅު އޮންނާނެކަމަށެވެ. އަދި ކެންޑިޑެސީ އިއުލާނުކުރުމުން އެ ކެންޑިޑޭޓަކަށް ލިބިދޭ ގާނޫނީ ހައްގުތަކާއި ގުޅިގެން ކޯޓުން ގޮތެއް ނިންމަން ޖެހޭކަމަށް ތާރިގު ވިދާޅުވިއެވެ. 
ތާރިގު ވިދާޅުވި ސުޕްރިމް ކޯޓުން 2011 ވަނަ އަހަރު އިއްވި ހުކުމަކީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އިސްމާއިލް އަބްދުލްހަކީމުގެ މައްސަލައެވެ. 
އިސްމާއީ އަބްދުލްހަމީދުގެ މައްޗަށ 1 އަހަރާއި ހަ މަސްދުވަހަށް އަރުވައިލުމުގެ ހުކުމެއް 29 އޯގަސްޓު 2011 ވަނަ ދުވަހު ކުރިމިނަލް ކޯޓުން ކުރިއެވެ. އަދި އެހިސާބުން މަޖިލީހުގެ މެންބަރެއްގެ ޝަރުޠު އުނިވެއްޖެކަމާމެދު ޚިލާފު އުފެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުނެވެ.
އެ ކޯޓުން ނިންމި ނިންމުމުގައި ބުނެފައިވަނީ މަޖިލީހުގެ މެންބަރެއްގެ ޝަރުތާމެދު ނުވަތަ މެންބަރެއްގެ ގޮނޑިއާމެދު ޚިލާފު އުފެދިއްޖެނަމަ އެކަމުގައި ބަސް ބުނާނީ ސުޕްރީމް ކޯޓު ކަމަށާއި، އިސްތިއުނާފުކުރުމުގެ ޙައްޤަކީ ކޮންމެ މީހަކަށްމެ ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ ޙައްޤެއް ކަމަށެވެ.
އަދި ކޯޓަކުން ކުރާ ކޮންމެ ޖިނާއީ ހުކުމަކީ އޭގެ ޒާތުގައި ތަންފީޒުކުރުމުގެ ޤާބިލުކަން ލިބޭ ހުކުމެއްކަމަށްވީ ނަމަވެސް އެ ހުކުމަށް ފުރިހަމަ ތަންފީޒީ ބާރު ލިބޭނީ ސުޕްރީމް ކޯޓުގެ ނިހާއީ ހުކުމަކަށްވުމުން ކަމަށް އެ ޤަޟިއްޔާގައި އެ ކޯޓުން ކަނޑައެޅިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ