އޭޝިއާގައި ލަޒްގަރީ ޕްރޮޕަޓީގެ އަގު ސިންގަޕޫރާއި ޖަޕާނަށްފަހު ބޮޑީ ރާއްޖޭގަ

ލަންކާގައި މަތީ ފަންތީގެ ޕްރޮޕަޓީއެއް ވިއްކާ އަގަކީ އަކަމީޓަރެއް 6.640 ޑޮލަށެވެ. ނަމަވެސް ރާއްޖޭގައި ހުރީ 11,546 ޑޮލަރަށެވެ. ރާއްޖެއަކީ ސާކު ސަރަހައްދުގެ ބިމުގެ އަގު އެންމެ ބޮޑު ގައުމެވެ.
ލަގްޒަރީ މަތީ ފަންތީގެ ޕްރޮޕަޓީތައް ވިއްކަން ލިބޭ އަގު އަކަމީޓަރަށް ޖެހޭ މިންވަރު ސިންގަޕޫރާއި ޖަޕާންފަހު އޭޝިއާ ސަރަހައްދުގައި އެންމެ ބޮޑީ ރާއްޖޭގައި ކަމަށް ޕްރޮޕަޓީ ވިއްކާ އެންމެ ބޮޑު އެއް ކުންފުނިން ބުނެފި އެވެ. 
މަތީ ފަންތީގެ ޕްރޮޕަޓީ ވިއްކާ ހޮސްޕިޓަލިޓީ އަދި ރިއަލް އެސްޓޭޓް ކޮންސަލްޓެންސީ ކުންފުންޏެއް ކަމަށްވާ ސީ9 ހޮޓެލްވޯކްސް އިން ނެރެފައިވާ ރިޕޯޓް ދައްކާ ގޮތުން އޭޝިއާ ސަރަހައްދުގައި ހައި އެންޑް ޕްރޮޕަޓީތަކުގެ އަގު ވަނީ ބޮޑުތަނުން މަތިވެގެން ގޮސްފަ އެވެ. އެ ކުންފުނިން އެކަނި 68,001 ޔުނިޓް މެނޭޖުކޮށް ބަލަހައްޓާއިރު މި ޕްރޮޮޕަޓީތަކުގެ ޖުމްލަ އަގު 26.6 ބިލިއަން ޑޮލަރަށް އަރަ އެވެ. 
ހައި އެންޑް ޕްރޮޕަޓީ މާކެޓުގައި އޭޝިއާ ސަރަހައްދުގައި ރަސްކަން ކުރާ ކަމަށް މި ރިޕޯޓުން ދައްކަނީ ތައިލެންޑެވެ. އެ ގައުމުގެ ޕުކެޓް އާއި ބެންކޮކް މި މާކެޓުގެ 23 ޕަސެންޓް ހިއްސާ ކުރެ އެވެ. އަދި އެ ގައުމަށްފަހު އެންމެ ގިނައިން ޕްރޮޕަޓީ ހުރި ވިއެޓްނާމް އެވެ. އެހެން ގައުމުތައް އުޅެނީ އޭގެފަހަތުގަ އެވެ. މިގޮތުން މި ޕްރޮޕަޓީތަކުގެ ތެރޭގައި ފްލެޓާއި ކޮންޑޯ އަދި ވިލާތަކާއި ފްލެޓުތައްވެސް ހިމެނެ އެވެ. 
ތައިލެންޑުގައި އެންމެ ގިނަ ޕްރޮޕަޓީތައް ހުރިނަމަވެސް މި ރިޕޯޓުގައިވާ ގޮތުން ރާއްޖެ އަށްވުރެ އަކަމީޓަރަކަށް ޖެހޭ އަގު ތައިލެންޑުގައި ދަށެވެ. އެ ގައުމުގެ ވެލިއު ދަށެވެ. އެހެންވެ ރާއްޖޭގައި ވިއްކާ މަދު ޕްރޮޕަޓީތަކުން ލިބޭ މަންފާ މަތިވެ އެވެ.ތައިލެންޑުގައި މަތީ ފަންތީގެ އެޕާޓްމަންޓެއްގެ އަކަމީޓަރެއް 5.478 ޑޮލަރުގެ ރޭޓުން ގަންނަން ލިބެ އެވެ. އެކަމަކު ރާއްޖޭގެ ޓޫރިޒަމްގައި ވިއްކާ މަތީ ފަންތީގެ ވިލާތަކުގެ އަގު ހުރީ އަކަމީޓަރެއް 11.546 ޑޮލަރެވެ. ރާއްޖެއާ ޓޫރިޒަމްގައި ވާދަވެރި އެހެން ގައުމުތަކުގެ އަގުތައް ހުރީ އަދި ބޮޑުތަނުން ދަށުގެ އެވެ. ރާއްޖެއާ އަގުގެ ގޮތުން ގާތް ކުރަނީ ދުނިޔޭގެ އެންމެ ބޮޑު ވިޔަފާރީގެ ހަބް ކަމަށްވާ ސިންގަޕޫރާއި ޖަޕާން އެވެ. 
ރާއްޖެއާ ޓޫރިޒަމްގައި ވާދަވެރި އެހެން ބައެއް ގައުމުތަކަށް ބަލާއިރު ސްރީލަންކާގައި ޔުނިޓެއްގެ އަގު ހުރީ 6.640 ޑޮލަށެވެ. އަދި ފިލިޕީންސްގައި ޔުނިޓެއް ވިއްކަނީ އަކަމީޓަރެއް 4.694 ޑޮލަރަށެވެ. އަދި މެލޭޝިއާގައި 5.730 ޑޮލަރަށެވެ. އަދި ވިއެޓްނާމްގައި 3.745 ޑޮލަރަށެވެ. މި ރިޕޯޓުން އެނގޭ ގޮތުގައި ރާއްޖެއަކީ ސާކު ސަރަހައްދުގައި އޮތް ބިމުގެ އަގު އެންމެ ބޮޑު ގައުމެވެ. 
ސީ9 ހޮޓެލްވޯކްސްގެ ރިޕޯޓް ދައްކާ ގޮތުން އެ ކުންފުނިން މި އަހަރު ރާއްޖޭގެ ހަ ޕްރޮޕަޓީއެއްގެ ޖުމްލަ 210 ޔުނިޓެއް މާކެޓުގައި އެބަހުއްޓެވެ. 
ރާއްޖޭގެ ޓޫރިޒަމްގައި ތަރައްގީކޮށްފައިވާ ވިލާތައް އަގު ބޮޑުކޮށް ވިއްކުމަކީ އާއްމު ކަމެކެވެ. މިގޮތުން މިހާރުވެސް ރާއްޖޭގެ ރިސޯޓެއް ކަމަށްވާ ޖޯލިބީން ރިސޯޓުން މިވަނީ ފަސް މިލިއަން ޑޮލަރު ، ގާތްގަނޑަކަށް 77 މިލިއަން ރުފިޔާ އަށް "އަމިއްލަ ގެއެއް" ހޯދުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން 40 މިނެޓުގެ ރާސްތާގައި އޮންނަ ޖޯލި ބީން ރިސޯޓުން ވިއްކަން ހުޅުވާލާފައިވަނީ އެއް ކޮޓަރިން ފެށިގެން ހަތަރު ކޮޓަރިއާ ދެމެދުގެ ވިލާތަކެވެ. އޭގެ ތެރޭގައި ބީޗް އަދި ވޯޓާ ވިލާ ވެސް ހިމެނެ އެވެ. މި ތަންތަން ބޭނުން ބަޔަކަށް އަމިއްލަ ގެއެއްގެ ގޮތުގައި ގަތުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. މިއީ އެތަން ގަންނަ ބައެއްގެ އަމިއްލަ މިލްކެކެވެ. ޖޯލި ބީން ރިސޯޓުން ވިއްކަން ހުޅުވާލާފައިވާ ތަންތަނުން ކޮންމެ ގެއެއްގެ ބޮޑު މިމުގައި 230-1،700 އަކަފޫޓު ހުރެ އެވެ. އެންމެ ހިތްގައިމު ޒަމާނީކޮށް ހަދާފައިވާ މި ތަންތަނުގައި ސުވިމިން ޕޫލާއި ސަން ޑެގު ހުރެ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ