ޕީއެސްއެމްގެ ހިޔާނާތުގެ މައްސަލަ ބަލަން އޭސީސީއަށް ފޮނުވައިފި

ޑޮލަރު ގަތުމުގެ ނަމުގައި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އިން ހިންގާފައިވާ ހިޔާނާތުގެ މައްސަލަ ބެލުމަށް ފުލުހުން އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ)އަށް ފޮނުވައިފިއެވެ.
އަސްލުޓީވީއަށް މައުލޫމާތުދެމުން ފުލުހުން ބުނީ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމުގެ އިހުތިސާސް އޮންނަނީ އޭސީސީގައި ކަމަށް ވުމުން އެ މައްސަލަ ފުލުހުން އޭސީސީ އަށް ފޮނުވާފައިވާކަމަށެވެ.
އޮޑިޓް ރިޕޯޓުން ދައްކާގޮތުގައި ޑޮލަރު ގަތުމުގެ ނަމުގައި ޕީއެސްއެމްއިން ހިންގާފައިވާ ހިޔާނާތުގެ ފައިސާއިން ކުރީގެ ފައިނޭންސް ޑިރެކްޓަރުގެ ދަރިއެއްގެ އެކައުންޓަށްވެސް 1 މިލިއަން ރުފިޔާ ޖަމާކޮށްފައިވެއެވެ.
ޮީޕީއެސްއެމްއަށް ޑޮލަރު ގަތުމަށް އަމިއްލަ ފަރާތްތަކަށް ދީފައިވާ ފައިސާގެ ތެރެއިން ބައެއް ފައިސާ ނުލިބިވާކަން ރިޕޯޓުން ދައްކާއިރު 9،034،083 (ނުވަ ލައްކަ ތިރީސް ހަތަރު ހާސް އަށްޑިހަ ތިން) ރުފިޔާ ޕީއެސްއެމްގެ މާލިއްޔަތުން ގެއްލިފައިވާ ކަމަށް އޯޑިޓް ރިޕޯޓުން ދައްކައެވެ.
މީގެ ތެރޭގައި ތިޖޫރީގައި ހުރި 4.26 މިލިއަން ރުފިޔާ ގެއްލިފައިވާއިރު 2017 އިން 2020އަށް އާމްދަނީގެ ގޮތުގައި ލިބުނު 4.23 ރުފިޔާ ކުންފުނީގެ އެކައުންޓަށް ޖަމާކޮށްފައެއްނުވެއެވެ. މި ފައިސާގެ ތެރެއިން 4.15 މިލިއަން ރުފިޔާ އެންމެ ފަހުން ހަވާލުވީކަމަށް ކުންފުނީގެ ރެކޯޑުތަކުން ދައްކަނީ ކުރީގެ ފައިނޭންސް ޑިރެކްޓަރެވެ. މިއަހަރު ބަލައިގަނެފައިވާ 31 ހާސް ރުފިޔާވެސް ޖަމާކޮށްފައެއްނުވާކަމަށް އޮޑިޓް ރިޕޯޓުން ދައްކައެވެ.
ތިޖޫރީގައި ހުރި 190 ހާސް ރުފިޔާ ގެއްލިފައިވާއިރު މި ފައިސާ ބޭންކަށް ޖަމާކުރުމަށް ހަވާލުވިކަމަށް ކުރީގެ ފައިނޭންސް ޑިރެކްޓަރު ސޮއިކޮށްފައިވާކަމަށް ދައްކައެވެ. މީގެ އިތުރުން ޑޮލަރު ގަތުމަށް ނެގި 4.58 މިލިއަން ރުފިޔާ ގެއްލިފައިވާއިރު 2020ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ އެޕްރީލު މަހުގެ ނިޔަލަށް އެކި ފަހަރު މަތިން ޖުމުލަ 373,988 (ތިން ލައްކަ ހަތްދިހަ ތިން ހާސް ނުވަ ސަތޭކަ އައްޑިހަ އަށް) ޑޮލަރަށްވާ 5,785,346 (ފަސް މިލިއަން ހަތް ލައްކަ އައްޑިހަ ފަސް ހާސް ތިން ސަތޭކަ ސާޅީސް ހަ) ރުފިޔާ ޕީއެސްއެމްގެ ބޭންކް އެކައުންޓުން ނަގައިފައިވެއެވެ.
އެ ފައިސާގެ ތެރެއިން 4,583,701 (ހަތަރު މިލިއަން ފަސް ލައްކަ އައްޑިހަ ތިން ހާސް ހަތް ސަތޭކަ އެއް) ރުފިޔާ އަށްވާ 297,257 ޑޮލަރު ޕީއެސްއެމަށް ލިބިފައެއްނުވެއެވެ. އަދި ޑޮލަރު ގަތުމަށް ނެގި ފާއިސާގެ ތެރެއިން ޕީއެސްއެމްއަށް ލިބިފައިވަނީ ހަމައެކަނި 1,201,645 (އެއް މިލިއަން ދެ ލައްކަ އެއްހާސް ހަ ސަތޭކަ ސަޅީސް ފަސް) ރުފިޔާ އަށްވާ 76,731 ޑޮލަރުކަމަށާއި އޮންލައިން ޓްރާންސްފާ ހަދައިގެން 1,284,479 (އެއް މިލިއަން ދެ ލައްކަ އައްޑިހަ ހަތަރުހާސް ހަތަރު ސަތޭކަ ހަތްދިހަ ނުވަ )ރުފިޔާ ޑޮލަރު ގަތުމަށް ނަގާފައިވާއިރު ޖުމްލަ 75,491 ޑޮލަރަށްވާ 1.16 މިލިއަން ރުފިޔާ އެކިފަހަރު މަތިން ޖަމާކޮށްފައިވަނީ ޕީއެސްއެމްގެ ކުރީގެ ފައިނޭންސް ޑިރެކްޓަރުގެ ދަރިއެއްގެ ބޭންކް އެކައުންޓަށް ކަމަށް އޮޑިޓް ރިޕޯޓުގައިވަނީ ބުނެފައެވެ.
ޕީއެސްއެމްގެ ކުރީގެ ވެރިން ހިންގާފައިވާ ބައެއް ހިޔާނާތުގެ އަމަލުތައް މިފަހުންވެސް އޯޑިޓް ރިޕޯޓުން ވަނީ ފާހަގަވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ