މަހްލޫފް މާބަނޑު އަންހެނެއްގެ ގައިގައި ޖެހި ކަމަށް ބުނާ މައްސަލަ ޕީޖީއަށް ފޮނުވައިފި

މާބަނޑު މީހެއްގެ ގައިގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ އަހްމަދު މަހްލޫފް ޖެހި ކަމަށް ބުނެ ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަ ބަލައި ތަހުޤީޤުކޮށް ނިންމައި، އެ މައްސަލައިގައި ދަޢުވާ ކުރަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
އެނގިފައިވާ ގޮތުގައި، މި މައްސަލައިގެ ތަހުޤީޤު ނިންމައި، މަހްލޫފްގެ މައްޗަށް ދަޢުވާ ކުރުމަށް ފުލުހުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވަނީ މިދިޔަ މަހުގެ ފަހު ހަފްތާ ތެރޭގަ އެވެ.
މާބަނޑު އަންހެނެއްގެ ގައިގައި މަހުލޫފް ޖަހާ ވީޑިއޯއެއް ކަމަށް ބުނެ، ރާއްޖެ ޓީވީއިން މީގެ ކުރިން ވަނީ ވީޑިއޯއެއް ޢާންމު ކޮށްފަ އެވެ.
ނަމަވެސް، މަހްލޫފް ވިދާޅުވެފައި ވަނީ އޭނާ އެފަދަ ކަމެއް ނުކުރާ ކަމަށާއި، އެއީ ދޮގެއް ކަމަށެވެ.
އަދި، މަހްލޫފް ވަނީ އެ ޗެނަލް އިން ވީޑިއޯ ދެއްކި މައްސަލައިގައި އެ ޗެނަލްއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންއަށް ހުށަހަޅާފަ އެވެ.
މި މައްސަލައިގައި ބްރޯޑްކާސްޓިންގ ކޮމިޝަނުން ބުނެފައި ވަނީ، ރާއްޖެ ޓީވީއިން ފަތުރާފައިވާ މި ޚަބަރަކީ ހަޤީޤަތާ ޚިލާފު ޚަބަރެއް ކަމަށް ބުނެ، އެ ޗެނަލްއިން މަހްލޫފަށް މަޢާފަށް އެދެން ޖެހޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ