ފަލަސްޠީނުގެ އިންތިޚާބު ފަސްވެދާނެކަމުގެ އިޝާރާތްތަކެއް

ފަނަރަ އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ބާއްވާ ފަލަސްޠީނުގެ އާންމު އިންތިޚާބު ކަނޑައަޅާފައިވާ ތާރީޚަށްވުރެ ފަސްވެދާނެކަމަށް ބެލެވިއްޖެއެވެ.
ފަލަސްޠީނުގެ ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބު މެއި މަހުގެ 22ވަނަ ދުވަހު ބާއްވާނެކަމަށާއި ޖުލައި މަހުގެ 31ވަނަ ދުވަހު ރިޔާސީ އިންތިޚާބު ބާއްވާނެކަމަށް އެ ޤައުމުގެ ރައީސް މަޙްމޫދު ޢައްބާސްވަނީ އިޢުލާނުކުރައްވައިފައެވެ. ނަމަވެސް ތާވަލާ އެއްގޮތަށް އިންތިޚާބު ބާއްވާނެކަމާމެދު އެ ޤައުމުގެ ރައްޔިތުންވަނީ ސުވާލު އުފައްދައިފައެވެ. 2005ވަނަ އަހަރުން ފެށިގެން ފަލަސްޠީނުގެ ރައީސްގެ މަޤާމުގައި ހުންނެވި މަޙުމޫދު ޢައްބާސް އިންތިޚާބުތައް ބާއްވާނެކަމަށް އިޢުލާނުކުރެއްވީ މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި އެމެރިކާގެ ރައީސްކަމާ ޙަވާލުވެވަޑައިގެންނެވި ޖޯ ބައިޑަންގެ ސަރުކާރާއެކު ރަނގަޅު ގުޅުމެއް ބޭއްވުމުގެ މަޤްޞަދުގައެވެ.
އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ އިތުމަރީ ޤުދުސްގައި ކުރިއަށް އޮތް އިންތިޚާބުތަކުގައި ވޯޓުލުން ބޭއްވުމުގެ ޙުއްދަނުދޭން އިސްރާއީލުން ނިންމާފައިވާކަމަށް ފަލަސްޠީނުގެ ސަރުކާރަށް ނިޞްބަތްވާ އިސްފަރާތަކުންވަނީ ބުނެފައެވެ. އިރުމަތީ ޤުދުސްގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުންނަށް ވޯޓުލުމުގެ ފުރުޞަތު ނުލިބޭނަމަ އިންތިޚާބު ބޭއްވުން ފަސްވެދާނެކަމަށް އެ ޤައުމުގެ ރައީސްގެ އަރިސް ބޭފުޅުން ވިދާޅުވެއެވެ.
ސިޔާސީ މަޝްރަހު ދިރާސާކުރާ ބައެއް ތަޖުރިބާކާރުން ބުނީ ޢައްބާސަށް އިންތިޚާބު ކާމިޔާބު ނުކުރެވިދާނެކަމުގެ ބިރު އޮތުމުން ޤުދުސްގައި ވޯޓުނުލެވޭ މައްސަލަ ހުއްޖަތަކަށް ދައްކަވައި އިންތިޚާބު ލަސްކުރުމަށް ބޭނުންފުޅުވުން އެކަށީގެންވާކަމަށެވެ. އިންތިޚާބު ބާއްވާނެކަމަށް އިޢުލާނުކުރުމުން ޢައްބާސްގެ ފަތަޙު ޕާޓީގެ ތެރޭގައި ގިނަ ބައިބައިވުންތަކެއްވަނީ އުފެދިފައެވެ. އެއާއެކު ވާދަވެރި ޙަމާސް ޖަމާޢަތަށް އިންތިޚާބު ކާމިޔާބުކުރުމުގެ ފުރުޞަތު އިތުރުވުން އެކަށީގެންވެއެވެ.
ޣައްޒާގައި ވެރިކަންކުރާ ޙަމާސާއި ފަލަސްޠީނުގެ އެހެނިހެން ސިޔާސީ ޕާޓީތަކުންވަނީ އިންތިޚާބު ފަސްކުރުމަށް ދެކޮޅުކަމަށް ބުނެފައެވެ. އިންތިޚާބު ފަސްކުރުމުގެ މަޝްވަރާތަކެއް ނުކުރާނެކަމަށާއި އޭގެ ބަދަލުގައި ޤުދުސްގައި އިންތިޚާބު ބޭއްވޭނެގޮތެއް ހޯދުމަށް މަޝްވަރާކުރަން ޖެހޭކަމަށް ޙަމާސުންވަނީ ބުނެފައެވެ.
އިސްރާއީލާއި ފަލަސްޠީނުގެ މައްސަލައިގެ އެންމެ މައިގަނޑު އެއް ދެބަސްވުމަކީ ޤުދުސްގެ މައްސަލައެވެ. 1967ވަނަ އަހަރު ކުރި ހަނގުރާމައިގައި އިސްރާއީލުންވަނީ އިރުމަތީ ޤުދުސާއި ހުޅަނގު އައްސޭރިއާއި ޣައްޒާ އިސްތިޢުމާރުކޮށްފައެވެ. އެއީ އިސްރާއީލުގެ ބައެއްކަމަށް ބައިނަލްއަޤްވާމީ ދުނިޔެއިން ބަލައިއެއްނުގަނެއެވެ. ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެ ޤައުމުގެ ވެރިރަށުގެ ގޮތުގައި އިރުމަތީ ޤުދުސް ޤާއިމުކުރުމަށް ފަލަސްޠީނުން ބޭނުންވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ