ޔާމީން ގެއަށް ބަދަލު ކުރާނީ ޑޮކްޓަރުން ދޭ ލަފައަށް ބަލާފައި: ސަރުކާރު

މަނީ ލޯންޑަރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލު ކުރާނީ ޑޮކްޓަރުންގެ ލަފަޔަށް ބެލުމަށް ފަހު ކަމަށް ސަރުކާރުން ބުނެފި އެވެ.
މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީންގެ ސިއްހީ ހާލަތު ހުރި ގޮތުން ގެއަށް ބަދަލު ކުރުމަށް އެދި އެ މަނިކުފާނުގެ އާއިލާ އިން ވަނީ ހޯމް މިނިސްޓްރީ އަށް ސިޓީއެއް ފޮނުވައިފަ އެވެ. އިދިކޮޅު ޕީޕީއެމް/ޕީއެންސީން ވެސް އިއްޔެ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލުކޮށް، ޔާމީން ގެއަށް ބަދަލު ކޮށްދިނުމަށް އެދިފަ އެވެ.
އެކަމާ ގުޅޭ ގޮތުން "މިހާރު" އިން ކުރި ސުވާލު ކުރުމުން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ޔާމީންގެ އާއިލާ އިން ފޮނުވި ސިޓީ ލިބިފައިވާ ކަމަށާއި ގެއަށް ބަދަލު ކުރުމުގައި އަމަލު ކުރާނީ އާންމު އުސޫލުން އެކަން ކުރާ ގޮތަށް ޑޮކްޓަރުގެ ލަފާގެ މަތިން ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން ވެސް ރައީސްއާ މައިގަނޑު ގޮތެއްގައި ދެއްކެވީ ހަމަ އެ ވާހަކަ ކަމަށާއި ގާނޫނީ އިމުގެ ތެރެއިން ކޮށްދެވެން ހުރި ކަންކަން ބައްލަވައި ދެއްވާނެ ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.
މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށް ލާން ކުރި ހުކުމް ހައި ކޯޓުން ދާދި ފަހުން ދަމަހައްޓާފައިވާއިރު، އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ މަސައްކަތް ވަކީލުން އަންނަނީ ކުރައްވަމުންނެވެ. މަނީ ލޯންޑްރިންގެ އިތުރު ދައުވާއަކާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއެއް ޔާމީންގެ މައްޗަށް މިހާރު އުފުލައި، ޝަރީއަތް ދަނީ ހިނގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ