ށ. ފޯކައިދޫގައި ކޭބަލް ޓީވީގެ ހިދުމަތް ދެމުން ގެންދާ ފަރާތުން ޑިޖިޓަލްކޮށް އެ ހިދުމަތް ދިނުމުގެ މަސައްކަތް ކުރުމަށް، ހިދުމަތް މެދު ކަނޑާލުމާ ގުޅިގެން އެރަށުގެ ރައްޔިތުން ކައުންސިލް އިދާރާ ކައިރިއަށް އެއްވެއްޖެ އެވެ.
އެރަށު ކައުންސިލްގެ ރައީސް މުހައްމަދު ރާޝިދު 'ސަން'އަށް ވިދާޅުވީ، މިއަދު މެންދުރު އެރަށުގެ ބަޔަކު ކައުންސިލް އިދާރާ ކައިރިއަށް އެއްވީ ކައުންސިލުން އެކަމާ ބެހޭ ގޮތުން ރައްޔިތުންނާ ބައްދަލުކުރަން ބޭނުންވެގެން ކަމަށާއި ކޭބަލް ޓީވީގެ ހިދުމަތް ދެމުން އަންނަ އެރަށުގެ ކުންފުނިން އެ ހިދުމަތް ޑިޖިޓަލްކޮށް ފޯރުކޮށްދިނުމަށް މިހާރު އެ ހިދުމަތް ގިނަ ގެތަކުން ކަނޑާލާފައިވާ ކަމަށެވެ.
"ކައުންސިލުން ރޭ ވަނީ ކޭބަލް ޓީވީގެ ހިދުމަތް ދޭ ފަރާތާ ބައްދަލުކޮށްފައި. ކުރިން އެ ކުންފުނިން ކޭބަލް ޓީވީގެ ހިދުމަތް ދެމުން ގެންދިޔައީ އެނަލޮގްކޮށް ނަމަވެސް މިހާރު އަލުން އެ ހިދުމަތް ބޭނުންވާ ފަރާތްތަކަށް އެ ހިދުމަތް ދޭނީ ޑިޖިޓަލްކޮށް ކަމަށްވާތީ އެކަމަށް އިތުރަށް ޗާޖުކުރާތީ ރައްޔިތުންގެ ގިނަ ޝަކުވާތަކެއް އަންނަނީ ލިބެމުން. އެހެންވެ ކޭބަލް ޓީވީގެ ހިދުމަތް ދޭ ފަރާތުން ވަނީ ލޯކަލް ހަތަރު ޗެނަލެއް ނަމަވެސް އެނަލޮގްކޮށް ދޭން ނިންމައިފައި. އެ ވާހަކަތައް ދައްކަން ރައްޔިތުން އެއްކުރީ،" ރާޝިދު ވިދާޅުވި އެވެ.
ފޯކައިދޫގައި ކޭބަލް ޓީވީގެ ހިދުމަތް ދެމުން އަންނަ އެރަށު ނޫރަން ޕިކްޗާސް (އެންޕީ) އިން ބުނީ އެފަރާތުން ކޭބަލް ޓީވީ ޑިޖިޓަލް ކުރިކަމުގައި ވީ ނަމަވެސް ޚިދުމަތުގެ އަގަށް އެއްވެސް ބަދަލެއް ނުގެންނަ ކަމަށާއި އެހެން ނަމަވެސް، ހިދުމަތް ލިބިގަތުމަށްޓަކައި ކަސްޓަމަރުން އެ ކުންފުނިން ދޫކުރާ ޑިޖިޓަލް ރިސީވަރެއް ބައްލަވައިގަންނަން ޖެހޭނެ ކަމަށެވެ.
"އަޅުގަނޑުމެން ދެމުން ގެންދާ ހިދުމަތް ޒަމާނީ ފެންވަރަށް ބަދަލުކުރުމުގެ ގޮތުން އެނަލޮގުން ޑިޖިޓަލްއަށް މި ބަދަލުކުރަނީ. މަހުފީ އަކީ ހަމަ ކުރިންވެސް ދޫކުރަމުން އައި ދެ ޕެކޭޖަށް ދައްކަވާ އަގު. އެއީ 100 ރުފިޔާގެ ޕެކޭޖަކާއި 150 ރުފިޔާގެ ޕެކޭޖެއް،" އެންޕީގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވި އެވެ.
"ދެން އަޅުގަނޑުމެންގެ ހިދުމަތް ލިބިގަންނަ ފަރާތްތަކުން ޖެހޭނެ އެ ހިދުމަތް ލިބިގަތުމަށް ބޭނުންކުރާ ޑިޖިޓަލް ރިސީވަރު ބައްލަވައިގަންން. އޭގެ ރިސީވަރެއްގެ އަގަކީ 1700 ރުފިޔާ."
އެންޕީއިން ބުނީ، އެ ކުންފުނިން ދޫކުރާ ޑިޖިޓަލް ރިސީވަރު ބައްލަވައިގަތުމަށް އެއްފަހަރާ ފައިސާ ނުދެއްކޭ ފަރާތްތަކަށް އިންސްޓޯލްމަންޓް ތަކަކަށް ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތުވެސް ހުޅުވިފައިވާ ކަަމަށެވެ.
"ޑިޖިޓަލް ރިސީވަރު ބައްލަވައިގަންނަވާ އިރު އެއްފަހަރާ ފައިސާ ދައްކަވަން ދަތިފުޅުވާ ކަސްޓަމަރުންނަށް، ލުއިކޮށް ދިނުމުގެ ގޮތުން އަޅުގަނޑުމެން ނިންމާފައި މިވަނީ، 3 މަހަށް ނުވަތަ 6 މަހަށް ނަމަވެސް ބަހާލައިގެން އެ ފައިސާ ދެއްކޭނެ ގޮތެއް ހަމަޖައްސައިދޭން،" އޭނާ ވިދާޅުވި އެވެ.
އަލަށް ކަނެކްޝަން ދޫކުރުމަށް އެ ކުންފުނިން 1000 ރުފިޔާ ކަސްޓަމަރުން އަތުން ނަގައިގެން އަޅަފައިވާ ކޭބަލް ތަކަކީ ކަސްޓަމަރުންގެ ތަކެތި ކަމަށާއި އަދި އެނަލޮގްކޮށް ލޯކަލް ހަތަރު ޗެނަލެއް ދޫކުރުން އެއީ "ކުރެވޭނެ ކަމެއްތޯ ނުވަތަ ނޫންތޯ" ރަށުގެ ރައްޔިތުންނާ މަޝްވަރާ ކުރަމުން ގެންދާކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
ފޯކައިދޫގައި ކޭބަލް ޓީވީ ޑިޖިޓަލް ކުރާތީ ރައްޔިތުން ނުރުހުންފާޅުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ